
މިއަހަރު އެފްއޭއެމްއަށް 90 މިލިއަން ރުފިޔާގެ ބަޖެޓެއް
ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ (އެފްއޭއެމް) ގެ މި އަހަރުގެ ބަޖެޓަށް 90.4 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސް ކޮށްފި އެވެ.
90.4 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސް ކޮށްފައިވަނީ މިއަދު ބޭއްވި އެފްއޭއެމްގެ އަހަރީ ކޮންގްރެސްގައެވެ. މި ކޮންގްރެސްގައި ހުށަހެޅި ބަޖެޓްގެ ޖުމުލަ އަދަދަކީ، 94،970،790.84 (ނުވަދިހަ ހަތަރު މިލިއަން ނުވަލައްކަ ހަތްދިހަ ހާސް ހަތްސަތޭކަ ނުވަދިހަ ރުފިޔާ. އައްޑިހަ ހަތަރު ލާރި) އެވެ. އާންމުދަނީގެ ގޮތުގައި އެފްއޭއެމްއަށް ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ، 90،433،686.78 (ނުވަދިހަ މިލިއަން ހަތަރު ލައްކަ ތިރިސްތިން ހާސް ހަސަތޭކައައްޑިހަ ރުފިޔާ. ހަތްދިހައަށް ލާރި) އެވެ. އެހެން ކަމުން 4،537،104.06 (ހަތަރު މިލިއަން ފަސްލައްކަ ތިރީސްހަތް ހާސް ސަތޭކަ ހަތަރު ރުފިޔާ. ހަ ލާރީ) އަކީ ދަރަނި ބަޖެޓެކެވެ.
މި ބަޖެޓަށް ސްޕޮންސާޝިޕުގެ ގޮތުގައި 43.2 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ހިމަނާފައިވެ އެވެ. މީގެ އިތުރުން ފީފާ އިން 31.2 މިލިއަން ރުފިޔާ، އޭއެފްސީން 10.8 މިލިއަން ރުފިޔާ، ސްޕޯޓްސް މިނިސްޓްރީން 1.8 މިލިއަން ރުފިޔާ އަދި ޓިކެޓް ވިއްކައިގެން 405،000 ރުފިޔާ ލިބޭނެ ކަމަށް ޖަހާފައިވެ އެވެ.

ހަރަދުތަކަށް ބަލާއިރު ޑިވެލޮޕްމަންޓަށް 30 މިލިއަން ރުފިޔާ، ޕްރޮޖެކްޓްތަކަށް 14.9 މިލިއަން ރުފިޔާ، އިދާރީ ކަންކަމަށް 13.2 މިލިއަން ރުފިޔާ، ޓެކްނިކަލް ޑިވެލޮޕްމަންޓަށް 5.9 މިލިއަން ރުފިޔާ، މުބާރާތްތަކަށް 9.2 މިލިއަން ރުފިޔާ އަދި ގައުމީ ޓީމަށް 8.4 މިލިއަން ރުފިޔާ ޖަހާފައިވެ އެވެ.
މި ބަޖެޓަށް ކޮންގްރެސް އަށް ހާޒިރުވި 13 ކްލަބުގެ ތެރެއިން 12 ކްލަބަކުން ތާއީދުކޮށްފައިވާއިރު، މި ބަޖެޓަށް ވޯޓް ނުދޭ ހަމައެކަނި ކުލަބަކީ ވިކްޓްރީ ސްޕޯޓްސް ކުލަބެވެ.




