
ޖޭއެސްސީއަށް ސުޕްރީމް ކޯޓުން ފަނޑިޔާރު ޝަހީދު
ޖޭއެސްސީގައި ސުޕްރީމް ކޯޓު ތަމްސީލު ކުރައްވާ މެންބަރަކަށް، މިދިޔަ ހަފްތާގައި އެ ކޯޓަށް އައްޔަން ކުރި ފަނޑިޔާރު ހުސައިން ޝަހީދު މިއަދު ހަމަޖައްސައިފި އެވެ.
ސުޕްރީމް ކޯޓަށް ޝަހީދު މިއަދު ހަމަ ޖެއްސިއިރު، އެ ކޯޓުގެ ދެ ފަނޑިޔާރަކު ތިބީ ޖޭއެސްސީން ސަސްޕެންޑްކޮށްފައެވެ. އެއީ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު މަހާޒް އަލީ ޒާހިރުއެވެ. މި ދެ ފަނޑިޔާރުންގެ އިތުރުން ހުސްނުއްސުއޫދުވެސް ޖޭއެސްސީން ސަސްޕެންޑް ކުރިއެވެ. އެކަމަކު ސުއޫދުވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.
ޝަހީދު ސުޕްރީމް ކޯޓަށް އައްޔަން ކުރީ، ސުއޫދު އިސްތިއުފާ ދެއްވުމުން ހުސްވި މަގާމަށެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީގައި އެންމެ ފަހުން އިންނެވީވެސް ސުއޫދުއެވެ.
ޖޭއެސްސީއަކީ ފަނޑިޔާރުންގެ މައްސަލަ ބެލުމާއި، ފަނޑިޔާރުން ވަކިކުރުމާއި އައްޔަންކުރުން ހިމެނޭ ގޮތަށް ފަނޑިޔާރުން ރެގިއުލޭޓް ކުރަން ގާނޫނުއަސާސީން އެކުލަވާލާފައިވާ ކޮމިޝަނެކެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުން
- ރައްޔިތުންގެ މަޖިލީހުގެ މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމް (ކޮމިޝަނުގެ ރައީސް)
- ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒު (ކޮމިޝަނުގެ ނައިބު ރައީސް)
- ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ
- ސިވިލް ކޯޓުގެ ގާޒީ ފަރުހާދު ރަޝީދު (ދަށު ކޯޓުތަކުގެ ފަނޑިޔާރުން ތަމްސީލްކުރައްވާ މެންބަރު
- ޑރ. އާމިނަތު ކުލްސޫމް (އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލިހުން ކަނޑައެޅި މެންބަރު)
- ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް މުހައްމަދު ނާސިހު
- ޔަޒްމީދު މުހައްމަދު (ރައީސް މުއިއްޒު ކަނޑައަޅުއްވާފައިވާ މެންބަރު)
- ބަންޑާރަ ނައިބު އަހުމަދު އުޝާމް
- ގާނޫނީ ވަކީލު އަލީ އަބްދުއްލަތީފް (ވަކީލުންގެ ތެރެއިން އިންތިހާބުކޮށްފައިވާ، ވަކީލުން ތަމްސީލްކުރައްވާ މެންބަރު)
ސުޕްރީމް ކޯޓުން ޖޭއެސްސީއަށް ޝަހީދު ކަނޑައެޅިނަމަވެސް، ޝަހީދު އެ މަގާމަށް އައްޔަން ކުރާނީ ރައީސްގެ ކުރިފުޅުމަތީގައި ޖޭއެސްސީގެ މެންބަރުކަމުގެ ހުވައި ކުރެއްވުމުންނެވެ.