
ޓްރަންޕުގެ ދައުރު ނިމުމުގެ ކުރިން އިރާންގެ ބާރު ކަންޑުވާލުމަކީ އަމާޒެއްކަމަށް އިސްރާއީލުން ބުނެފި
ޓްރަމްޕްގެ ރިޔާސީ ދައުރު ނިމުމުގެ ކުރިން އީރާނުގެ އަސްކަރީ ބާރުވެރިކަން މުޅިން ކަނޑުވާލާ، އީރާނުގެ ވެރިކަން ވައްޓާލުމަކީ އިސްރާއީލުގެ އަމާޒެއް ކަމަށް އިސްރާއީލް ސަރުކާރުގެ އިސް އޮފިޝަލަކު އިސްރާއީލުގެ ބްރޯޑްކާސްޓިން އޮތޯރިޓީއަށް ދިން އިންޓަވިއުއެއްގައި ބުނެފިއެވެ.
”އިރާނާ ގުޅޭ ގޮތުން އިސްރާއީލުން ވަނީ ސްޓްރެޓެޖިކް އަމާޒު ކަނޑައަޅާފައި. އަޅުގަނޑުމެން ބޭނުންވަނީ ޓްރަމްޕްގެ ދައުރު ނިމުމުގެ ކުރިން، އެއީ 2029 ވަނަ އަހަރުގެ ނިޔަލަށް އީރާނުގެ ވެރިކަން ވައްޓާލާ އީރާނުގެ ބާރު ކަނޑުވާލާ މުޅިން ރޫޅާލުން.“ އިސްރާއީލްގެ އޮފިޝަލް ވަނީ ބުނެފައެވެ.
އޭނާ އިތުރަށް ބުނެފައިވަނީ، އީރާނުން މިސައިލް ހަތިޔާރު ހަލުވިކަމާއެކު އުފައްދަމުންދާ ކަމަށާއި ހަނގުރާމަ ނިމުނު ފަހުން އެގައުމުގެ މިސައިލް ފެކްޓްރީތަކުގެ މަސައްކަތް އެންމެ މިނެޓެއްވެސް ހުއްޓާނުލާ ކަމަށެވެ.
“އާ ހަނގުރާމައެއް ފަށައިފިނަމަ އީރާނުން ދޭނެ ކަމަށް ބެލެވޭ ރައްދު ހަމަލާތަކާމެދު އިސްރާއީލުގައި ކަންބޮޑުވުން އަންނަނީ އިތުރުވަމުން. ހާއްސަކޮށް އިންޓަކޮންޓިނެންޓަލް މިސައިލްތައް ޓެސްޓްކުރުމާއި ފުރަތަމަ ރައްދެއްގެ ގޮތުގައި ދެހާސް މިސައިލް ފޮނުވާލާނެ ކަމަށް އީރާނުން ދެއްކި ވާހަކަތަކާ މެދު ކަންބޮޑުވުން އެބަހުރި” އީރާނުގެ އޮފިޝަލް ވަނީ ބުނެފައެވެ.



