
ރާއްޖޭގެ 21 ރަށެއްގައި ފުޓްސަލް ދަނޑު އަޅަނީ
ޗައިނާ ސަރުކާރުން ދިން އެހީއެއްގެ ދަށުން ރާއްޖޭގެ 21 ރަށެއްގައި ޓާފް ފުޓްސަލް ދަނޑު އަޅަން ސްޕޯޓްސް މިނިސްޓްރީން މިއަދު ނިންމައިފިއެވެ.
ޔޫތު މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި އެކްޓިން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އެ ޕްރޮޖެކްޓަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުއްދަ ދެއްވާފައިވާ ކަމަށާއި ދަނޑު އެޅުމަށް ހަމަޖެހިފައިވަނީ ސްޕޯޓްސް އޮޑިޓަށް ބެލުމަށް ފަހު، އެއްވެސް ވަސީލަތެއް ނެތް ރަށްތަކުގައި ކަމަށެވެ. އަދި މި ކަމުގެ އަމަލީ މަސައްކަތް ވެސް މާދަމާ ފަށާނެ ކަމަށް މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.
އަލީ ވަހީދު އިތުރަށް ވިދާޅުވީ މީގެ ކުރިން ފުޓްސަލް ދަނޑުތައް އިމާރާތް ކުރެވިފައި ހުރީ އާބާދީ ބޮޑެތި ރަށްރަށުގައި އެކަނި ކަމަށާއި ނަމަވެސް މި ސަރުކާރުގެ ސިޔާސަތަކީ ހުރިހާ ރައްޔިތުން ވެސް ހިމެނޭ ގޮތަށް ކަންކަން ކުރުމަށް ކަމަށެވެ.
ޓާފް ފުޓްސަލް ދަނޑު އަލަން ހަމަޖެހިފައިވާ ރައްތަކަކީ ހއ.21 ރަށެއްގައި ފުޓްސަލް ދަނޑު އަޅަން ނިންމައިފި މޮޅަދޫ، ހދ. ފިނޭ، ހދ. ހިރިމަރަދޫ، ށ. ނޫމަރާ، ނ. ހެބަނދޫ، ނ. ފޮއްދޫ، ނ. މަގޫދޫ، ރ. އަނގޮޅިތީމު، ރ. ފައިނު، ބ. ދޮންފަނު، ބ. ކިހާދޫ، ބ. ފުޅަދޫ، ބ. ފެހެންދޫ، އދ. މަންދޫ، މ. ރަތްމަންދޫ، މ. ވޭވަށް، ތ. ބުރުނި، ތ. ވަންދޫ، ލ. މުންޑޫ، ވ. ތިނަދޫ، ދ. ރިނބުދޫ އެވެ.
ދަނޑު އަޅާން ޓާފާއި އެނޫން ސާމާނުތައް ޗައިނާ ސަރުކާރުން ދިންއިރު، އެހެނިހެން ހަރަތުތައް ކުރާނީ ސަރުކާރުންނެވެ. އަދި މާދަމާ އިން ފެށިގެން ސާމާނުތައް ރަށްރަށަށް ފޮނުވައި ވީހާ ވެސް އަވަހަކަށް މަސައްކަތް ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ ދަނޑުތައް އަޅާއިރު އެންމެ ބޮޑަށް ވިސްނަނީ ވިޔަފާރި މޮޑެލަށް ހިންގަން ކަމަށާއި މަރާމާތުކުރުން ފަދަ ކަންކަމަށް އަބަދުވެ ރައްޔިތުންގެ ޓެކްސް ފައިސާ އިން ހަރަދުކުރުމަކީ ދެކޮޅު ޖެހޭނެ ކަމެއް ނޫން ކަމަށެވެ.
މީގެ އިތުރުން ކުރީ ސަރުކާރުން އަޅަން ރާވައި ނުފެށި ހުރި ދަނޑުތަކުގެ ޕްރޮޖެކްޓްތަކާ ބެހޭގޮތުން އެފްއޭއެމްއާ މަޝްވަރާކޮށް އެކަން ވީހާ ވެސް އަވަހަކަށް ފެށޭތޯ މަސައްކަތްކުރައްވާނެ ކަމަށްވެސް އަލީވަހީދު ވިދާޅުވި އެވެ. އަދި މާފަންނު ވެލި ދަނޑުގައި އިތުރު ޓާފް ދަނޑެއް އަޅަން ފީފާ އިން ދީފައިވާ ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް އެފްއޭއެމްއާ އެކު އަންނަ ހަފުތާގައި މަޝްވަރާކުރައްވާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.



