
ހިންދޫ ގުރޫއެއް މާލޭގައި ކްލާސް ބާއްވަން އުޅޭ މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
މާލެ ހޮޓަލެއްގައި ”ސްޕްރީޓުއަލް ހީލާރސް“ގެ ނަމުގައި ކްލާސް ބާއްވަން އުޅޭ މައްސަލަ ފުލުހުންނަށް ހުށަހަޅައިފިއެވެ.
އިސްލާމިކް މިނިސްޓަރު އަހްމަދު ޒާހިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މާލެ ހޮޓަލެއްގައި “ ސްޕްރީޓުއަލް ހީލާ“ގެ ނަމުގައި ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނާ ހިލާފު އަމަލުތަކެއް ހިންގަން އިސްތިހާރު ކުރުމުގެ މައުލޫމާތު ލިބުމާ ގުޅިގެން އެމައްސަލަ ބަލައި ފިޔަވަޅު އެޅުމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
މިއީ މިފަދަ ކަމެއް ފާޅުގައި އިސްތިހާރު ކޮށްގެން ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ.
ހިންދޫ ދީނާއި ގުޅޭ މައުލޫމާތު ދިނުމުގެ ސެޝަންތައް މިއަދާއި މާދަމާ މާލޭގެ ހޮޓަލެއްގައި ކުރިއަށް ގެންދިއުމަށް ނިންމާ އެކަމުގެ އިޝްތިހާރުތައް އަންނަނީ ކުރަމުންނެވެ.
މިކަމާއި ގުޅިގެން ފުލުހުން ވިދާޅުވީ ޓޫރިސްޓު ވިސާގައި ރާއްޖެ އައިސް ހުރި އިންޑިއާ މީހަކު، ދިމާވާ ގޮންޖެހުންތަކަށް ރޫހާނީ ހައްލު ހޯދައިދޭން ދަސްކޮށްދޭ ކްލާސްތަކެއް ހިންގާ ކަމަށް ބުނެ މީސް މީޑިއާގައި ޕޯސްޓް ކޮށްފައިވާކަން ފުލުހުންގެ ސަމާލުކަމަށް އައުމާއި ގުޅިގެން، އެކަމުގައި ބައިވެރިވާ ކަމަށް ބެލެވޭ އިތުރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވި އެކަމާ ގުޅޭ މައުލޫމާތު ސާފް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަަމަށެވެ.
އަދި މި މައްސައަލީ ރާއްޖޭގެ ދީނީ އެއްބައިވަންތައް ކަން ހިމާޔަތް ކުރުމާއި ބެހޭ ގާނޫނާއި އިމިގްރޭޝަންގެ ގާނޫނާ ހިލާފު ކަމަކަށްވާތީ ކަމާއި ގުޅޭ އިދާރާތަކައި ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް ފުލުހުން އަޅާނެ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ޝިރުކު ފެތުރުމުގެ މިހަރަކާތާއި ގުޅިގެން ރާއްޖޭގެ އެތައް ޝެއިޚުންނަކާއި ދީނަށް ލޯބިކުރާ ފަރާތްތަކުން ދަނީ މިޙަރަކާތާއި ދެކޮޅަށް އަޑު އުފުލައި، މިކަން ހުއްޓުވުމަށް ގޮވާލަމުންނެވެ.