
ޣައްޒާ އަލުން ބިނާކުރުމުގެ ހުރިހާ ޚަރަދެއް ކުރަންޖެހޭނީ އިސްރާޢީލާއި ހަތިޔާރު ފޯރުކޮށްދިން ފަރާތްތަކުން
ޣައްޒާ އަލުން ބިނާކުރުމުގެ ހުރިހާ ޚަރަދެއް ކުރަންޖެހޭނީ އިސްރާޢީލާއި ހަތިޔާރު ފޯރުކޮށްދިން ފަރާތްތަކުން ކަމަށް އދ ގެ ފަރާތުން ފަލަސްތީނަށް ކަނޑައަޅާފަ ހުންނަވާ މަންދޫބު ވިދާޅުވެއްޖެ އެވެ.
ހިފާފައިވާ ފަލަސްތީނުގެ ސަރަހައްދުތަކުގެ އިންސާނީ ހައްގުތަކުގެ ހާލަތާ ބެހޭ ގޮތުން ލަންޑަނުގައި ބޭއްވި ހަރަކާތެއްގައި ވާހަކަ ދައްކަވަމުން ފްރާންސެސްކާ އަލްބަނީސް ވިދާޅުވީ، ޣައްޒާގައި ހިނގި ނަސްލު ނައްތާލުމުގައި ބައިވެރިވި މީހުން އެކަމުގެ ފުރިހަމަ ޒިންމާ ނަގަންޖެހޭނެ ކަމަށެވެ. އެކަމަނާ ވިދާޅުވީ ޣައްޒާ އަލުން ބިނާކުރުމުގެ ޚަރަދުތައް ހަމަޖައްސަންޖެހޭނީ ހަމައެކަނި އިސްރާއީލުން ނޫން ކަމަށާއި، އިސްރާޢީލަށް ހަތިޔާރާއި އެހީތެރިކަން ފޯރުކޮށްދިން ހުރިހާ ފަރާތަކުން އެޒިންމާ އުފުލަންޖެހޭނެ ކަމަށެވެ. ޣައްޒާގެ ނަސްލު ނައްތާލުމަށް އެހީތެރިވެދިން ހުރިހާ ދައުލަތްތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް ވެސް އަޅަން ޖެހޭ ކަމަށެވެ.
”ދައުލަތްތަކުން އިސްރާއީލާ ގުޅުން ކަނޑާލަން ޖެހޭ، ގާނޫނާ ހިލާފަށް އަޅުވެތިކަން ދަމަހައްޓާ ދައުލަތަކަށް އެހީތެރިވުން ހުއްޓާލަން ޖެހޭ. ޣައްޒާ އަލުން ބިނާކުރުމަށް އިސްރާއީލާއި، ހަތިޔާރު ފޯރުކޮށްދިން މައިގަނޑު ގައުމުތައް ކަމަށްވާ އެމެރިކާ، ޖަރުމަނު، އިޓަލީވިލާތުން ޚަރަދުކުރަންޖެހޭނެ“ އަލްބަނީސް ވިދާޅުވި އެވެ.



