
ޗެމްޕިއަންސް ލީގު: ރޮނާލްޑޯގެ ހެޓްރިކާއެކު ޔުވެންޓަސް ކުއާޓާފައިނަލަށް
ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ހެޓްރިކާއެކު، ޔުވެންޓަސްއިން އެތުލެޓިކޯ ބަލިކޮށް، ކުއާޓާ ފައިނަލް ކަށަވަރުކޮށްފިއެވެ.
ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ދެވަނަ ލެގުގައި، ރޭ ޔުވެންޓަސް ދަނޑުގައި އެޓީމުން ކުޅުނު މެޗު ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ. ފުރަތަމަ ލެގުގައި 2-0 ގެ ނަތީޖާއަކުން ބަލިވެފައި އޮތް ނަމަވެސް، ރޭގެ މެޗުގައި މޮޅަށް ކުޅެ ޔުވެންޓަސްއިން ވަނީ ނަތީޖާ އަނބުރާލާފައެވެ.
އެގޮތުން ކުއާޓާ ފައިނަލުން ޔުވެންޓަސް ޖާގަ ހޯދީ 2-3 ގެ އެގްރިގޭޓް ނަތީޖާއިންނެވެ.
ރޭގެ މެޗަށް ނުކުމެ ޔުވެންޓަސްއިން މެޗު ފެށީވެސް ވަރުގަދަކޮށެވެ. އެގޮތުން އެތުލެޓިކޯއިން ކުޅެމުންގެންދިޔައީ ޑިފެންސިވް ކުޅުމެކެވެ. ނަމަވެސް ޔުވެންޓަސްއިން ދިޔައީ އެޓޭކަކަށްފަހު އެޓޭކެއް ކުރަމުންނެވެ. އެގޮތުން ނަގާ ކޮންމެ ކޯނަރެއް އަދި އޭރިއާ ތެރެއަށް ހުރަސް ވެގެން އަންނަ ކޮންމެ ބޯޅައެއް ވެގެން ގޮސްފައިވަނީ އެތްލެޓިކޯއަށް ބޮޑު ނުރައްކަލަކަށެވެ.
ނަމަވެސް މެޗުގެ 27 ވަނަ މިނެޓުގައި ޔުވެންޓަސްގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ އެތްލެޓިކޯގެ ގޯލު ފޫއަޅުވާލާ ޔުވެންޓަސްއަށް އުންމީދު އާކޮށްދީފައެވެ. އަރިމަތިން ނަގައިދިން ހުރަހަށް އޭރިއާ ތެރެއަށް ވަދެ، އޭނާ ބޮލުން ފޮނުވާލި ބާރު ހަމަލާ ގޯލަށް އަމާޒުވިއިރު، ގޯލްކީޕަރަށް ކުރެވޭނެ މާ ބޮޑުކަމެއް ނެތެވެ.
ފުރަތަމަ ހާފް ނިމިގެން ދިޔައީ ޔުވެންޓަސް ކުރީގައި އޮވެގެން ނެވެ. ދެވަނަ ހާފްވެސް ޔުވެންޓަސްއިން ފެށީ ވަރުގަދަ ކޮށެވެ. އެގޮތުން ރޮނާލްޑޯގެ ހުނަރުވެރިކަން ފެނެން ފެށިއެވެ. އެތުލެޓިކޯ ޑިފެންސަށް ރޮނާލްޑޯ ހިފަހައްޓަން އުނދަގޫވިއެވެ. ނަތީޖާއަކަށްވީ ޔުވެންޓަސްގެ ދެވަނަ ގޯލުވެސް ރޮނާލްޑޯ ކާމިޔާބުކުރުމެވެ. އަރިމަތިން ކަންސެލޯ ނަގައިދިން ހުރަސް، އޭރިއާ ތެރޭގައި ހުރި ރޮނާލްޑޯއަށް ބޮލުން ފޮނުވާލި ބާރު ހަމަލާ، އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.
އެ ބޯޅަ އެތުލެޓިކޯގެ ގޯލްކީޕަރު އޮބްލެކް އަތުން ނެރެލި ނަމަވެސް، ގޯލް ލައިން ޓެކްނޮލިޖީ ދެއްކި ގޮތުން ބޯޅަ ވަނީ ގޯލްގެ ރޮނގު ހުރަސް ކޮށްފައެވެ. އެގްރިގޭޓް ނަތީޖާ 2-2އިން ހަމަހަމަވިއެވެ.
މީގެ ކުރިން ދެފަހަރަށް ޗެމްޕިއަންސް ލީގު ހޯދާފައިވާ ޔުވެންޓަސްއަކީ ފަހަކަށް އައިސް ޗެމްޕިއަންސް ލީގަށް އެންމެ ބޮޑަށް ވާދަކުރާ އެއް ކްލަބެވެ. މިދިޔަ ފަސް އަހަރު ތެރޭ ޔުވެންޓަސްއިން ދެ ފަހަރަށް ފައިނަލް ކުުޅެފައިވާ އިރު، ދެ ފައިނަލުންވެސް ބަލިވީ ސްޕެއިން ޓީމުތަކުގެ އަތް ދަށުވެގެންނެވެ.
މީގެ ކުރިން، 2014 ވަނަ އަހަރު ބާސާ އަތުން ފައިނަލްގައި ބަލިވި އިރު، 2017 ވަނަ އަހަރުގެ ފައިނަލްއިން ޔުވެންޓަސް ބަލިވީ ރެއާލް މެޑްރިޑް އަތުންނެވެ.
ޔުވެންޓަސްއިން މެޗު އަނބުރާލީ އެއްވަރެއްގައި އޮވެ ފުރިހަމަ ވަގުތު ހަވާން ފަސް މިނެޓަށް ވެފައި ވަނިކޮށެވެ. އެތުލެޓިކޯ އޭރިއާ ތެރެއިން ބާނަޑެސްކީއަށް ކުރި ފައުލަށް ރެފްރީ ދިން ޕެނެލްޓީ ގޯލުގެ ކަނަށް އަމާޒުކޮށްލީ މެޗުގައި ދެލަނޑުވެސް ކާމިޔާބުކުރި ރޮނާލްޑޯއެވެ.
ޗެމްޕިއަންސް ލީގުގެ ފޯރިގަދަ މެޗުތަކެއް މިރޭވެސް ކުޅެވޭނެ އެވެ. މިރޭ ކުޅޭ މެޗުތަކަކީ ބާސެލޯނާ އަދި ލިޔޯން ބައްދަލުކުރާ މެޗުގެ އިތުރުން ލިވަޕޫލް އަދި ބަޔާން މިޔުނިކް ބައްދަލުކުރާ މެޗެވެ. މި ދެމެޗުވެސް ފަށާނީ ރާއްޖޭގަޑިން މެންދަމު 1:00 ގައެވެ.



