
އަންނަ ހުކުރު ދުވަހު، ނިއު ޒިލޭންޑްގެ ގައުމީ ޓީވީންނާއި ރޭޑިއޯއިން ބަންގީގެ އަޑު ބްރޯޑްކާސްޓް ކުރަނީ،…..
ނިއު ޒިލޭންޑްގެ ދެ މިސްކިތަކަށް މިދިޔަ ހުކުރު ދުވަހު ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އަންނަ ހުކުރު ދުވަހު ގައުމީ ޓީވީންނާއި ރޭޑިއޯއިން ބަންގި ފޮނުވާނެ ކަމަށް، އެގައުމުގެ ބޮޑު ވަޒީދު ޖަސިންދާ އާދާން ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ނިއުޒީލެންޑްގެ މަސްހޫރު ނޫސް މަޖައްލާއެއް ކަމުގައިވާ ޓައިމްސް ނިއުޒީލެންޑް އަށް ދިން ބަސްދީ ގަތުމެއްގައެވެ. މި ބަސްދީގަތުމުގައި މިސްކިތަށް ދިން ހަމަލާ ވަރަށް ހަރުކަށިއިބާރާތުން ކުއްވެރިކުރަމުން ޖަސިންދާ އާދާން ވިދާޅުވީ ނިއުޒިލެންޑްގެ ޤައުމީ ޓީވީންނާއި ރޭޑިއޯއިން ބަންގީގެ އަޑު ދުރަށް ފޮނުވާނެ ކަމަށާއި އެކަން އެގޮތަށް ކުރުމަށް ހަމަޖެއްސީ ނިއުޒިލެންޑްގެ ސަރުކާރުވެސް މުސްލިމުންނާއި އެކު ތިބިކަން ހާމަކޮށްދެއްވުމުގެ ގޮތުންކަމަށެވެ.
އާދާން ވިދާޅުވީ އެގައުމުގެ މުސްލިމުންގެ ތެރެއިން 50 މީހަކު ޝަހީދުކޮށްލި އަދި އެތަކެއް ބައެއްގެ ދިރިއުޅުން ވެއްޔާއި މޮޑެލި ނުލަފާ މީހާގެ ނަންވެސް ގަންނަން ބޭނުންނުވާކަމަށާއި، އަދި އެއްވެސް ފަރާތަކުން އެ މީހާއަށް މަޝްހޫރު ކަމެއް ލިބޭފަދަގޮތަކަށް އަމަލުކޮށްގެންނުވާނޭކަމަށެވެ.
އެކަމަނާ ވިދާޅުވީ އެއީ ހަމަ ސީދާ ޓެރަރިސްޓެއް ކަމަށާއި އޭނާ ލޯޔަރުވެސް ދޫކޮށްލީ އަމިއްލަ އެޖެންޑާ ކޯޓުގައި ފަތުރަންކަމަށްވެސް އާދާން ވިދާޅުވިއެވެ. އާދާން އިތުރަށް ވިދާޅުވީ މި ޓެރަރިސްޓު ހަމަލާދިން މީހާއާއި މެދު މީޑިއާތަކުން ވެސް ސަމާލުވެ ތިބެން ޖެހޭނެކަމަށާއި އޭނާގެ އެޖެންޑާ ފެތުރިޔަ ދީގެން ނުވާނެކަމަށެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ނިއުޒިލެންޑްގެ ބޮޑުވަޒީރު ޖަސިންދާ އާދާން ވިދާޅުވީ ގައުމުގެ ގާނޫނުތައް ބަދަލުކޮށްގެންވެސް އޭނާއަށް ހައްގު އަދަބު ދޭނެކަމަށެވެ.
ނިއު ޒިލޭންޑްގެ ބޮޑު ވަޒީރު، އެ ގައުމުގެ މުސްލިމުންނާ ދޭތެރޭ ބަހައްޓަމުންދާ އޯގާތެރި ކަމަށް މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވާ އިރު، އެކަމަނާ ނިންމާފައި ވަނީ ބަންގީގެ އަޑު އިއްވުމުގެ އިތުރުން އަންނަ ހުކުރު ދުވަހު ދެ މިނެޓްގެ ހާއްސަ ސްކޫތެއް ވެސް ގެނައުމަށެވެ.
އެފަދަ ގޮތަކަށް ގައުމަށް ބަންގީގެ އަޑު އިއްވުމަށް ނިންމާފައިވާ އިރު، މި ކަމާއި ގުޅިގެން އެގައުމުގެ އެތައް ބަޔަކު ދަނީ އިސްލާމް ދީން ގަބޫލުވެސް ކުރަމުންނެވެ.
ނިއުޒިލެންޑްގެ މިސްކިތަކަށް ދިން ޓެރަރިސްޓް މި ހަމަލާތަކުގައި އެގައުމުގެ މުސްލިމުންގެ 50 މީހަކު ޝަހީދުވެފައިވާއިރު، އެކަމުގެ ހިތާމައިގައި މުޅި ނިއުޒިލެންޑުގެ ރައްޔިތުން އަންނަނީ ހިތާމަފާޅުކުރަމުންނެވެ.



