
ގްލޯބަލް ސުމުދުގެ ބައިވެރިން ރަހީނުކުރުމަށްފަހު ފުރައްސާރަކޮށްފި
ގްލޯބަލް ސުމުދް ފްލޮޓިލާގައި ދަތުރުކުރި ބައިވެރިން ޒަޔަނިސްޓް އިސްރާއީލުން ވަގަށް ނެގުމަށްފަހު، ހައްޔަރުކޮށްފައި ތިބި ޑިޓެންސަން ސެންޓަރަށް ޒަޔަނިސްޓް އިސްރާއީލުގެ މިނިސްޓަރު އިޓަމާރ ބެން ގްވިރް ގޮސް ފްލޮޓިލާގެ ބައިވެރިންނަށް ފުރައްސާރަ ކޮށްފި އެވެ.
ބެންގްވިރް ވަނީ، އެ އެންމެންނަކީ މީހުން މެރުމަށް ވާގިވެރިވާ ޓެރަރިސްޓުންގެ ގޮތުގައި ސިފަކޮށްފައެވެ. އޭނާ ވަނީ، ފްލޮޓިލާގައިވާ މުދަލާއެކު ހުރިހާ އުޅަނދެއް ފްރީޒް ކުރެވިފައިވާ ކަމަށް ބުނެފައެވެ.
އެއީ ޣައްޒާއަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދޭން އުޅުނު ބައެއް ނޫން ކަމަށްބުނެ، އޭގެ ބަދަލުގައި އެއީ ޓެރަރިޒަމަށް ވާގިވެރިވާ ބައެއްގެ ގޮތުގައި ސިފަކޮށްފައެވެ.
ގްލޯބަލް ސުމުދް ފްލޮޓިލާގައި ޔޫރަޕިއަން ޕާލިމަންޓް މެމްބަރުންނާއި، ޔޫރަޕްގެ އެކި ގައުމުތަކުގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާއި، މަޝްހޫރު ފަންނާނުންނާއި، ނުފޫޒުގަދަ އެތައް އެކްޓިވިސްޓުންނެއް ވަނީ ބައިވެފައެވެ.
ބެންގްވިރް ފެނުމާއެކު ދަތުރުގެ ބައިވެރިންވަނީ، ފަލަސްތީނު މިނިވަން ކުރުމަށް ގޮވާ އަޑުއުފުލާފައެވެ.



