
މަނަދޫ ގިނަ މަޝްރޫޢުތަކެއްގެ ނިމުން، ރައީސުލް ޖުމްހޫރިއްޔާ ފާހަގަކޮށްދެއްވައިފި!
މީގެ އިތުރުން މަނަދޫ އެމް.ޑީ.އޭ ޖަގަހަވެސް ވަނީ ހުޅުވައިދެއްވާފައި.
އެމްޑީޕީއާއި ގުޅިފައިވާ ކޯލިޝަންގެ ކެނޑިޑޭޓް، އަދި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ، ނ.އަތަޅު މަނަދުއަށް ކުރެއްވި ދަތުރު ފުޅުގައި، އެރަށުގައ ހިންގާފައިވާ ބައެއް މަޝްރޫޢުތަކުގެ ނިމުން ފާހަގަކޮށްދެއްވައިފިއެވެ. މިގޮތުން މިއަދު ހެނދުނު އެމަނިކުފާނު ވަނީ، މަނަދޫ ފެނުގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވައި، ނ. އަތޮޅުހޮސްޕިޓަލްގެ 6 އޯޕީޑީ ރޫމާއި ލެބޯޓްރީ އަދި ނ. އަތޮޅު މަދަރުސާގެ މަލްޓިޕަރޕަސް ހޯލާއި، އިންޑޯރޖިމް އަދި ފުޓުބޯޅަދަނޑާއި، ފެނަކަ އޮފީސް ހުޅުއްވައި ދެއްވާފައެވެ. މިތަންތަނުގެ އިތުރުން އެމަނިކުފާނު ވަނީ މަނަދޫ އެމްޑީއޭ ޖަގަހަވެސް ހުޅުވައި ދެއްވާފައެވެ.
މަނަދޫ ފެނުގެ ނިޒާމަކީ، އިންޑިއަން އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން، ވިޝްވަރާޖް އެންވަޔަރަންމެންޓް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން ނިންމާފައިވާ ނިޒާމެކެވެ. މިމަޝްރޫޢުގެ މަސައްކަތް ނިންމައި މިހާރު ވަނީ 269 ފަރާތަކަށް ފެނުގެ ކަނެކްޝަންސްތައް ގުޅައިދީފައެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައި ދެއްވި، މަލްޓިޕަރޕަސް ހޯލަކީ، އެންމެ ޒަމާނީފެންވަރަށް ބިނާކޮށްފައިވާ ޖާގަ ތަނަވަސް ހޯލު އިމާރާތެއް ކަމުގައި ރައީސް އޮފީހުން ވަނީ ހާމަކޮށްފައެވެ. މިޢިމާރާތުގެ މަޝްރޫޢު ކުރިޔަށް ގެންގޮސްފައި ވަނީ އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކުރައްވައިގެންނެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައި ދެއްވި، މަނަދޫ ފުޓުބޯޅަ ދަނޑަކީ، ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ދަނޑެއް ކަމުގައިވެސް ރައީސް އޮފީހުން ވަނީ ހާމަކޮށްފައެވެ. މިރަސްމިއްޔާތުގައި ދަނޑު ހުޅުއްވައިދެއްވައި ޕެނަލްޓީ ޖެއްސެވުމަށްފަހު، ބޯޅައެއްގައި ސޮއިކުރެއްވުން އޮތެވެ. ދަނޑުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ އިންޑޯރ ޖިމްވެސް ހުޅުއްވައި ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައި ދެއްވި، ފެނަކަ އައު އޮފީސް ޢިމާރާތަކީ، ދަތިނުވެ 30 މުވައްޒަފުންނަށް މަސައްކަތް ކުރެވޭ ޖާގަ ތަނަވަސް ޒަމާނީ އޮފީސް ޢިމާރާތެކެވެ. މި ޢިމާރާތް ބިނާކޮށްފައި ވަނީ މަނަދޫގެ ބަނދަރު ސަރަޙައްދުގައެވެ.


ސަރުކާރުގެ މަޝްރޫއުތަކުގެ ނިމުންފާހަގަކުރައްވައި އިފްތިތާޙުކޮށްދެއްވުމަށްފަހު، އެމްޑީޕީއާއި އަދި ގުޅިފައިވާ ޕާޓީތަކުގެ ކޯލިޝަންގެ ކެނޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ، މަނަދޫ އެމްޑީއޭ ޖަގަހަ ވެސް ހުޅުވައިދެއްވާފައެވެ. އެރަސްމިއްޔާތުގައި ޖަގަހަ ހުޅުވުމުގެގޮތުން ރިބަން ކަނޑުއްވާފައިވަނީ އެމްޑީއޭގެ ރައީސް ޝިޔާމް އާއިއި ބްރާހީމްމުޙައްމަދުޞާލިޙެވެ.

އިތުރު ފޮޓޯތައް





























































