
އިސްރާއީލުން ހިނގަ ޤަތުލުއާއްމު ހުއްޓުވުމަށް ކުރިއަށްދާ މަޝްވަރާތަކުން ފާހަގަކުރެވުނު ބައެއް ޚަބަރު
ޣައްޒާގައި އިސްރާއީލުން ހިންގަމުންދިޔަ ދެ އަހަރަށްވުރެ ގިނަދުވަސްވީ ޤަތުލުއާއްމު ހުއްޓާލުމަށް މިހާރު ކުރިއަށްދާ މަޝްވަރާތަކުގެ ފުރަތަމަ ފިޔަވައްސަށް ދެފަރާތުން އެއްބަސްވުމާއެކު، ބައިނަލްއަޤްވާމީ މަޝްރަޙުން ފާހަގަކުރެވުނު ބައެއް ޚަބަރުތައް:
އިސްރާއީލުގެ ރައީސް: ދެފަރާތުން އެއްބަސްވެވުނު އެއްބަސްވުމަށް އަޅުގަނޑު ފުރިހަމަ ތާއީދު ފާޅުކުރަން. ރަހީނުކޮށްފައިވާ މީހުން ދޫކޮށްލުމާއި ހަނގުރާމަ ނިމުމަކަށް ގެނައުމަށް ރައީސް ޓްރަމްޕް ދެއްކެވި އަޖައިބު ކުރުވަނިވި ލީޑަޝިޕަށް އަޅުގަނޑު ޝުކުރު އަދާކުރަން.
ޑިމޮކްރެޓިކް ސެނެޓަރު ޖީން ޝާހީން: އެއްބަސްވުމުގެ ފުރަތަމަ މަރުހަލާއަށް ވާސިލްވެވުނު ކަމަށްޓަކައި ޓްރަމްޕްގެ ސަރުކާރާއި މެދުވެރިންނަށް އަޅުގަނޑު ތައުރީފު ކުރަން. އެއްބަސްވުން ތަންފީޒު ކުރަމުންދާ ގޮތް ވަރަށް ގާތުން ބަލާނަން، އިސްރާއީލާއި ހަމާސްއަށް އަވަހަށް މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ގޮވާލަން.
މެދުވެރިންނާ ގާތް މަސްދަރަކާ ހަވާލާދީ ޑްރޫބް ސައިޓް: ގައިދީން އަނބުރާ ގެންދިއުމަށްފަހު އިސްރާއީލަށް ހަނގުރާމަ އަލުން ފެށުމަށް ފުރުސަތު ނުދޭނެ ކަމުގެ ޔަގީންކަން ޓްރަމްޕް ދެއްވި.
އިސްރާއީލުގައި ހުންނަވާ އެމެރިކާގެ ސަފީރު މައިކް ހަކަބީ: ޓްރަމްޕަކީ ހަގީގީ ސުލްހަ ގާއިމްކުރާ ބޭފުޅެއް.
އިނގިރޭސި ބޮޑުވަޒީރު: ސުލްހައިގެ ޕްލޭންގެ ފުރަތަމަ ފިޔަވައްސަށް ހަމާސް އާއި އިސްރާއީލަށް އެއްބަސްވެވުމުން މަރުހަބާ ކިޔަން. މި އެއްބަސްވުން މިހާރު ލަސްނުކޮށް ފުރިހަމައަށް ތަންފީޒު ކުރަން ޖެހޭ. އެއްބަސްވުން ތަންފީޒުކުރަން ފެށުމާއެކު ޣައްޒާއަށް އެހީ ވެއްދުމުގައި ހުރި ހުރިހާ ހުރަސްތަކެއް ވަގުތުން އުވާލަން ޖެހޭނެ.
ހުރިހާ ފަރާތަކުން ވެސް ވެފައިވާ ވައުދުތައް ފުއްދައި ހަނގުރާމަ ނިންމާލުމަށް އަޅުގަނޑުމެން ގޮވާލަން.
އިސްރާއީލުގެ ބްރޯޑްކާސްޓިން ކޯޕަރޭޝަން: ޓެލްއަވީވްގެ ގައިދީންގެ މައިދާނަށް އައުމަށް ރަހީނުންގެ އާއިލާތަކުގެ މައި އޮފީހުން ޓްރަމްޕަށް ދަޢުވަތުދީފި.
އެމްނެސްޓީ އިންޓަނޭޝަނަލް: ހަނގުރާމަ ހުއްޓާލުމަކީ އިސްރާއީލުން ގަވާއިދާ ހިލާފަށް ހިސާރުކުރުމާއި ނަސްލު ނައްތާލުމަށް އެޅޭ ފިޔަވަޅަކަށް ވާން ޖެހޭ. ހަމަލާތައް ވަގުތީ ގޮތުން ހުއްޓާލައި ނުވަތަ ލުއިކޮށް، ޣައްޒާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހުއްދަ ދިނުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫން.
އިސްރާއީލު ސިފައިންގެ ރޭޑިއޯ: ޣައްޒާގައި ތިބި ސިފައިންގެ ކޮމްބަޓް ޔުނިޓްތަކަށް ރީޑިޕްލޮއިމަންޓަށް ތައްޔާރުވުމުގެ އަމުރު ލިބިއްޖެ. ޣައްޒާގައި ހަނގުރާމަކުރާ ފައުޖުތައް ތައްޔާރުވަމުންދަނީ ކުރިއަށް އޮތް ދުވަސްތަކުގައި ފުރިހަމައަށް ޣައްޒާއިން ފޭބުމަށް ނުވަތަ ފަހަތަށްޖެހި ތިބުމަށް.
އިސްރާއީލުގެ މިނިސްޓަރ އޮފް ޖަސްޓިސް: މި އެއްބަސްވުމުގައި ޤަބޫލުކުރަންދަތި ލުއިތަކެއް އެބަ ހިމެނޭ. ހަމާސްއަށް ހަތިޔާރު އަނބުރާ ނުލިބޭނެ ގޮތް ހެދުމަށް މަސައްކަތް ކުރާނަން.