
އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ނަސްލު ނައްތާލުން ހަނދާން ނައްތާނުލެވޭނެ ކަމަށް މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު މަހާތީރު ވިދާޅުވެއްޖެ
އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ނަސްލު ނައްތާލުން ހަނދާން ނައްތާނުލެވޭނެ ކަމަށް މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު މަހާތީރު ވިދާޅުވެއްޖެ އެވެ.
ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ދެ އަހަރުވީ ނަސްލު ނައްތާލުމުގެ ޤަތުލުޢާއްމު ގަރުނުތަކެއް ވަންދެން ދުނިޔެ ހަނދާން ހުންނާނެ ކަމަށާއި، އެކަން ހަނދާން ނައްތާނުލެވޭނެ ކަމަށް މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު މަހާތީރު މުހައްމަދު ވިދާޅުވެއްޖެ އެވެ.
މަހާތީރު ވިދާޅުވީ އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ރަހުމުކުޑަ ޢަމަލުތައް ދުނިޔޭގެ ތާރީހުގައި ވެސް ލިޔެވިގެންދާނެ ކަމަށެވެ.
އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި މަހާތީރު ވިދާޅުވީ، ޣައްޒާގައި ފެތުރިފައިވަނީ ބިރުވެރި ކަމެވެ.
“މާބަނޑު އަންހެނުން، އުފަންވާ ތުއްތު ކުދިން، ޒުވާނުން، ފިރިހެން ކުދިން، އަންހެން ކުދިން، ބަލިމީހުން، މުސްކުޅިން ޝަހީދުކޮށްލަނީ… މިކަން ހަނދާން ނައްތާލާނީ ކިހިނެއް؟”
މަހާތީރު ވިދާޅުވީ، ޣައްޒާގައި މިއަދު ހިނގަމުންދަނީ، 1990 ގެ އަހަރުތަކުގެ ކުރީކޮޅު ބޮސްނިއާގައި ހިނގި ޤަތުލުއާއްމު އަދި ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ނާޒީ ޖަރުމަނުން ޔަހޫދީންނާ ދެކޮޅަށް ހިންގި ނަސްލު ނައްތާލުމާ އެއްފަދަ ބޮޑު ޤަތުލުއާއްމެއް ކަމަށެވެ.
”އަޅުގަނޑު ހީކުރީ އެކަން ތަހައްމަލު ކުރި މީހުން އެހެން މީހުންގެ މައްޗަށް އެފަދަ ކަމެއް ތަހައްމަލު ކުރަން ބޭނުން ނުވާނެ ކަމަށް. އެކަމަކު އެމީހުންގެ ތަޖުރިބާއިން އެއްވެސް ކަމެއް ދަސްވެފައެއް ނެތް. އެމީހުން ބޭނުންވަނީ ހަމަ އެމީހުންނަށް ދިމާވި ކަންތައް އަރަބިންނަށް ވެސް ކުރިމަތިވާން”އޭނާ ވިދާޅުވި އެވެ.
މަހާތީރު ވަނީ ޣައްޒާގައި އިސްރާއީލުން ހިންގާ ނަސްލު ނައްތާލުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ބައިނަލްއަގްވާމީ ގޮތުން އިތުރަށް ތަދައްޚުލުވެ، އިންސާނީ ހައްގުތައް ހިމާޔަތްކޮށް، ޖަވާބުދާރީވުމަށް ތަކުރާރުކޮށް ގޮވާލައްވާފަ .އެވެ



