މިއަހަރު 50 ފަގީރުން ހިލޭ ޙައްޖަށް ފޮނުވަން ރައީސް ނިންމަވައިފި
ފަގީރުން ހިލޭ ޙައްޖަށް ފޮނުވުމަށް ވެވަޑައިގެންފައިވާ ވަޢުދުފުޅާ އެއްގޮތަށް އެންމެ ފުރަތަމަ 50 ފަޤީރުން ހައްޖަށް ފޮނުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
1000 ފަގީރުން ސަރުކާރުގެ ޚަރަދުގައި ޙައްޖަށް ފޮނުވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ސަރުކާރުގެ ޚަރަދުގައި ހިލޭ 1000 ފަގީރުން ޙައްޖަށް ގެންދިއުމަށް މިއަދު ކެބިނެޓުން ފާސްކޮށްފައިވާކަމަށެވެ. އަދި ކެބިނެޓުން ނިންމެވީ އެންމެ އަވަހަށް ފަންސާސް ފަގީރުން ޙައްޖަށް ފޮނުވުމަށްކަމަށާއި، އެގޮތުން ކޮންމެ އަހަރަކުވެސް ވަކި ޢަދަދެއް ހިލޭ ހައްޖަށް ފޮނުވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ އުންމީދަކީ މި ފަސް އަހަރު 1000 ފަގީރުން ހިލޭ ޙައްޖަށް ފޮނުވުމުގެ އިތުރުން، ފަސް އަހަރު ނިމުމުންވެސް ދާއިމީކޮށް ކުރިއަށްދާ ކަމެއްގެ ގޮތުގައި ދެމިއޮތުންކަމަށެވެ.
ރައީސް ވިދާޅުވީ ޙައްޖަށް ފޮނުވުމުގައި ފަޤީރުންގެ ގޮތުގައި ބަލާނީ އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާގައި އޮންނަނަ ފަގީރުންގެ ރަސްމީ ލިސްޓަށްކަމަށެވެ.
“އެ ފަންސާސް ޖާގަ މިދެނީ ފަޤީރުންގެ ލިސްޓުގަ ހިމެނޭ މީހުންގެ ތެރެއިން އާންމުކުރާ އުސޫލަށް ފިޓުވާ ފަރާތްތަކަށް. ހަމަ ލައިވްކޮށް މީހުންގެ ކުރިމަތީގަ ގުރުއަނު ނަގައިގެން އޭގެ އެއްވެސް ކަހަލަ ސުވާލެއް ނުއުފެދޭގޮތަށް އެއްވެސްކަހަލަ އިލެކްޓްރޯނިކް ނިޒާމެއް ބޭނުން ނުކޮށްފިޒިކަލް ގުރުއަތު ނެގުމަކުން ލައިވްކޮށް ނަގާނީ. އެ އުސޫލު އަދި އިއުލާންކުރާނަން. ޢުމުރު، ފުރަތަމަ ޙައްޖު، މިކަހަލަ މިންގަނޑުތަކެއް ހުންނާނެ.” ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް ލިބޭ ކޯޓާއި އިތުރުކުރައްވަން މަސައްކަތް ކުރެއްވުމާއި، ޙައްޖާއި ޢުމްރާއާއި ގުޅޭ މަސައްކަތްތައް އިތުރަށް ހަރުދަނާކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެވެ. ރާއްޖެއަށް މިހާރު ލިބޭ 1000 ކޯޓާގެ ބަދަލުގައި، އެ އަދަދު 2000އަށް އިތުރުކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.