
ޓްރަމްޕްގެ އިންޒާރަށް އަފްޣާނިސްތާނުން ގޮންޖަހައިފި.
އަފްޣާނިސްތާނުގެ ބަޣްރާމް ވައިގެބޭސް އެމެރިކާ އާ ޙަވާލު ނުކޮށްފިނަމަ އެމެރިކާގެ ނުރައްކަލާ އަފްޣާނިސްތާނުން ކުރިމަތިލާންޖެހޭނެ ކަމަށްބުނެ ރައީސް ޓްރަމްޕް ދިން އިންޒާރަށް އަފްޣާނިސްތާނުން ގޮންޖަހައިފި އެވެ.
އަފްޣާނިސްތާނުން ބުނީ، އޭޝިއާގެ ”ސްޓްރެޓެޖިކް ހިތަށް“ އެނބުރި އައުމަށް އެމެރިކާއަށް ކުޑަވެސް ފުރުޞަތެއް ނުދޭނެ ކަމަށާއި، އެކަމާ ޚިޔާލުވެސް ނުކުރުމަށެވެ.
“އަފްޣާނިސްތާނުގެ ބިމުގައި އެހެން އެއްވެސް ބޭރުގެ އަސްކަރީ ބާރެއް ދެމި ތިބުމުގެ ފުރުޞަތެއް ނެތް. މިހާރު މިދެކެނީ ބޭރުގެ ސިފައިން ނެތް، އަދި އެމެރިކާގެ އަސްކަރީ ބާރާއި ނުފޫޒު ވެސް ނެތް އާ ޒަމާނެއް.” އަފްޣާނިސްތާނުން ވަނީ ބުނެފަ އެވެ.
އޭޝިއާ ރީޖަންގައި އަދި ޗައިނާގެ ހުޅަނގުގައި ހިންގާ އަސްކަރީ އޮޕަރޭޝަންތަކަށް ބަޣްރާމް އެއާ ބޭސް ހިމެނޭ ޕޮއިންޓަކީ މި ސަރަހައްދުގެ ކޮންޓްރޯލް ޕްލެޓްފޯމެއް ގޮތުގައި ހެދުމަށް ޓްރަމްޕްގެ ޝައުގުވެރިކަން ކުރިން ވެސް ވަނީ ފާޅުކޮށްފަ އެވެ.
އަފްޣާނިސްތާނުގެ މިހާރުގެ ސްޓޭންޑަކީ، ބޭރުގެ އެއްވެސް އަސްކަރީ ބާރަކަށް އަފްޣާނިސްތާނުގެ ބިމުން ފުރުޞަތު ނުދިނުމެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި، މި ދެބަސްވުމުގެ ފަހަތުގައި އޮތީ ޗައިނާއާއި މެދުތެރޭ އޭޝިޔާއާއި މެދުއިރުމައްޗާ ދެމެދު ޖިއޮސްޓްރެޓެޖިކް ކޯރިޑޯގެ ހަނގުރާމައެވެ. އެމެރިކާއިން އެ ސަރަހައްދަށް އަލުން ވަނުމަށް މަސައްކަތް ކުރާއިރު، ސިޔާސީ އަދި އިގްތިސާދީ ގޮތުން އަމިއްލަ ފައިމައްޗަށް ތެދުވުމަށް އަފްޣާނިސްތާން ބޭނުންވަނީ އެއްވެސް ބަޔަކަށް އަޅުވެތި ނުވެ ކުރިއަށް ދިއުމަށެވެ.



