ނުބައި ތަޞައްވުރެއް އުފެދިގެން ދާ ގޮތަށް، އައްސުލްޠާނާ ޚަދީޖާގެ ޝަޚްޞިއްޔަތު ސިފަކުރެވިފައި އޮތްއޮތުމަކީ އެންމެ އިންސާފުވެރި ގޮތެއްނޫން – މިނިސްޓަރ ޝިދާތާ

ނުބައި ތަޞައްވުރެއް އުފެދިގެން ދާ ގޮތަށް، އަދި އޭގެ އެންމެ ފުރިހަމަ މަޢުލޫމާތު ނުހިމެނޭ ގޮތަށް ދިވެހިރާއްޖޭގައި ވިރާޘީ ރަސްކަމެއްކުރެއްވި އައްސުލްޠާނާ ޚަދީޖާ ރެހެންދި ކަނބައިދި ކިލެގެ ސިރީ ރާދަ އަބާރަނަ މަހާ ރެހެންދި (ރެހެންދި ޚަދީޖާ)ގެ ޝަޚްޞިއްޔަތު ސިފަކުރެވިފައި އޮތް އޮތުމަކީ އެންމެ އިންސާފުވެރި ގޮތް ނޫން ކަމަށާއި، އެ ކަމަނާގެ ރަސްކަމުގައި ހިނގާފައިވާ ކަމަށް ބަޔާންކޮށްފައިވާ ހާދިސާތައް ހިނގަން މެދުވެރިވި ސަބަބުތައް އަލުން ދިރާސާކޮށް، އެ ކަމުގެ ހަޤީޤަތް ކުރިއަށް އޮތް ޖީލުތަކަށް ސާފުކޮށްދެއްވުމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އަލްފާޟިލާ ޝިދާތާ ޝަރީފް ތާރީޚީ ޢިލްމުވެރިންނަށް ގޮވާލައްވައިފިއެވެ.

ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ކ.މާފުށީގައި ބޭއްވި ރަސްމީ ޙަފުލާގައި މިއަދު ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝިދާތާ ވިދާޅުވީ އެކި ޖަލްސާތަކުގައްޔާއި ސްކޫލްތަކުގައި އެކި ރަސްރަސްކަލުންގެ ހިތްވަރާއި، އަޒުމާއި، ޝަރަފުވެރިކަން ބަޔާންކުރާ އިރު، ރެހެންދި ޚަދިޖާގެ ހަޔާތްޕުޅު ސިފަކުރެވިފައި ވަނީ ދެ ފިރިކަލަކު އަވަހާރަކޮށްލެއްވި ނުފޫޒުގަދަ އަންހެނެއްގެ ގޮތުގައި ކަމަށެވެ. އަދި ތާރީޚީ ލިޔެކިޔުންތަކުގައި ކޮއްކޯފުޅަކާއި ދެ ފިރިކަލަކު އަވަހާރަކޮށްލެއްވިކަން ބަޔާންވެފައި އޮތް ނަމަވެސް، އެ ކަމުގައި އެ ކަމަނާ ޢަމަލުކުރެއްވި ގޮތާއި ސަބަބު ހާމަކޮށްފައިނުވާ ކަން ފާހަގަކުރެވޭ ކަމަށާއި، ރެހެންދި ޚަދީޖާގެ ޒަޢާމަތުގައި ހިނގާފައިވާ ފަދަ ހާދިސާތައް ރަސްރަސްކަލުންގެ ވެރިކަންތަކުގައި ހިނގާފައިވާ އިރު، އެ ފަދަ ރަސްރަސްކަލުން ބަޠަލުންގެ ގޮތުގައި ސިފަކުރެވިފައިވާ ކަން ފެންނަން އެބަ އޮތް ކަމަށް މިނިސްޓަރ ޝިދާތާ ވިދާޅުވިއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ހަމަ އެހެންމެ، ރެހެންދި ޚަދީޖާގެ ރަސްކަމުގައި ހިނގައިފައިވާ ކަމަށް ބަޔާންކޮށްފައިވާ ހާދިސާތައް އަލުން ދިރާސާކުރާ އިރު، ދިވެހިރާއްޖޭގައި ރަސްކަންކުރެއްވި އެ ކަމަނާގެ އަންހެން ދެ ކޮއްކޯފުޅުންނާ މެދު ކަން ހިނގާ ދިޔަ ގޮތް އެނގުން މުހިންމު ކަމަށް މިނިސްޓަރ ޝިދާތާ ވިދާޅުވިއެވެ.
ދިވެހިރާއްޖޭގައި ރަސްކަމާއި ރަނިކަމުގެ ކޮއިލުގައި ހިތާމަވެރި އަދި ޤަބޫލުކުރަން ފަސޭހަ ނޫން އެތައް ހާދިސާތަކެއް ހިނގާފައިވާ ކަން ތާރީޚު ހެކިދޭ އިރު، އޭގެ ތެރޭގައި ވެރިކަމާ ދެކޮޅަށް ތެދުވުމާއި، ހަނގުރާމައާއި މަރުގެ ހާދިސާތައް ވެސް ހިމެނޭ ކަމަށް މިނިސްޓަރ ޝިދާތާ ވިދާޅުވިއެވެ. މީގެ ތެރެއިން ކޮންމެ ހާދިސާއެއްގައި، ވަރަށް ގިނަ ސިއްރުތަކާއި އިބުރަތްތަކެއްވާނެ ކަން ކަށަވަރުވާ އިރު، މި ފަދަ ހާދިސާތައް ހިނގާފައިވާ ޒަމާންތަކުގައި، ރަސްކަން ވާރުތަވަމުން އައިސްފައިވާ ގޮތާއި، ރަސްކަމެއް ފޭރިގަތުމުން ނުވަތަ ބަޣާވާތެއްކުރުމުން ޤާނޫނުގެ ތެރެއިން ޢަމަލުކުރެވިގެންދާ ގޮތާއި، އަދި އެ ފަދަ ހާދިސާތައް ހިނގި އިރު، ކުށްވެރިވާ ފަރާތްތަކަށް ޝަރުޢީ ނިޒާމުގެ ތެރެއިން ކަނޑައެޅިފައިވާ އަދަބުތަކަށް ވެސް ރިޢާޔަތްކޮށް ކަމުގެ ފުރިހަމަ މަޢުލޫމާތު ހާމަކުރެވިފައި އޮތުމަކީ މުހިންމު ކަމެއް ކަމަށް މިނިސްޓަރ ޝިދާތާ ވިދާޅުވިއެވެ.

ތާރީޚުގެ ފަތްފުށްތަކުގައި ލިޔެފައިވާ މި ފަދަ އެކި ހާދިސާތަކުގައި ބައެއް ރަސްރަސްކަލުންނާއި ރަނިންގެ ދައުރު ގެނެސް ދިނުމުގައި މިންތީގެ ތަފާތުކުރުން ގެންގުޅެފައިވާ ކަން އެ ފަދަ ލިޔުންތަކުން ފެންނަން އޮތް ކަމަށާއި، ތާރީޚީ ހާދިސާތައް އަދުގެ ޖީލުތަކާ ހަމައަށް ގެނެސްދިނުމުގައި ނުވަތަ ކިޔައިދިނުމުގައި ވެސް އަންހެނަކަށްވީތީ ތަފާތުކުރުންތައް ގެންގުޅެފައިވާ ކަން އެނގި ހާމަވެގެން ދާ ކަމަށް މިނިސްޓަރ ޝިދާތާ ވިދާޅުވިއެވެ.
މިނިސްޓަރ ޝިދާތާގެ ވާހަކަފުޅުގައި ރާއްޖޭގައި ވެރިކަންކުރެއްވި އެކި ރަސްރަސްކަލުންގެ ޒިކުރާ ތަފާތު އެކި ގޮތްގޮތަށް މިއަދު ހަނދާންކުރަމުން ދާ އިރު، ދިވެހި ދައުލަތަށް މުހިންމު ޚިދުމަތްތަކެއް ކުރެއްވި އަންހެނުންގެ ނަންތައް ހަނދާން ނައްތާލާފައި އޮތުމަކީ ވަރަށް ހިތާމަހުރި ކަމެއް ކަމަށް ވިދާޅުވިއެވެ.

ތާރީޚަކީ އަމާނާތެއް ކަމުގައިވާ އިރު، ވަކި ޖިންސަކަށްވީތީ، އެ ޒިކުރާ އަދާ ނުކޮށް އޮތްއޮތުމަކީ ހިތާމަކުރަން ޖެހޭ ކަމެއް ކަމަށް މިނިސްޓަރ ޝިދާތާ ވިދާޅުވިއެވެ. އަދި ޤައުމުގައި މިއަދު މި ބިނާ ކުރެވޭ މާސިންގާ ބިނާތަކާއި، އުސް އިމާރާތްތަކަށް ނަން ކިޔުމުގައި މި ތަފާތު ވަނީ އަޅުގަނޑުމެންގެ ޢަމަލުން ދައްކުވައިދީފައި ކަމަށާއި، މިއީ ޤައުމަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި އެ ފަދަ އަންހެނުންނަށް ވެވޭ ބޭއިންސާފެއް ކަމަށް ވެސް މިނިސްޓަރ ޝިދާތާ ވިދާޅުވިއެވެ.
ދިވެހި ތާރީޚް ހެކިދޭ ގޮތުގައި، ދިވެހި އަންހެނުންނަށް އިޖުތިމާޢީ އަދި ސިޔާސީ މައިދާނުގައި ހަމަހަމަ ފުރުޞަތުތަކެއް ޒަމާންތަކެއް ކުރިން ލިބިދީފައިވާ ކަމަށާއި، މި ދާއިރާތަކުގައި ދިވެހި އަންހެނުން މުހިންމު ދައުރެއް އަދާކޮށްފައިވާ ކަން ތާރީޚުގެ ފަތްފުށްތަކުން ފެންނަން އެބަހުރި ކަމަށް މިނިސްޓަރ ޝިދާތާ ވިދާޅުވިއެވެ. ނަމަވެސް، އަންހެނުންގެ ޙައްޤުތައް އަލުން ހޯދުމަށް މިއަދު ނުކުންނަން ޖެހުމަކީ އެ ކަމާ މެދު އަޅުގަނޑުމެން ފުންކޮށް ވިސްނަން ޖެހޭ ކަމެއް ކަމަށް މިނިސްޓަރ ޝިދާތާ ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.