
ޣައްޒާގެ ވެރިލަމުގައި ޓޯނީ ބްލެއަރ ބައިވެރި ނުކުރެވޭނެ – ހަމާސް
ޣައްޒާގެ ވެރިކަމުގައި ޓޯނީ ބްލެއާ ބައިވެރި ނުކުރެވޭނެ ކަމަށް ޙަމާސްއިން ބުނެފި އެވެ.
ޓްރަމްޕް ކަނޑައަޅާ ޣައްޒާ ޕީސް ކައުންސިލްގެ ދަށުން ޣައްޒާގެ އެންމެހާ ކަންކަން ހިންގުމުގައި އެންމެ އިސްފަރާތެއްގެ ގޮތުގައި އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއާގެ ނަން ރައީސް ޓްރަމްޕް ހުށައަޅާފައިވާއިރު، އެކަން ބަލައިނުގަންނާނެ ކަމަށް ޙަމާސް އިން ބުނެފިއެވެ.
”ޣައްޒާގެ ވެރިކަމުގެ އެއްވެސް ދައުރެއް އަދާކުރަން ޓޯނީ ބްލޭއާ އަށް މަރުހަބާ ނުކިޔާނަން. އެއީ އެއްގޮތަކަށް ވެސް ބަލައިގަންނާނެ ކަމެއް ނޫން“ ސްކައި ނިއުސްއާ ވާހަކަ ދައްކަވަމުން ހަމާސްގެ އިސް އޮފިޝަލް ބަސެމް ނާއިމް ވިދާޅުވިއެވެ.
ބަސެމް ނާއިމް ވިދާޅުވީ ދެ އަހަރުގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މަސައްކަތަށް ވަރަށް ބޮޑަށް މަރުހަބާ ކިޔާ ކަމަށެވެ.
”މީގެ ކުރިން ޓްރަމްޕް އެކަމަށް ތާއީދު ކުރައްވާކަން އިއުލާން ކުރެއްވި ނަމަވެސް ޣައްޒާގެ ވެރިކަމުގައި ބްލެއާގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަށް ފަހުން ވިދާޅުވި“ ބަސެމް ނާއިމް ވިދާޅުވިއެވެ.
”ޓޯނީ ބްލޭއާގެ ވާހަކަ ދައްކާއިރު ހިތާމައަކީ އަހަރެމެން ފަލަސްތީނާއި އަރަބިންނާއި މުސްލިމުންނާއި ފަހަރެއްގައި ދުނިޔޭގެ އެހެން މީހުންނަށް ވެސް އޭނާގެ އަނިޔާވެރިކަމުގެ ނުބައި ހަނދާންތަކެއް އެބަހުރި،“ ނާއިމް ވިދާޅުވި އެވެ.



