
ސުމުދް ގްލޯބަލް ފްލޮޓިލާއަށް އިސްރާއީލުން ދެމުންދާ ޙަމަލާތައް އިތުރު ވެއްޖެ
ޣައްޒާގެ ބްލޮކޭޑް މުގުރާލުމަށް ދަތުރުކުރާ އުޅަނދުތަކަށް އިސްރާއީލުން ދެމުންދާ ހަމަލާތައް އިތުރުވެއްޖެ އެވެ.
ޣައްޒާއަށް އެހީ ގެންދިއުމަށް މަސައްކަތްކުރާ 51 އުޅަނދު ހިމެނޭ ގްލޯބަލް ސުމުދު ފްލޮޓިލާއަށް ނުރައްކާތެރި ޑްރޯން ހަމަލާތައް އަމާޒުވަމުންދާ ކަމަށް ބުނެފި އެވެ.
ފްލޮޓިލާގެ އުޅަނދަކަށް ދިން ޑްރޯން ހަމަލާގެ ފޫޓޭޖް ހާމަކުރަމުން ބުނެފައިވަނީ މިފަދަ ހަމަލާތައް އިތުރުވަމުން އަންނަ ކަމަށެވެ.
“ގްރީސްގެ ކަނޑުގެ ސަރަހައްދުން ދަތުރުކުރަމުންދާ ބައެއް އުޅަނދުތަކަށް އަމާޒުކޮށް ޑްރޯން ހަމަލާތައް ވަނީ ދީފަ” ފްލޮޓިލާގެ ސްޓިއަރިންގ ކޮމެޓީން ނެރުނު ބަޔާނުގައި ވަނީ ބުނެފަ އެވެ.
”ގިނަ ޢަދަދެއްގެ ޑްރޯންތަކާއި، މުވާސަލާތީ ވަސީލަތްތައް ޖޭމްކުރުމާއި، ގިނަ އުޅަނދުތަކަށް ހަމަލާތައް އަމާޒުވަމުންދަނީ. އެއްވެސް މީހަކަށް އަދި ސީރިއަސް ގެއްލުމެއް ނުލިބޭ”
ނަފުސާނީގޮތުން ކިތަންމެ ބިރެއް ދައްކަން އުޅުނު ނަމަވެސް، ބިރު ނުގަންނާނެ ކަމަށްފްލޮޓިލާގެ ދަތުރުގެ ބައިވެރިއަކު މީޑިއާތަކަށް ފޮނުވި ވީޑިއޯ މެސެޖެއްގަ ވަނީ ބުނެފަ އެވެ.
ޖަރުމަނުގެ އިންސާނީ ހައްގުތަކާ ބެހޭ އެކްޓިވިސްޓް އަދި ފްލޮޓިލާގެ މެމްބަރު ޔާސްމިން އަކާރް އިންސްޓަގްރާމްގައި އާންމުކުރި ވީޑިއޯއެއްގައި ބުނެފައިވަނީ، ފަސް އުޅަނދަކަށް ހަމަލާދީފައިވާ ކަމަށެވެ.
”އަޅުގަނޑުމެން މި ގެންދަނީ ހަމައެކަނި އިންސާނީ އެހީ،“ ޔާސްމީން ވިދާޅުވި އެވެ.



