
ފަލަސްތީނު ރައްޔިތުން ޣައްޒާއިން ނެރެންކުރާ ކޮންމެ ކަމަކާ ދެކޮޅު – އިސްލާމީ ބައެއް ޤައުމުތައް
ފަލަސްތީނުގެ ރައްޔިތުން ޣައްޒާއިން ނެރެން ކުރާ ކަމަކާ ދެކޮޅު ކަމަށް އިސްލާމީ ބޮޑެތި ގައުމުތަކުން ބުނެފި އެވެ.
މިސްރު، އުރުދުން، ޔޫއޭއީ، އިންޑޮނޭޝިއާ، ޕާކިސްތާން، ތުރުކީ، ސައުދީ އަރަބިއްޔާ އަދި ގަތަރުގެ ޚާރިޖީ ވަޒީރުން ގުޅިގެން ނެރުނު ބަޔާނެއްގައި ވަނީ ފަލަސްތީނުގެ ރައްޔިތުން ޣައްޒާއިން ނެރެން އިސްރާއީލުން ކުރާ ކޮންމެ މަސައްކަތަކަށް ދެކޮޅު ހަދައި، ރަފާހު ހުރަސްކުރުން ދެ ފަރާތުން ވެސް ހިންގަން ޖެހޭނެ ކަމަށާއި އެއްވެސް މީހަކަށް އެމީހެއްގެ ބިން ދޫކޮށްލަން މަޖުބޫރު ނުކުރެވޭނެ ކަމަށެވެ.
އެގައުމުތަކުން ގޮވާލާފައިވަނީ، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި ހަނގުރާމަ ހުއްޓާލުމާއި ޣައްޒާ ހަމައަކަށް އެޅުވުމާއި، އެހީތައް އެއްވެސް ހުރަހެއް ނެތި ވެއްދުމާއި، ޣައްޒާގައި ރިކަވަރީ އަދި ރިކޮންސްޓްރަކްޝަން މަސައްކަތްތައް ފެށުމަށެވެ.
ދެ ދައުލަތުގެ ހައްލެއް ހޯދުމަށް ކަމާގުޅޭ އދ ގެ ގަރާރުތައް ތަންފީޒުކޮށް، އިރުމަތީ ގުދުސް އެއީ ފަލަސްތީނުގެ މިނިވަން ދަޢުލަތުގެ ވެރިރަށުގެ ގޮތުގައި ކަނޑައެޅުމަށް 1967 ވަނަ އަހަރު ކަނޑައެޅި ބޯޑަރުތަކުގައި ފަލަސްތީނުގެ ދައުލަތް އުފެއްދުމަށް ވައުދުވެފައިވާކަން ވެސް ވަޒީރުން ވަނީ ހަނދާންކޮށްދީފައެވެ.



