
ެއިސްރާއީލުގެ އިދިކޮޅު ޕާޓީތަކުން ނަތަންޔާހޫ އާ ދެކޮޅަށް ކޯލިޝަނެއް ހަދައިފި
އިސްރާއީލުގެ އިދިކޮޅު ޕާޓީތަކުގެ ލީޑަރުން ނަތަންޔާހޫ ސަރުކާރުގެ ކޯލިޝަނާ ދެކޮޅަށް ޖޮއިންޓް ފޯރަމެއް ޤާއިމްކޮށްފި އެވެ.
މި ފޯރަމްގެ ދަށުން ސިޔާސީ ކޯޑިނޭޝަން ހަރުދަނާކޮށް ކުރިއަށް އޮތްތާ އުފައްދާ ސަރުކާރެއްގެ އޮނިގަނޑު ކަނޑައަޅާނެކަން ވަނީ އިއުލާންކޮށްފަ އެވެ.
މިކަން އިއުލާން ކުރީ އިދިކޮޅު ލީޑަރު ޔައިރް ލަޕިޑް އާއި ޔިސްރާއީލް ބެއިޓެއިނޫ ޕާޓީގެ ވެރިޔާ އަވިގްޑޯ ލިބަރމަން އާއި އިދިކޮޅު ފަރާތްތައް ގާޑީ އައިސެންކޯޓް އާއި ޔައިރް ގޯލާން ބޭއްވި ބައްދަލުވުމެއްގައެވެ.
މަޝްވަރާތަކަށް ފަހު ގުޅިގެން ނެރުނު ބަޔާނެއްގައި މިލީޑަރުން ބުނީ، ލީޑަރުންގެ މިފޯރަމް ދާއިމީ ޖަމާއަތަކަށް ހަދައި، އިތުރު ބައްދަލުވުންތައް ކުރިއަށްދާނެ ކަމަށެވެ.
އެ ބަޔާނުގައިވާ ގޮތުން، ކުރިއަށް އޮތް ސަރުކާރެއްގެ މައިގަނޑު އުސޫލުތައް އެކުލަވާލުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ކޮމިޓީއެއް ފޯރަމްގައި އުފައްދާނެ އެވެ.
މި އުސޫލުތަކުގެ ތެރޭގައި އާ ގާނޫނު އަސާސީއެއް ތައްޔާރުކުރުމާއި، އާންމު ހިދުމަތުގެ އުސޫލު ތަންފީޒުކުރުމާއި، ”ޔަހޫދީ، ޑިމޮކްރެޓިކް އަދި ޒަޔަނިސްޓް“ ދައުލަތެއްގެ ގޮތުގައި އިސްރާއީލުގެ ސިފަ ރައްކާތެރިކުރުން ވެސް ހިމެނޭނެ އެވެ.
ކުރީގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް އާއި ބްލޫ އެންޑް ވައިޓް ޕާޓީގެ ލީޑަރު ބެނީ ގަންޓްޒް ފޯރަމްގެ ދެން އޮންނަ ބައްދަލުވުމުގައި ބައިވެރިވާނެ ކަމަށް ކަމަށް ވެސް އިދިކޮޅު ލީޑަރުން ވަނީ ބުނެފަ އެވެ.
އެ ބަޔާނުގައި ފާހަގަކޮށްފައިވަނީ މި އިސްނެގުމުގެ މައިގަނޑު އަމާޒަކީ “ދެން އޮތް ސިޔާސީ މަރުހަލާއަށް ތައްޔާރުވުމުގެ ގޮތުން އިދިކޮޅު ފަރާތްތަކުގެ ތެރޭގައި ސަފުތައް ހަރުދަނާކުރުން” ކަމަށެވެ.



