
ރިސޯޓުތަކުގައި ވޯޓު ފޮށި ބަހައްޓަން އިތުރު ފުރުސަތެއް
ރިޔާސީ އިންތިޚާބާއި ގުޅިގެން ރާއްޖޭގެ ރިސޯޓުތަކުގައި ވޯޓު ފޮށި ބަހައްޓަން އިތުރު ފުރުޞަތެއް ދިނުމަށް އިލެކްޝަންސް ކޮމިޝަންސް (އީސީ)ން ނިންމައިފިއެވެ.
މިކަމާއި ގުޅިގެން އީސީގެ ނައިބު ރައީސް ހަބީބު ވިދާޅުވީ ރިސޯޓުތަކުގައި މަސައްކަތް ކުރައްވާ ދިވެހިންނަށް، އިތުރު ފުރުޞަތެއް ދިނުމުގެ ގޮތުން ވޯޓު ފޮށި ބެހެއްޓުމަށް ނިންމާފައިނުވާ 23 ރިސޯޓެއްގައި ފޮށި ބެހެއްޓުމަށް އިތުރު ފުރުސަތެއް ދެއްވުމަށް ނިންމަވާފައިވާކަމަށެވެ. އެގޮތުން ކޮމިޝަނުުން ކަނޑައަޅާފައިވާ ސީލިންގ އާ އެއްގޮތަށް، ވޯޓުލުމުގެ ޙައްޤު ލިބިގެންވާ 30 ފަރާތަކުން ރީ-ރަޖިސްޓްރޭޝަން ފޯމު، ޖުލައި 31ގެ ނިޔަލަށް ކޮމިޝަނަށް ހުށަހަޅައިފިނަމަ، ވޯޓުފޮށި ބެހެއްޓުމުގެ ފުރުޞަތު ދޭން ކޮމިޝަނުން ނިންމާފައިވާކަމަށް ހަބީބް ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓްލުމަށް 604 ވޯޓް ފޮށި ބެހެއްޓުމަށް ނިންމާފައެވެ. އޭގެތެރެެއިން 78 ފޮށި ބަހައްޓާނީ އެކި ރިސޯޓްތަކުގައެވެ. ރިސޯޓްތަކުގައި ފޮށި ބަހައްޓަނީ ވަކި ޝަރުތުތަކެއް ފުރިހަމަވުމުގެ އިތުރުން އިންތިހާބުގައި ވޯޓްލުމަށް މަދުވެގެން 30 މީހުން ރަޖިސްޓްރީކުރުމުންނެވެ.
މީގެ ކުރީގެ އިންތިޚާބުތަކުގައި ރިސޯޓްތަކުގައި ވޯޓް ފޮށި ބަހައްޓަވަނީ މަދުވެގެން 50 މީހުން ރަޖިސްޓްރީކުރުމުންނެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިހާބުގައި ވޯޓްލުމަށް 604 ވޯޓް ފޮށި ބެހެއްޓުމަށް ނިންމާފަ އެވެ.