
މިނިވަން ތިން ދަޢުލަތް ހިމެނޭ އާ ހުށަހެޅުމެއް އިސްރާއީލުގެ ނޫސްވެރިއަކު ޝާއިއުކޮށްފި
އިސްރާއީލުގެ ނޫސްވެރިއަކު ފަލަސްތީނު މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކަމަށްބުނެ މިއަދު ހާމަކުރި ޞުލްޙައިގެ އާ ހުށައެޅުމުގައިވަނީ، 1967 ގައި އދ. އިން ކަނޑައެޅި ފަލަސްތީނުގެ ބޯޑަރުތަކުގައި ޣައްޒާ އާއި ހުޅަނގުއައްސޭރި ވަކިކޮށް މިނިވަން ތިން ދައުލަތް އުފެއްދުމަށެވެ.
މިވިސްނުމުގައިވާ ގޮތިން ހުޅަނގު އައްސޭރީގައި އުފައްދަނީ، އެމިރޭޓްސް އޮފް ވެސްޓް ބޭންކް (އީޑަބްލިއުބީ) އެވެ. އަދި ޣައްޒާގައި އުފައްދާ މިނިވަން ދަޢުލަތުގެ ނަމަކީ، ރިޕަބްލިކް އޮފް ޣައްޒާ ސްޓްރިޕްއެވެ. މި ދެ ދަޢުލަތްވެސް އުފެއްދަނީ، އައިސްލޭންޑް މޮޑެލް ބޭނުންކޮށްގެން، ޑިމިލިޓަރައިޒްޑް ނުވަތަ އަސްކަރީ އެއްވެސް ބާރެއް ނެތް ގޮތަށެވެ.
މިޕްލޭންގައިވާ ގޮތުން މުޅި ޤުދުސް ކަނޑައަޅާނީ އިސްރާއީލްގެ ބައެއްގެ ގޮތުގައެވެ. ނަމަވެސް އދ. މަޖިލީހުން 1967 ގައި ކަނޑއަޅާފައިވާ ޗާޓުގައިވާ ގޮތުން ޤުދުސް ހިމެނެނީ ފަލަސްތީނުގެ ބައެއްގެ ގޮތުގައެވެ.
އިސްރާއީލުގެ ނޫސްވެރިޔާ ހުށައެޅި މިހުށައެޅުމުގައިވާ ގޮތުން އދ. އިން 1967 ގައި ފަލަސްތީނުގެ ބިންތައް ކަމުގައި ކަނޑައެޅި ބިންތަކުގެ ތެރެއިން ޣައްޒާއާއި ހުޅަނގުއައްސޭރި ފިޔަވާ އެހެން ހުރިހާ ބިމެއް ލިބެނީ އިސްރާޢީލަށެވެ.
ޤުދުސް ދޫކޮށްލުމަކީ ފަލަސްތީނުގެ ރައްޔިތުން ދުވަހަކު ވެސް އެއްބަސްވާނެ ކަމެއް ނޫނެވެ. އެހެންކަމުން މިނިވަން 3 ދަޢުލަތުގެ މިވިސްނުން ފަލަސްތީނުން އެއްގޮތަކަށްވެސް ބަލައިގަންނާނެ ކަމަށް ޤަބޫލެއް ނުކުރެވެއެވެ.