
ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕްރޮސްތެޓިކް އަދި އޯތޮޓިކް މެނުފެކްޗަރިންގ ލެބޯޓްރީއެއް ހުޅުވައިފި
ދިވެހިރާއްޖޭގެ ފުރަތަމަ ޕްރޮސްތެޓިކް އަދި އޯތޮޓިކް މެނުފެކްޗަރިންގ ލެބޯޓްރީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ހުޅުއްވައިދެއްވައިފިއެވެ.
ހުޅުމާލޭ ހޮސްޕިޓަލުގައި، އެ ލެބޯޓްރީ ހުޅުއްވައިދެއްވައި ނައިބުރައީސް ވިދާޅުވީ މި ސަރުކާރުން އެންމެ އިސްކަމެއްދީގެން ކުރަމުންދާ މަސައްކަތަކީ ޞިއްޙީ ދާއިރާ ހަރުދަނާކޮށް އެއްވެސް މީހަކު ބާކީނުކޮށް އެންމެ ބޭނުންޖެހިފައިވާ މީހުނަށް އެ ބޭނުންތައް ފުއްދައިދިނުންކަމުގައެވެ.
އެގޮތުން މިއަދު ހުޅުއްވައިދެއްވި ލެބުގެ ސަބަބުން ވަރަށް ގިނަ ބަޔަކަށް އެކަމުން ފަސޭހަތަކެއް ލިބިގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު ވަނީ މި ލެބުގެ ސަބަބުން ރައްޔިތުންނަށް ލިބިގެންދާނެ ފައިދާތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ.
ހަމައެއާއެކު ނައިބުރައީސް ވަނީ ރާއްޖޭގެ ޞިއްޙީ ދާއިރާ ހަރުދަނާކުރުމަށް ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވައި އެމަސައްކަތްތަކުން ޙާޞިލްކުރެވިފައިވާ ކާމިޔާބީތައް ފާހަގަކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. އަދި އެކަންކަމުގައި އެހީތެރިވެދެއްވި ފަރާތްތަކަށް އެމަނިކުފާނު ޝުކުރުއަދާކުރެއްވިއެވެ.
ޕްރޮސްތެޓިކް އެންޑް އޯތޮޓިކް ލެބަކީ ޚާއްޞަ އެސިސްޓިވް ޑިވައިސްތައް ތައްޔާރުކުރެވޭނެހެން ޤާއިމްކޮށްފައިވާ ލެބެކެވެ. މީގެކުރިން ޕްރޮސްތެޓިކް ނުވަތަ އޯތޮޓިކް އެސިސްޓިވް ޑިވައިސްތައް ބޭނުންވާ ފަރާތްތަކަށް މި ތަކެތި ހޯދަމުން ދިޔައީ ރާއްޖެއިން ބޭރުންނެވެ. އަދި މިހާރު މި ވަޞީލަތްތައް ހުޅުމާލެ ހޮސްޕިޓަލުގައި ތައްޔާރު ކުރެވެން ފެށުމުން، މިކަމަށް ސަރުކާރުން ހޭދަކުރާ ޚަރަދުގެ 3 ގުނަ ސަލާމަތްކުރެވިގެންދާނެއެވެ. އަދި މިފަދަ ވަޞީލަތް ބޭނުންވާ ފަރާތްތަކަށް އެންމެ އަވަސް މިނުގައި މިތަކެތި ލިބުމުގެ ފުރުޞަތުވެސް ފަހިވެގެންދާނެއެވެ.