
ރޯދައަށް ހަނދުބެލުން މިއަދު ހަވީރު
މި އަހަރުގެ (1440 ) ވަނަ އަހަރުގެ ރަމަޟާން މަހަށް ހަނދުބެލުމުގެ މަސައްކަތް މިއަދު ކުރިއަށްދާނެ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފިއެވެ.
ޑީޖޭއޭ އިން ބުނީ ރަމަޟާންމަހުގެ ހަނދުގެ މައްސަލަ ވަކި ގޮތަކަށް ނިމެންދެން 04 މެއި ވާ ހޮނިހިރު ދުވަހުގެ ހަވީރު 5:30 އިން ފެށިގެން އެ ޑިޕާޓްމަންޓާއި، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި، ރަށު ކައުންސިލްގެ އިދާރާތަކާއި، އަތޮޅު ކައުންސިލްގެ އިދާރާތައް ހުޅުވިފައި ހުންނާނެ ކަމަށެވެ.
އެގޮތުން ކުރީ އަހަރުތަކެކޭ ވެސް އެއްފަދައިން މި އަހަރު ވެސް ރަމަޟާން މަހުގެ ހަނދު ސާބިތު ކުރުމަށްޓަކައި މި އަހަރުގެ ރަމަޟާންމަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރުމަށް ހަމަޖެހިފައި ވަނީ މާލޭގައި ނަމަ މާލޭގެ ކޯޓެއްގެ ޤާޟީއެއްގެ ކުރިފުޅު މަތީގައެވެ.
އަތޮޅުތަކުގައި ނަމަ އެރަށެއްގެ މެޖިސްޓްރޭޓްކޯޓުގެ މެޖިސްޓްރޭޓުގެ ކުރިފުޅު މަތީގައެވެ. އަދި މެޖިސްޓްރޭޓެއް ނެތް ރަށެއްގައިނަމަ އެވަގުތަކު ރަށުކައުންސިލްގެ އިދާރާ ހިންގެވުމާއި ހަވާލުވެ ހުންނެވި އިސް ވެރިއެއްގެ ކުރިފުޅު މަތީގައި ކަމަށް ޑީޖޭއޭއިން ބުނެއެވެ.
އެހެން ކަމުން ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ވީހާ އަވަހަކަށް މާލޭގައިނަމަ ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނަށް ރަށްރަށުގައިނަމަ އެރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް، އަދި މެޖިސްޓްރޭޓަކު ނެތް ރަށެއްގައިނަމަ އެރަށެއްގެ ރަށު ކައުންސިލްގެ އިދާރާއަށް ޙާޟިރުވެ ހަނދާބެހޭ މައުލޫމާތު ދިނުމަށް ޑީޖޭއޭ އިން އިލްތިމާސް ކުރެއެވެ.
ދުނިޔޭގެ އިސްލާމީ ވަރަށް ގިނަ ގައުމުތަކަށް މިއަދަކީ، މި އަހަރުގެ ޝަޢުބާން މަހުގެ 29 ވަނަ ދުވަހެވެ. އެހެންކަމުން އެ ގައުމުތަކަށް މިއަދުގެ އިރު އޮއްސުމާ އެކު، 1440 ވަނަ އަހަރުގެ ރަމަޟާން މަހަށް ހަނދު ބެލުމުގެ މަސައްކަތް ކުރިޔައްދާނެއެވެ. ހަމަ އެގޮތަށް ރާއްޖޭގައި ވެސް ރަމަޟާން މަހަށް ހަނދުބެލުމުގެ މަސައްކަތް މިރޭ ކުރިޔައްދާނެއެވެ.
ނަމަވެސް މިރޭ ހަނދު ނުފެނިއްޖެ ނަމަ، ހިނގަމުންދާ މަހުން 30 ދުވަސް ހަމަ ކުރުމަށް ފަހު ރަމަޟާން މަސް ފަށާނެއެވެ.



