
ހަމާސްގެ ސިޔާސީ ބިއުރޯގެ މެމްބަރު ޚަލީލް އަލް ހަޔާ އަށް އަމާޒުކޮށް ތުރުކީގައި ހަމަލާދީފައިވާކަމަށް ބުނެ ފަތުރަމުންދާ ރިޕޯޓްތައް ހަމާސް އިން ދޮގުކޮށްފި
ހަމާސްގެ މަސްދަރުތަކާ ހަވާލާދީ ފަލަސްތީނުގެ މީޑިއާތަކުން ބުނެފައިވަނީ ދައުރުވަމުންދާ ވާހަކަތަކަކީ ފަލަސްތީނުގެ ރައްޔިތުންނާއި އެމީހުންގެ ލީޑަރުންނާ ދެކޮޅަށް އިސްތިއުމާރީން ކުރަމުންދާ ނަފްސާނީ އަދި މީޑިއާ ހަނގުރާމައިގެ ތެރެއަށް ވަންނަ ”ދޮގު އަޑުތަކެއް“ ކަމަށެވެ.
މަސްދަރުތަކުން ކަށަވަރުކޮށްދިން ގޮތުގައި މިފަދަ ”ނާކާމިޔާބު މަސައްކަތްތަކުން“ އެމީހުންގެ ލީޑަޝިޕަށް ކުރާ އިތުބާރު ގެއްލިގެން ނުދާނެ ކަމަށާއި، ޑރ އަލްހަޔާ އާއި އޭނާގެ އެކުވެރިން އަހަރުތަކެއް ވަންދެން ދައްކަމުން އަންނަ ކެތްތެރިކަމާއި ސާބިތުކަމަށް ބަދަލެއް ނާންނާނެ ކަމަށެވެ.
އިތުރަށް ބުނެފައިވަނީ ”ވާހަކަތަކަކީ ބަލިކަށި މީހުންގެ ހަތިޔާރު“ ކަމަށާއި ފަލަސްތީނުގެ ރައްޔިތުން މިފަދަ ކެމްޕޭންތަކުން ނިކުތުމަށް އާދަވެފައިވާ ކަމަށެވެ.
ހަމާސްގެ ފަރާތުން މުއާމަލާތްކުރާ ސުލްހައިގެ ވަފުދުގެ އިސްވެރިޔާ ޚަލީލް އަލް ހަޔާ އަވަހާރަކޮށްލަން އުޅުނު ކަމަށް ބުނާ ޚަބަރުތަކެއް މިއަހަރުގެ ޖޫން މަހުގެ މެދުތެރޭގައިވެސް ވަނީ އިސްރާއީލުގެ މީޑިއާތަކުން ފަތުރާފަ އެވެ.