އެންމެފަހުން ގޯސްމިވީ ތަފްސީރު ފޮތްތައްތޯ؟ : އައްޝެއިޚް ޒަމްޒަމް ފާރިޝް
ޢަދާލަތު ޕާޓީގެ ރައީސް ޢިމްރާން ޢަބްދުﷲ، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ކެމްޕެއިން ޖަލްސާއެއްގައި ދޮގު ޙަދީޘް އެއް ކިޔުއްވި މައްސަލަ މީގެ ކުރިން ވަނީ ފެންމަތިވެ ޢިލްމުވެރީން އެކަމާ ނުރުހުން ފާޅުކުރައްވައި، އެކަމުގެ ޙަޤީޤަތް ބަޔާން ކުރައްވާފައެވެ. ނަމަވެސް ޢިމްރާން ވަނީ އެކުށަށް މާފަށް އެދި އިޞްލާޙު ކުރުމުގެ ބަދަލުގައި ބަހަނާ ދައްކަވާފައެވެ.
ކަން މިހެން އޮއްވާ އަނެއްކާ މިވަނީ އިއްޔެގެ ހުކުރު ޚުތުބާގައި ސާބިތު ނުހިފޭ ވާހަކަތަކެއް، ހިމަނާފައިވާތީ އެމައްސަަލަ ފެންމަތި ވެފައެވެ. މިކަންކަމާއި ގުޅިގެން ޝެއިޚް ޒަމްޒަމް ފާރިޝް ވަނީ އެބޭފުޅާގެ ފޭސްބުކް ޕޭޖުގައި ނުރުހުން ފާޅުކުރައްވައި ލިޔުއްވާފައެވެ. ޝެއިޚް ލިޔުއްވާފައިވާ ސްޓޭޓަސްގައި ޢިލްމީ ގޮތުން އެނގުން މުހިއްމު ވާހަކަތަކެއްވެސް ހުރުމާއި އެކު މިތަނުގައި ނަޤުލުކޮށްލާނަމެވެ. ޝެއިޚް ޒަމްޒަމް ފާރިޝް ލިޔުއްވާފައި ވެއެވެ:
”އެންމެފަހުން ގޯސްމިވީ ތަފްސީރު ފޮތްތައްތޯ ؟ ތަފްސީރު ފޮތްތަކަކީ މީގެ ހާސް އަހަރު ކުރިން ފެށިގެން ލިޔަން ފެށުނު ޤުރްއާނުގެ ޢިލްމާ ބެހޭ ފޮތްތަކެކެވެ. އެއީ އެ ފޮތްތައް ލިޔުއްވި ޢިލްމުވެރިން އެބޭކަލުންގެ ޒަމާނުގައި ޢިލްމު ހޯއްދަވައި ފަތުރުއްވަވަން އުޅުއްވި ދަތި ޙާލާއި، ޙަދީޘްތަކުގެ ޞައްޙަ ނުޞައްޙަ ބަލައި ދިރާސާ ކުރައްވަން އުފުއްލަވަން ޖެހިވަޑައިގެންނެވި ތަކުލީފުތަކާ އެކުވެސް ޤުރްއާނުގެ މާނައާއި އެއާ ގުޅުން ހުރި ހުރިހާ ޢިލްމެއް އެބޭކަލުންނަށް އޭރު ލިބިވަޑައިގެންނެވި ޤާބިލުކަމާއި ވަޞީލަތްތަކުގެ މައްޗަށް ބިނާކޮށް އެބޭކަލުންގެ ކުޅަދާނަކަން ހުރި މިންވަރަކުން ލިޔުއްވާފައިވާ ޤުރްއާނުގެ ޢިލްމާ ބެހޭ ފޮތްތަކެކެވެ. ގިނަ ފަހަރު އެ ފޮތްތައް ލިޔުއްވާފައި ހުންނަނީ އަމިއްލަފުޅަށެވެ. މިޒަމާނުގައި މިހުންނަހެން ދީނީ ފޮތް ލިޔާ ކޮމިޓީތަކެއް އެޒަމާނަކު ނުހުރެއެވެ.އެބޭކަލުންނަކީ ވެސް އިންސާނުން ކަމުގައި ވީތީ އެތަކެތީގައި ކުށް ހުރެއެވެ. ޞައްޙަ ނޫން ބައެއް ކަންކަން އޮޅިގެން ގެނެވިފައި ހުރެއެވެ. އެއީ ހަމަ ޠަބީޢީ ކަމެކެވެ. އެހެނީ، ކުށެއް ނެތް ހަމައެކަނި ފޮތަކީ ކީރިތި ޤުރްއާންއެވެ.ކޮންމެއަކަސް، ފޮތެއް ލިޔުއްވާއިރު ނުވަތަ ލިޔުއްވައި ނިމޭ ފަހުން ވިޔަސް އޭގައި ކުށެއް ހިމެނޭކަން އެނގިވަޑައިގެންފި ނަމަ ވީއެންމެ އަވަހަކަށް އެކުށް އިޞްލާޙު ކުރައްވަން ޢާއްމު ގޮތެއްގައި އެބޭކަލުން އަވަސްވެގަންނަވައެވެ.އަދި އެބޭކަލުން އަވަހާރަވުމަށް ފަހު ދެން އައި ޖީލުތަކުގެ ޢިލްމުވެރިން އެ ތަފްސީރު ފޮތްތައް ބައްލަވައި ދިރާސާކުރައްވައި އޭގައި އިތުރަށް ކުށް ހުރިތޯ އޭގެ ހުރިހާ ފޮޅުވަތަކަށް ލޯ ހިންގަވައި ޞައްޙަ ކުރަން ޖެހޭ ކަންކަން ފާހަގަ ކުރައްވައި އެކަންކަން ބަޔާންކުރައްވައި އިޞްލާޙު ކުރައްވައި، ދީނީ ޢިލްމުގެ އަމާނާތް ފުރިހަމަ ގޮތުގައި އަދާކުރެއްވިއެވެ. އެއްވެސް ޙާލެއްގައި އޭގައި ހުރި ކުށްތައް އެހުރިގޮތަށް ލޯ މަރާލާފައި ޙައްޤެއް ބާޠިލެއް ބަޔާން ކުރުމަކާ ނުލައި ޢާއްމުންގެ ތެރެއަކަށް އެ ފޮތްތައް ދޫކޮށެއް ނުލައްވައެވެ.ވީމާ، މިޒަމާނުގައި ވެސް ދީނީ ކަންކަމުގެ ޒިންމާ އުފުއްލަވައިގެން ތިބޭ ފަރާތްތަކުން މުސްލިމް ޢާއްމު ރައްޔިތުންނަށް ދީނީ މަޢްލޫމާތު ފޯރުކޮށްދޭ ނަމަ ހިފަހައްޓަން ޖެހޭނީ ކުރީގެ ޢިލްމުވެރިންގެ ވެސް އަމާނާތްތެރި އުޞޫލެވެ. އެއްވެސް ޙާލެއްގައި ފޮތްތަކުން އެއްޗެހި ނަޤުލު ކުރާއިރު، ވަކިން ޚާއްޞަކޮށް ޣައިބުގެ ކަންކަމާއި ރަސޫލު ބޭކަލުންގެ ވާހަކަތަކާއި ދީނުގެ އަޙްކާމްތައް ގެންނަވާއިރު ޟަޢީފު ޙަދީޘްތަކާއި އަދި އޭގެ ތެރެއިން ވެސް ޟަޢީފުގެ އެންމެ ނުރައްކާތެރި ވައްތަރު ކަމުގައިވާ މަޥްޟޫ (ހަދާފައިވާ – fabricated) ޙަދީޘްތައް ޢާއްމުންގެ ތެރެއަށް ދޫކޮށްލަން ހެޔޮ ނުވާނެއެވެ.އެމަގުން ޒިންމާ އަދާ ނުކުރެވޭ ނަމަ މުސްލިމް ރައްޔިތުންގެ ފައިސާއިން ބޮޑެތި ޢަދަދުން ޚަރަދު ހޭދަކޮށްގެން މުއައްސާސާތައް ހަދައިގެން ތިބުމުގެ ބޭނުމެއް ނެތެވެ.އަތްދަށުން ކަމެއް ބީވެގެން ދިޔައީމާ އެކަން ދިފާޢުކުރުމުގެ ބަދަލުގައި އެންމެ ތެދުވެރި ގޮތަކީ އެކަމަށް މަޢާފަށް އެދި އެކަން އިޞްލާޙު ކުރުމަށް ކުރަން ޖެހޭ ކަންކަން ކުރަން އަވަސްވުމެވެ.މަސް ނުބޭނުނީމަ ކަނޑު ނުބައި ކުރާނީއެއް ނޫނެވެ.“