ސާފް ސުޒުކީ ކަޕް 2018: ރާއްޖެ އަދި އިންޑިޔާ ބައްދަލުކުރާ ފޯރިގަދަ ފައިނަލް މެޗު މިއަދު ހަވީރު !

މިހާރު ބަނގުލަދޭޝް ގައި ކުރިޔައްދާ ސާފް ސުޒުކީ ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލަކީ އަވައްޓެރި އިންޑިއާ އާއި ރާއްޖެ ވާދަކުރާ ހަަތަރު ވަނަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. މީގެ ކުރިން މި މުބާރާތުގެ ފައިނަލުގައި ތިންފަހަރު އިންޑިޔާއާއި ރާއްޖެ ކުޅެފައިވާއިރު، މި ތިން ފައިނަލުގެ ތެރެއިން ދެ ފައިނަލް ކާމިޔާބުކުރީ އިންޑިޔާއިންނެވެ. ރާއްޖެއަށް އިންޑިޔާއަތުން ފައިނަލަކުން މޮޅުވެފައިވަނީ 2008 ވަނަ އަހަރު އެވެ. އެއަހަރު އިންޑިޔާ ބައިކޮށް މމުބާރާތުގެ ތަށި ރާއްޖެއިން އުފުލާލިތާ ނުވައަހަރު ފަހުން ރާއްޖެ ކުޅޭ ފުރަތަމަ ފައިނަލެވެ.

ސަރަހައްދުގެ ބޮޑު ބާރު އިންޑިއާއާ ދެކޮޅަށް މިއަދު ރާއްޖެ ނިކުންނައިރު މީގެ ދިހައަހަރުކުރިން މި މުބާރާތުގެ ތަށި އުފުލާލި ޓީމުގެ ހިމެނުނު މަދު ކުޅުންތެރިއެއް ފިޔަވާ ޓީމަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. 2008 ވަނަ އަހަރު މުބާރާތުގެ ފައިނަލްގައި އިންޑިޔާއާއި ރާއްޖެ ބައްދަލުކުރި މެޗުގެ ތަޖުރިބާ ކޮށްފައިވާ ހަމަ އެކަނި ކުޅުންތެރިޔަކީ ބަކާއެވެ. ބަކާ ފިޔަވާ ދެންދިތބި ކުޅުންތެރިންނަކީ ތޖުރިބާ މަދު ޒުވާން ކުދިންނެވެ.

އިޝްތިހާރު Below Header ad

ރާއްޖެއާ އިންޑިޔާ މި މުބާރާތުގައި ބައްދަލުކޮށްފައިވާ މެޗުތަކަށް ބަލާއިރު، ޖުމްލަ 11 ފަހަރު ރާއްޖެއާއި އިންޑިޔާ ވަނީ ބައްދަލުކޮށްފައެވެ. އަދި އޭގެ ތެރެއިން 8 ފަހަރު އިންޑިޔާ ވަނީ ރާއްޖޭގެ މައްޗަށް ކުރިހޯދާފައެވެ. ރާއްޖެ މޮޅުވެފައި ވަނީ އެންމެ ދެ ފަހަރުއެވެ.

މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ރާއްޖޭން ދައް ނަތީޖާތަކެއް ނެރުނުނަމަވެސް ރާއްޖެ ވަނީ ސެމީގައި ނޭޕާލާ ދެކޮޅަށް ރަނގަޅު ނަތީޖާއެއް ނެރެފައެވެ. ސެމީން ޖާގަ ހޯދަން ނަތީޖާއެއް ނެރެން ދެ ވަނަ މެޗުގައި އިންޑިއާއާ ދެކޮޅަށް ނުކުމެ 2-0 އިން ބަލިވިއިރު، ރާއްޖެ އަށް ސެމީގެ ޖާގައެއް ލިބުނީ ގުރުއަތުލައިގެންނެވެ. މިއީ ސާފް ތާރީހުގައި ގުރުއަތުލައިގެން ޓީމެއް ސެމީ އަށް ދިޔަ ފުރަތަމަ ފަހަރެވެ. ގިނަބަޔަކު ދެކޭ ގޮތުގައި މީ ދިވެހިންގެ ނަސީބެވެ.

ގުރުއަތުން ސެމީއަށް ދިޔަނަމަވެސް ސެމީ ފައިނަލުގައި މުބާރާތުގެ ފޭވަރިޓެއްގެ ގޮތުގައި ބެލެވިފައި އޮތް ނޭޕާލާ ދެކޮޅަށް ރާއްޖޭގެ ކުޅުންތެރިން ނެރުނީ އާދަޔާހިލާފު ހިތްވަރެކެވެ. ފެނުނީ އެހެން ރޫހެކެވެ. ނަތީޖާއަކީ  ކުޅުންތެރިން ފުރަތަމަ މިނިޓުން ފެށިގެން ފަހު ވަގުތާ ހަަމަ އަށް ވެސް ހިއްވަރުކޮށް 0-3 އިން ނޭޕާލް ބަލިކޮށް ފައިނަލުން ރާއްޖެ ޖާގަހޯދިއެވެ.

ރާއްޖޭގެ އެންމެ ބޮޑު ހިތްވަރަކީ ޓީމުގެ ކެޕްޓަންގެ ޒިންމާ އަދާކުރަމުން އަންނަ އަކުރަމް އަބްދުލް ގަނީ (އަކޫ) އާއި ކީޕަރު ފައިސަލްއެވެ.  މުބާރާތުގައި ރާއްޖެ ކުޅޭ ކޮންމެ މެޗެއްގައިވެސް މި ދެކުޅުންތެރިންގެ ހިއްސާ ބޮޑުކަން ފާހަގަކުރެވެއެވެ.

ހުރިހާގޮތަކުން ބަލާއިރުވެސް މި ސަރަހައްދުގެ ފުޓްބޯޅައިގައި އެންމެ އުހުގައި އޮތް ގައުމަކީ އިންޑިއާ އެވެ. ފީފާ ރޭންކިންގެ 96 ވަނައިގައި މިވަގުތު އޮތް އިންޑިޔާ އަކީ މި ސަރަހައްދުގައި ގިނަބަޔަކު ޖެހިލުންވާ ޓީމެއްގެ ގޮތުގައިވެސް ވަނީ ފާހަގަކުރެވިފައެވެ. އެހެން ނަމަވެސް އެ ހުރިހާ ކަމަކަށް ވުރެ މިވަގުތު ވިސްނުން ހުންނަންވީ ނުވަތަ އިސްކަން ދިނުން މުހިއްމީ ރާއްޖެ ކާމިޔާބަކަށް ބޭނުންވެފައި އޮތް މިންވަރެވެ. ދިވެހި ފުޓްބޯޅައަށް އާ ހިއްވަރަކާއި ޖޯޝެއް ގެނެއުމަށް މާޔޫސްވެފައި ތިބި ސަޕޯޓަރުން ހެއްވާލުމަށް އިންޑިޔާ ބަލިކޮށް 2008 ވަނަ އަހަރު ހޯދިފަދަ ކާމިޔާބެއް ހޯދުމެވެ.

މީގެ 10 އަހަރު ކުރިން ރާއްޖޭން ފައިނަލުގައި އިންޑިއާ ބަލިކުރިއިރު ވެސް ފެނުނު އެއް މަންޒަރަކީ ފަހު ވަގުތާ ޖެހެންދެން ހިތްވަރުލައިގެން ކުޅުންތެރިން ކުރި މަސައްކަތެވެ. އެންމެން ބަދަހިކޮށް ތިބެގެން ކާމިޔާބީގެ މިސްރާބަށް ދިއުމަށް ކުރި އުއްމީދެވެ. މިއީ އެ ފަދަ މަސައްކަތެއް ތަކުރާރުކުރަންވީ ވަގުތެވެ. އިންޑިއާ އަށް މޮޅުވުމުގެ ފުރުސަތު ނުދޭންވީ ވަގުތެވެ. ކުޅުންތެރިންނަށް ހިތްވަރުދޭންވީ ދުވަހެކެވެ. ކާމިޔާބީ ހާސިލްކުރަން މަސައްކަތް ކުރަންވީ ވަގުތެވެ.

ރާއްޖެއާއި އިންޑިޔާ ބައްދަލުކުރާ ފައިނަލް މެޗު ފަށާނީ މިއަދު ރާއްޖޭ ގަޑިން ހަވީރު 6:00 ގައެވެ.

ސާފް ތާރީހުގައި އިންޑިއާ އާއި ރާއްޖޭގެ ކުރިމަތިލުންތައް:

1997 ފައިނަލް: އިންޑިއާ 5-1 ރާއްޖެ

1999 ސެމީ ފައިނަލް: އިންޑިއާ 2-1 ރާއްޖެ

2005 ސެމީ ފައިނަލް: އިންޑިއާ 1-0 ރާއްޖެ

2008 ގްރޫޕް ސްޓޭޖް: އިންޑިއާ 1-0 ރާއްޖެ

2008 ފައިނަލް: އިންޑިއާ 0-1 ރާއްޖެ

2009 ގްރޫޕް ސްޓޭޖް: އިންޑިއާ 0-2 ރާއްޖެ

2009 ފައިނަލް: އިންޑިއާ 0-0 ރާއްޖެ (ޕެނަލްޓީ- އިންޑިއާ 3-1 ރާއްޖެ)

2011: ސެމީ ފައިނަލް: އިންޑިއާ 3-1 ރާއްޖެ

2013: ސެމީ ފައިނަލް: އިންޑިއާ 1-0 ރާއްޖެ

2015: ސެމީ ފައިނަލް: އިންޑިއާ 3-1 ރާއްޖެ

2018: ގްރޫޕް ސްޓޭޖް: އިންޑިއާ 2-0 ރާއްޖެ

 

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.