
ބާޒާރު ސަރަހައްދުގައި ހުރި ޕާކިންގ ލައިންތައް އާކޮށް، ޕާކިންގ ޒޯނަށް ޚާއްޞަ ދިމާތަކެއް ކަނޑައަޅަނީ..
ބާޒާރު ސަރަހައްދުގައި ހުރި ޕާކިންގ ލައިންތައް އާކޮށް، ޕާކިންގ ޒޯނަށް ވަކި ޚާއްޞަ ދިމާތަކެއް ކަނޑައަޅަން ނިންމާފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބުނެފިއެވެ.
ފުލުހުން ބުނީ މިކަން ކުރަނީ ސިޓީ ކައުންސިލުގެ އެހީތެރިކަމާއެކުގައި ކަމަށެވެ. އަދި ސައިކަލާއި 350 ޓަނުން ދަށުގެ ޕިކަޕް ޕާކް ކުރުމަށް ވަކި ޒޯނެއް އޮންނާނެ ކަމަށެވެ.
މީގެ އިތުރުން މުދާ ބޭލުމަށާއި މުދާ އެރުވުމަށް މީރުބަހުރު ބަނދަރުން ފެށިގެން އެމްއެމްއޭ ސަރަޙައްދާ ހަމައަށް މިހާރުވަނީ 11 ޕޮއިންޓެއް ކަނޑައަޅާފައި ކަމަށާއި އެނޫން އެއްވެސް ދިމާލެއްގައި މުދާ ބޭލުމަށާއި މުދާ އެރުވުމަށް ޓްރެފިކް ފުލުހުން ފުރުޞަތު ނުދޭނެ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން އިތުރަށް ބުނީ ބާޒާރުމަތީ ސަރަހައްދުތަކުގައި ކަނޑައަޅާފައި ހުންނަ ޕާކިންގ ޒޯންތަކުގައި ގިނަ އެއްޗެހި ބަހައްޓާފައި ހުންނަ ކަމަށާއި މިރޭ 12 އިން ފެށިގެން ޕާކިންގ ޒޯންތަކުގައި އެއްވެސް އެއްޗެއް ބަހައްޓާފައި ހުރި ނަމަ، އެ އެއްޗެއް ނަގާނެ ކަމަށެވެ.
ކުރީ އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުގެވެސް ރޯދަމަހު މާލޭގެ ޓްރެފިކް ބެލެހެއްޓުމަށް ފުލުހުންގެ ޚާއްޞަ ޓީމެއް ހަރަކާތްތެރިވާން ވަނީ ނިންމާފައެވެ. އަދި ރޯދަ މަހު 12:30 އިން ފެށިގެން 18:30 އާ ހަމައަށް އެމްއެމްއޭ އިން ފެށިގެން މީރުބަހުރު ބަނދަރާ ހަމައަށް ޢާންމު ދަތުރުފަތުރު ކުރަން ވެހިކަލްތައް ބޭނުން ނުކުރެވޭނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.



