
ފަލަސްތީނުގެ މިނިވަން ދަޢުލަތެއް އުފެއްދުމަށް އިސްރާއީލުގެ ޢާއްމުން ގޮވާލަންފަށައިފި
ފަލަސްތީނުގެ ދައުލަތެއް ބަލައިގަތުމަށާއި ޣައްޒާގައި އިސްރާއީލުން ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ގޮވާލާ ޕެޓިޝަނެއްގައި 7،500 އަށް ވުރެ ގިނަ އިސްރާއީލުން ސޮއިކޮށްފައިވާ ކަމަށް އިސްރާއީލުގެ މީޑިއާތަކުން ބުނެފި އެވެ.
ޔަހޫދީ-އަރަބި ގްރާސްރޫޓް ހަރަކާތެއް ކަމަށްވާ ޒާޒިމްގެ ފަރާތުން ކުރިއަށްގެންދާ މި ޕެޓިޝަނަކީ، މިހިނގާ ސެޕްޓެމްބަރު 22 ވަނަ ދުވަހު ބާއްވާ އދ. ގެ އާންމު މަޖިލީހުގެ ބައްދަލުވުމުގެ ކުރިން ”ބައިނަލްއަގްވާމީ މުޖުތަމައަށް ސާފު، އެއްބައިވަންތަ އިސްރާއީލުގެ މެސެޖެއް“ ފޮނުވުމުގެ މަޤްޞަދުގައި ކުރާ މަސައްކަތެއް ކަމަށް އެޙަރަކާތުގެ ފަރާތުން ވަނީ ބުނެފަ އެވެ.
ޒާޒިމްގެ ފަރާތުން ބުނީ އދ. މަޖިލީހުގެ އާއްމު ޖަލްސާގެ ކުރިން ސޮއިކުރާ މީހުންގެ އަދަދު 10،000 އަށް ވުރެ މައްޗަށް އަރާނެ ކަމަށެވެ.
”ފަލަސްތީނުގެ ދައުލަތެއް ބަލައިގަތުމަކީ އިސްރާއީލަށް އަދަބެއް ދިނުމެއް ނޫން. ދެގައުމުގެ ރައްޔިތުންނަށް ވެސް ދެބަސްވުންތަކުން ދުރުވެ، ރައްކާތެރިކަމުގެ މައްޗަށް ބިނާކޮށް ރަނގަޅު މުސްތަގުބަލަކަށް އެޅި ފިޔަވަޅެއް،“ ޕެޓިޝަންގައިވެ އެވެ.



