
މާރެސް އަތޮޅުވޮލީބޯޅަ މުބާރާތުގައި މިއަހަރު 10 ޓީމް
ބ. މާޅޮސް ރެކްރިއޭޝަން އެންޑް އެންވަޔަރމަންޓް ސޮސައިޓީ (މާރެސް) އިން ބާއްވާ އަތޮޅު ވޮލީބޯޅަ މުބާރާތުގައި މިއަހަރު 10 ޓީމު ބައިވެރިވެފައިވާކަމަށް މާރެސް އިން ބުނެފިއެވެ.
އެޓޯލް ނިއުސްއަށް މަޢުލޫމާތުދެމުން މާރެސް އިން ބުނީ ބ. އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތް ފެށުމަށް ތާވަލުކޮށްފައިވަނީ އެޕްރީލް މަހު 12 ވަނަ ދުވަހު ކަމަށެވެ. އަދި މިއަހަރުގެ މުބާރާތުގައި ބައިވެރިވެފައިވަނީ އަންހެން 4 ޓީމާއި ފިރިހެން ޑިވިޜަންގެ 6 ޓީމު ކަމަށެވެ.
އަންހެންޑިވިޜަން މެޗުތައް އެޕްރީލް 12 ން 18 އަށް ކުރިއަށްދާ އިރު، މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ފައިބެއަހަރުގެ ޗެމްޕިއަން ގޮއިދޫ އާއި މުބާރާތުގެ ފުރަތަމަ އަހަރުގެ ޗެމްޕިއަން ދަރަވަންދޫ އެވެ.
މި ދެޓީމުގެ އިތުރުން މިމުބާރާތުގައި ބައިވެރިވެފައިވަނީ މާޅޮސް އަދި ކަމަދޫ އެވެ.
ފިރިހެން ޑިވިޜަންގެ މެޗުތައް ކުރިއަށްދާނީ އެޕްރީލް 19ން 27 އަށެވެ. ފިރިހެން ޑިވިޜަންގައި ވާދަކުރަނީ ގޮއިދޫ، މާޅޮސް، ދަރަވަންދޫ، ކުޑަރިކިލު އަދި މިމުބާރާތުގައި އަލަށް ވާދަކުރާ ކަމަދޫ އަދި ދޮންފަނެވެ.
މާރެސް ޖަމިއްޔާއިން 2016 ވަނަ އަހަރު ފެށި މިމުބާރާތުގައި މިހާތަނަށް ވަނީ އަންހެން ޑިވިޜަންގެ 3 މުބާރާތެއް ބާއްވާފައެވެ.
ވޭތުވެދިޔަ އަހަރުގެ މުބާރާތުގައި އަތޮޅުގެ 5 ރަށަކުން 8 ޓީމުވަނީ ވާދަކޮށްފައެވެ.
ފިރިހެން ޑިވިޜަން އަދި އަންހެން ޑިވިސަންގެ ފައިނަލްގައިވެސް މާޅޮސް ބަލިކޮށް ޗެމްޕިއަން ހޯދާފައިވަނީ ގޮއިދޫ ޓީމެވެ.
މިމުބާރާތުގެ މަގްޞަދަކީ އަތޮޅުގައި ތިބި ވޮލީކުޅުންތެރިންނަށް މުބާރާތެއްގައި ވާދަކޮށް އެކުޅުންތެރިންގެ ހުނަރު ދައްކާލުމަށް ފުރުޞަތުހޯދައި ދިނުމާއި ކުުޅުންތެރިންގެ ހުނަރު ރަނގަޅުކުރުމާއެކު އެކުވެރިކަން އާލާ ކުރުމެވެ.



