
ނޮބެލް ސުލްހައިގެ އިނާމު ހޯދި މާރިއާ ކޮރީނާ އިސްރާއީލަށް ތަައުރީފުކޮށްފި
ނޮބެލް ސުލްހައިގެ އިނާމު ލިބިފައިވާ މާރިއާ ކޮރީނާ މަޗާޑޯ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ގުޅާ، ޣައްޒާ ހަނގުރާމައިގެ ކާމިޔާބީ ފާހަގަކޮށް އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫއަށް މަރުހަބާ ކިޔައިފިއެވެ.
ނަތަންޔާހޫގެ ލީޑަރޝިޕްގެ ދަށުން އިސްރާއީލުން އަޅަމުންދަނީ ވަރަށް ވަރުގަދަ ފިޔަވަޅުތަކެއްކަން ފާހަގަކޮށް މާރިއާ ކޮރީނާ ވަނީ އެކަމުގެ އަގުވަޒަންކުރާ ކަމަށް ބުނެފައެވެ.
”ހަނގުރާމައިގެ ތެރޭގައި ނަތަންޔާހޫގެ ނިންމުންތަކާއި އަޒުމް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާޞިލުކުރުމުގަ އިސްރާއީލުގެ ކާމިޔާބީތައް ވަރަށް ބޮޑަށް ފާހަގަކުރަން،“ ނޮބެލް ސުލްޙައިގެ އިނާމު ލިބުނު މާރިއާ ކޮރީނާ މަޗާޑޯ ވަނީ ބުނެފައެވެ.
ނަތަންޔާހޫ އިސްވެހުރެ ޣައްޒާ ރައްޔިތުންނާ ދެކޮޅަށް ދުނިޔޭގެ ލޯތަކުގެ ކުރިމަތީގައި ހިންގި ބޮޑު ޤަތުލުއާއްމާ ގުޅިގެން އައިސީސީން ހައްޔަރު ކުރުމުގެ އަމުރު ނެރެފައިވާ ހަނގުރާމަވެރި ކުށްވެރިޔާއަށް ތާޢީދުކޮށް ޞުލްޙައިގެ އިނާމު ލިބުނު ފަރާތަކުން ވާހަކަދައްކާފައިވާތީ އަންނަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
މާރިއާ ކޮރީނާ މަޗާޑޯ ވަނީ، އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ މަސައްކަތަށް ވެސް ވަރަށް ބޮޑަށް ތައުރީފުކޮށް ވާހަކަދައްކާފައެވެ.
“އީރާނުގެ ނުރައްކާ އޮތީ ހަމައެކަނި އިސްރާއީލަކަށް ނޫން. ވެނެޒުއެލާއަށް ވެސް އީރާނުގެ ނުރައްކަލާ ވަނީ ކުރިމަތިލާންޖެހިފަ. އީރާނާ ދެކޮޅަށް އިސްރާއީލުން ކުރާ ހިތްވަރުގަދަ މަސައްކަތުގެ އަގުވަޒަންކުރަން،“ ވެނެޒުއެލާގެ އިދިކޮޅު ލީޑަރު މާރިއާ ކޮރީނާ މަޗާޑޯ ވަނީ ބުނެފައެވެ.
ވެނެޒުއެލާގެ ވެރިކަން ބަޣާވާތަކުން ވައްޓާލުމަށް އިސްރާއީލުގެ އަސްކަރީ އެހީތެރިކަމަށްއެދި މާރިއާ ކޮރީނާ އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫއަށް ފޮނުވި ސިޓީއެއް ދާދިފަހުން ވަނީ އާއްމުވެފައެވެ.



