
ފަލަސްތީނު ނޫން އެއްވެސް ޕާޓީއެއް ސަރުކާރަށް ވަނުމާ ދެކޮޅު: ޙަމާސްގެ ލީޑަރ
ފަލަސްތީނަށް ނިސްބަތްނުވާ އެއްވެސް ބަޔަކު ޣައްޒާގައި އެކުލަވާލެވޭ ސަރުކާރުގައި ބައިވެރިވުމަށް ހަމާސް އިން އެއްބަސް ނުވާނެ ކަމަށް ހަމާސްގެ ލީޑަރު އުސާމާ ހަމްދާން ވިދާޅުވެއްޖެ އެވެ.
އުސާމާ ޙަމްދާން ވިދާޅުވީ، ޣައްޒާގެ ވެރިކަން ބޭރުގެ އެއްވެސް ބަޔަކާ ހިއްޞާކުރަން މަޝްވަރާ ނުކުރެވޭނެ ކަމަށާއި، ނަމަވެސް ހުރިހާ ގައިދީން ދޫކޮށްލުމުގެ މަޝްވަރާތަކަށް ވަނުމަށް އަޅުގަނޑުމެން ތައްޔާރަށް ތިބި ކަމަށެވެ.
ޙަމާސްގެ ލީޑަރު އިތުރަށް ވިދާޅުވީ، ގައިދީންގެ ބައެއް ހަށިގަނޑުތައް ހުރީ ވަޅުލާފައި ކަމަށާއި، އޭގެތެރެއިން ބައެއް މީހުންގެ ހަށިގަނޑުތައް ވަޅުލާފައިވަނީ ޒަޔަނިސްޓް ފޯސްތައް ޤާއިމްވެ ތިބި ސަރަހައްދު ތަކުގައި ކަމަށެވެ.



