
ގްރޭޓަރ އިސްރާއީލް ޙަޤީޤަތަށް ވުމުގެ ވަގުތު ކައިރިވެއްޖެ – ހައްދުފަހަނައެޅި ޒަޔަނިސްޓް ޖަމާޢަތައް
ގްރޭޓަރ އިސްރާއީލް ޙަޤީޤަތަށް ވުމުގެ ވަގުތު ކައިރިވެއްޖެ ކަމަށް އިސްރާޢީލްގެ ހައްދުފަހަނައެޅި ޒަޔަނިސްޓް ޖަމާޢަތަކުން ބުނެފި އެވެ.
އެމީހުން ބުނެފައިވަނީ އެމީހުންގެ ޕްލޭނާ އެއްގޮތަށް ހުރިހާ ކަމެއް ކުރިއަށްދާ ކަމަށާއި، އެމީހުން ތިބީ އެކަމަށް ފުރިހަމައަށް ތައްޔާރުވެގެން ކަމަށެވެ.
ގްރޭޓަރ އިސްރާޢީލް އުފެއްދުމަށް ކުރާ މަސައްކަތް ހުއްޓުވޭނެ އެއްވެސް ބަޔަކު ނުތިބޭނެ ކަމަށާއި، އެކަމަށް ދެކޮޅުހަދާ ބަޔަކު ”އަހަރެމެންގެ ފައިތިލަ ދަށުގައި ޗިސްކޮށްލާނަން“ ކަމަށް އެމީހުން ވަނީ ބުނެފަ އެވެ.
މިޖަމާޢަތުން ބުނެފައިވަނީ، އެންމެ ބުއްދިވެރި ގޮތަކީ އެމީހުންގެ ވަޢުދު ފުރިހަމަ ކުރުމަށް ކުރާ މަސައްކަތަށް ހުރަސް ނޭޅުން ކަމަށާއި، އެއީ ސަރަހައްދުގެ ހަމަޖެހުމާ ދުނިޔޭގެ ސުލްޙައަށްވެސް އޮތް އެންމެ ރަނގަޅު ގޮތް ކަމަށެވެ.
ގްރޭޓަރއިސްރާއީލްގެ ގޮތުގައި އެމީހުން ސިފަކުރާ ޗާޓް ފުރިހަމަވެގެންދާއިރު، ސީރިއާގެ ތިންބައިކުޅަ ދެބައި، ސަޢުދީޢަރަބިއާ އާއި ޢިރާޤުގެ ގާތްގަނޑަކަށް ދެބަކުޅަ އެއްބައި، މިޞްރުގެ ނީލަކޯރާއި މުޅި ސައިނާ ސަރަޙައްދު އަދި މުޅި ޖޯޑަން އާއި ލުބުނާނުގެ އިތުރުން ސީރިއާ ބޯޑަރާ ކައިރި ތުރުކީގެ ބައެއްވެސް އަތުލުމަށް ވަނީ ކަނޑައަޅާފައެވެ. މި ޗާޓް އިސްރާޢީލުން ވަނީ އދ. މަޖިލީހުގައި ވެސް ހާމަކޮށްފަ އެވެ.



