ލޯކަލް މާރުކޭޓް ހުރި ސަރަހައްދުގައި 4 ބުރީގެ ޒަމާނީ މާރުކޭޓެއް އަޅަނީ
މާލޭގެ ލޯކަލް މާރުކޭޓް ހުރި ސަރަހައްދުގައި ޒަމާނީ ފެންވަރުގެ މާރުކޭޓެއް އަޅަން ނިންމާފައިވާކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މޭޔަރު ވިދާޅުވީ މިހާރު ހިންގަމުންދާ މަސް މާރުކޭޓް ތަޅާލުމަށްފަހު، މިހާރު ލޯކަލް މާރުކޭޓް ހިންގާ ތަނުގައި އެޅުމަށް ހަމަޖެހިފައިވަނީ 4 ބުރީގެ ޒަމާނީ މާރުކޭޓެއް ކަމަށެވެ. އަދި ޒަމާނީ މާރުކޭޓްގެ އެންމެ ތިރީ ބައިގައި ހުންނާނީ މަސްމާރުކޭޓްކަމަށާއި، ފުރަތަމަ ފަންގިފިލާއާއި ދެވަނަ ފަންގިފިލާއާއި ތިންވަނަ ފަންގިފިލާގައި ހިންގަނީ ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުކަމަށާއި، މި ތިން ފަންގިފިލާއިން ތާޒާ މޭވާއާއި ތަރުކާރީ ލިބެންހުނާނެކަމަށެވެ. އަދި ހަތަރުވަނަ ފަންގިފިލާގައި އޯޕަންއެއަރ ގައި ރެސްޓޯރަންޓު ހިންގުމަށް ކުއްޔަށް ދޫކުރަން ނިންމާފައިވާކަމަށް މޭޔަރު ވިދާޅުވިއެވެ.
މީގެ އިތުރުން މޭޔަރު ވިދާޅުވީ ޒަމާނީ މާރުކޭޓު އެޅުމަށް މިހާރުގެ ލޯކަލް މާރުކޭޓް ހުސްކުރާނީ، ވަގުތީ ގޮތުން އެހެން ބިމެއްގައި މާރުކޭޓުތަކެއް އެޅުމަށް ފަހުގައި ކަމަށެވެ. ވަގުތީ މާރުކޭޓު ހިންގުމަށް މިހާރު ބާޒާރު މަތީގައި ބޭނުންކުރާ ދެ ޕާކިން ޒޯނެއް ހާއްސަކުރަން ނިންމާފައިވާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން ހައި ކޯޓު ކުރިމަތިން އޮންނަ ޕާކިން ޒޯނާއި، ބާޒާރު މަތީގެ އެހެން ޒޯނެއް ވެސް ހާއްސަ ކުރުމަށް ނިންމާފައިވާކަމަށް މޭޔަރު ވިދާޅުވިއެވެ. އަދި މީގެ އިތުރުން މޭޔަރު ވިދާޅުވީ ލޯކަލް މާރުކޭޓުގައި މިހާރު ހިންގާ ވިޔަފާރި ނުހުއްޓޭ ގޮތަށް، ކޮންމެ މީހަކަށް ވެސް އެމީހެއްގެ ކޮންމެ ގޮޅިއަކަށް ގޮޅިއެއް ދެވޭނެކަމަށްވެސް ވިދާޅުވިއެވެ.
ވަގުތީ ލޯކަލް މާރުކޭޓު މާފަންނަށް ނުވަތަ ބާޒާރުމައްޗާއި ދުރުގައި ގާއިމުކުރުމަށް ނިންމައިފި ނަމަ، ވިޔަފާރިވެރިންނަށް ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިދާނެތީ، ބާޒާރު މަތިން ދެ ޒޯން ނެގުން ނޫން ގޮތެއް ނެތްކަމަށް ވެސް މޭޔަރު ފާހަގަ ކުރެއްވިއެވެ.