ރައީސް ސޯލިހު ހަކުރު ވިއްކަން ތާއީދު ކުރައްވާ ކަމަށް ނަޝީދު ތުހުމަތު ކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، މަސްތުވާތަކެތި ވިއްކަވަން ތާއީދު ކުރައްވާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ސީރިޔަސް ތުހުމަތެއް ކުރައްވައިފިއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ޢަބުދުﷲ ޖާބިރު ދެއްކެވި ވާހަކަތަކާ ގުޅުވައިގެންނެވެ. ސީއެންއެމްގެ ޓީވީ ޕްރޮގްރާމެއްގައި ދާދިފަހުން ޖާބިރު ދެއްކެވި ވާހަކަގައި ޖާބިރު ވަނީ ދެވަނަ ދައުރަކަށް ރައީސް ސޯލިހު ހޮވިއްޖެނަމަ މެޑިކަލް މަރުވާނާ ރާއްޖޭގައި ވިއްކުމުގެ ލައިސަންސް ލިބިގެންދާނެ ކަމަށް ވިދާޅުވެފައެވެ.
”އަޅުގަނޑަކަށް ނުފެނޭ މަޖަލަށް ހަދާފައިވެސް މި ބާވަތުގެ ވާހަކަ ދައްކަން، ރައީސް ސޯލިހްވެސް އަތް ޖައްސަންވަންށޭ މި އިންނަނަވަނީ. އެއިކީ މަޖާ ކަމެއް ނޫން، ޖާބިރު އަބަދު ދައްކަވާ ވާހަކަތައްވެސް މަޖަލެއްވެސް ނޫން، މިކަމުގެ ސަބަބުން ރައްޔިތުންގެ ތެރޭގައި ވަރަށް ބޮޑެތި އޮޅުން އަރާ، ރައީސުލްޖުމްހޫރިއްޔާ އެކަމަށް ތާއިދު ކުރައްވައިގެން އިންނަވާކަން، އެއީ ހަކުރު ވިއްކަން ތާއިދު ކުރައްވައިގެން އިންނަވާކަން، އެއީކީ ބަލައިގަނެވޭނެ ކަމެއް ނޫން“ އެވަހަކަތަކާ ގުޅުވާ ނަޝީދު ވިދާޅުވިއެވެ.
މަސްތުވާތަކެތިން ޒުވާނުން ސަލާމަތް ކުރެވޭނެ ގޮތް ހޯދަން ޖެހޭ ކަމަށާއި މަސްތުވާތަކެތީގައި މީހަކު ޖެހުމުން ދައުލަތުން އެކަންކަން ބަލަހައްޓައިދޭން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އަދަދު ގިނަވެފައިވާ ކަމަށާއި ހައްދުފަހަނަ އަޅާފައިވާ ޖަމާއަތްތަކުން ފައިސާ ހޯދުމަށް ހިންގާ އެންމެ ބޮޑު ވިޔަފާރިއަކީ މަސްތުވާތަކެތީގެ ވިޔަފާރި ކަމަށެވެ.