
އެމްޔޫ މަނިކު އަވަހާރަ ވެއްޖެ
ރާއްޖެއަަށް ޓުއަރިޒަމް ގެނައުމަށް މަސައްކަތް ކުރެއްވި އެއްބާނީ އެމްޔޫ މަނިކު އަވަހާރަ ވެއްޖެ އެވެ.
ރާއްޖެއަށް ފަތުރުވެރިކަން ތައާރަފްކުރުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރެއްވި އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ސިންގަޕޫރުގައި މިއަދު އަވަހާރަވެއްޖެ އެވެ.
މުހައްމަދު އުމަރު މަނިކު އަވަހާރަ ވެފައިވަނީ ހާލުދެރަވެ ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ.
ރާއްޖެއަށް ޓޫރިޒަމް ތައާރަފް ކުރުމާއި ރިސޯޓްތައް ހިންގުމުގައި އިސް ދައުރެއް މުހައްމަދު އުމަރު މަނިކު އަދާކުރެއްވި އެވެ.
އެ މަނިކުފާނުގެ ހާއްސަ މަސައްކަތް ތަކުގެ ތެރޭގައި މަރުކަޒީ ބޭންކު، އެމްއެމްއޭގެ ޑިރެކްޓަރުންގެ ބޯޑުގައި މަސައްކަތް ކުރައްވާފައި ވެއެވެ. އަދި މީގެ އިތުރުން އައިލެންޑް އޭވިއޭޝަންގެ ޗެއާމަންކަމާއި 2013 އިން ފެށިގެން މިދިޔަ ޖެނުއަރީ މަސް ނިމެންދެން އެމްއޭސީއެލްގެ ޗެއާމަންގެ މަގާމުވަނީ ފުރުއްވާފަ އެވެ.
މުހައްމަދު އުމަރު މަނިކު ވަނީ ފަތުރުވެރިކަމުގެ ދާއިރާއިން 1982 ވަނަ އަހަރު އާންމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު އަދި 2002 ގައި ޝަރަފުވެރި ކަމުގެ އިނާމު ހާސިލްކުރައްވައިފަ އެވެ.
މިއަދުގެ އަޞްރު ނަމާދަށް ފަހު އެމަނިކުފާނުގެ މައްޗަށް ޣައިބަށް ކަށުނަމާދު ކުރުމަށްވަނީ ހަމަޖެހިފަ އެވެ.