މައެއްގެ އިހުސާސް (ހަޤީޤީ ވާހަކަ)

 

އަޅުގަނޑުގެ ދަރިފުޅުގެ އެންމެ ފަހުނޭވާ ލީއިރު ދަރިފުޅުގެ މުޅި ހަޑިގަނޑު ވަނީ ލެއިން ތަތްތެޅިފައެވެ. އޭރު އެދަރިފުޅު އޮތީ އަޅުގަނޑުގެ އަތްދަނޑިމަތީގައެވެ.

އަޅުގަނޑުގެ އާއިލާއަކީ ރަށްފުށުގެ ނިސްބަތުންވެސް ވަރަށްވެސް ނިކަމެތި ދިރިއުޅުމެއް އުޅެމުންދާ ޢާއިލާއެކެވެ. އަޅުގަނޑުގެ ދެމަފިރިންގެ ކައިވެންޏަށް 05 ދަރިން ލިބިފައިވެއެވެ. ދޮށީ ދަރިފުޅުގެ ޢުމުރަކީ ގާތްގަނޑަކަށް 15 އަހަރެވެ. އަޅުގަނޑުގެ ފިރިމީހާ އާމްދަނީ ހޯދުމަށް ކުރަމުންދިޔަ މަސައްކަތަކީ ބޯޓްދަތުކުރުކުރުމުގެ މަސައްކަތެވެ.

އިޝްތިހާރު Below Header ad

ނަމަވެސް ކަންދިމާކުރިގޮތުން ދިމާވި ހިތާމަވެރި އެކްސިޑެންޓް ހާދިސާއެއްގައި ޢާއިލާގެ ޒިންމާ ނަގައިގެން މަސައްކަތްކުރަމުންދިޔަ ދަރިންގެ ބައްޕަ ކުއްލިގޮތަކަށް ނިޔާވިއެވެ. އެހެންކަމުން އަޅުގަނޑުގެ ދިރިއުޅުން އިތުރަށް ނިކަމެތިވއެވެ. އަޅުގަނޑު ހުވަފަތްވިއެވެ.

އަޅުގަނޑުގެ ފިރިމީހާ ނިޔާވިތާ އަހަރެއްވީތަނާ އެއްދުވަހަކު އަޅުގަނޑުގެ މެދަށް ހުންނަ ޢުމުރުން 8 އަހަރުގެ ފިރިހެން ދަރިފުޅު ކުޅެންދާވެގެން އަޅުގަނޑުގެ ކައިރީ ބުންޏެވެ. ދުވަހަކީ އާދައިގެ މަތިން މޫސުމް ރީތި އަވިދޭ ދުވަހެކެވެ. ރަށުގައި މީހުން ދިރިއުޅެމުންދަނީ ރަށުގެ ވަރަށް ކުޑަ ސަރަހައްދެއްގައެވެ. ރަށުގައި ތަޢުލީމާއި ވަޒީފާގެ ފުރުޞަތުތައް ނެތުމުން ގިނަ މީހުން ރަށް ދޫކޮށް އުޅެނީ މާލޭގައެވެ. ގިނަ ގެތައް ހުންނަނީ ފަޅަށެވެ. ރަށުގެ ޢާއްމު ދިރިއުޅުމަކީވެސް އާދައިގެ ދިރިއުޅުމެއް އުޅޭ މީހުންނެވެ.

ރަށުގެ ހަގު އުމުރު ފުރައިގެ ކުދިން ޢާއްމުގޮތެއްގައި ކޮންމެ ދުވަހެއްގެ ހެނދުނުގެ ވަގުތުގައި ރަށުގައި ފަޅަށް ހުންނަ ގެއަކަށް ކުޅެން ގޮސް އުޅެއެވެ. އެހެންކަމުން އަޅުގަނޑުވެސް ދަރިފުޅުގެ ފޫހިފިލުވަން ކުޅިވަރު ކުޅެން ދިއުމަށް ހުރަހެއް ނާޅަމެވެ. އެދުވަހުވެސް ދަރިފުޅާއި އެއްޢުމުރު ފުރައެއްގެ 6 ވަރަކަށް ކުދިން ދަރިފުޅާއެކު ކުޅެންދިޔައެވެ. އާއްމުކޮށް މިކުދިން ކުޅެ އުޅެނީ ހިރިޔޯ ޕަޗަސްއެވެ. އަދި މިކުދިން ކުޅެންގޮސް އުޅޭނީ އަބަދުވެސް ފަޅުގެއެއްގެ ތެރޭގައެވެ.

އެގެއަކީ ރަށުގެ މީހުން އުޅޭ ހިސާބާއި ތަންކޮޅެއް ދުރުގައި ހުންނަ ގެއެކެވެ. މިހިސާބުގަނޑުގައި ގެތައް ހުއްޓަސް މީހުންނެއް ނޫޅެއެވެ. އެގޭތަކުގެ މީހުން މީގެ ކުރިން ވަނީ އެހެން ރަށްރަށަށް ހިޖުރަކޮށްފައެވެ. އަދި އެގެއަކީ އަޅުގަނޑުގެ ތިމާގެ މީހެއްގެ ގެއެއް އެގެ ސާފްކޮށް ބަލަހައްޓަނީވެސް އަޅުގަނޑެވެ.  އަދި ކުޅެންދަނީވެސް އެކުދިން ނިސްބަތްވާ ގޭދޮށު އަވަށްޓެރި އެކުދިންގެ ޢުމުރުފުރައިގެ ކުދިންނާއެކުގައެވެ. އެގޮތުން އެކުދިން ސްކޫލަށް ދިއުމުގެ ކުރިން އާއްމުގޮތެއްގައި މޫދަށް އެރިލާ މަޖާކޮށް ހެދުމަކީ އެކުދިންގެ މެދުގައި އޮންނަ ވަރަށް އާދަޔާހިލާފް އެކުވެރިކަމުގެ ގާތްގުޅުންތަކެއް ދައްކުވައިދޭ ކަމެކެވެ.

އެހެން ނަމަވެސް އެދުވަހު ކުޅެންދިޔަ ކުދިންގެ ތެރޭގައި ހިމެނޭ އަޅުގަނޑުގެ 8 އަހަރުގެ ފިރިހެން ދަރިފުޅު އެދަރިފުޅުގެ ބައްޕަ ނިޔާވުމުގެ ކުރިން ގަނެދީފައިވާ އީދު ހެދުން ލައިގެން ކުޅެން ދިއުމަށް ބޭނުންވެގެން އާދޭސް ކުރިއެވެ. އެދުވަސްވަރަށް ބަލާއިރު ކުޑަކުދިން މިފަދަ ދުވަސްވަރު ނަލަ ހެއްދުމަކީ ދިވެހިންގެ އާދަކާދައިގެ ތެރޭގައި ހިމެނޭ ވަރަށްވެސް މުހިންމު ދުވަހެކެވެ. އެގޮތުން މިފަދަ ހެދުމެއް އެއިން ކުއްޖަކަށް ލިބުމުން އެހެދުން ފޮރުވާ ރައްކާކޮށްގެން ގެންގުޅުމަކީ އެކަމުގައި އެކުދިންގެ ހިތްތަކުގައި ވަރަށް ބޮޑު ޝައުގުވެރިކަމެއް އުފެދޭކަމެކެވެ.

އަދި އެކުދިންގެ މައިންބަފައިންގެ އުންމީދުތަކެއްވެސް އެކަމުގައި އެކުލެވޭކަމެކެވެ. ހާއްޞަކޮށް އަޅުގަނޑު ފަދަ ނިކަމެތި އާއިލާއަކަށް އެފަދައިން އަންނައުނު ރައްކާކޮށްގެން ގެންގުޅުމަކީ އަޅުގަނޑުމެންނަށްވެސް ލިބޭ ވަރަށް ބޮޑު އުފަލެކެވެ. އަދި އެކަމުން އަޅުގަނޑު ފަދަ ނިކަމެތި މައިންގެ ހިތްދަތި އަސަރުތަކެއް ކުރުވާ ކަމެކެވެ.

ކޮންމެއަކަސް މިދެންނެވި ދުވަހު އަޅުގަނޑުގެ ދަރިފުޅު ކުޅެންދާން ބޭނުންވީ ކުރިން ބުނިހެން ބައްޕަ ހޯދާދެއްވި އާހެދުން ލައިގެން ކަމަށް ދަރިފުޅު ބުންޏެވެ. އަދި ދަރިފުޅު މިހެދުން ލައިގެން ކުޅެން ދިއުމަށް އާދޭސް ކުރަމުންދިޔއެވެ. އެވަގުތު އަޅުގަނޑުގެ ހިތަށް އާދަޔާހިލާފް އިހްސާސްތަކެއް ކުރުވިއެވެ.

ސަބަބަކީ ވަގުތަކީ ހެނދުނުގެ ވަގުތަކަށްވެފައި، ދުވަހަކީ އާދައިގެ ދުވަސްތަކުގެ ތެރެއިން ދުވަހަކަށްވެފައި އެހެދުން އެޅުމުގެ އެއްވެސް ހާއްޞަކަމެއް އެދުވަހު ނެތުމުންނެވެ. އަދި ކުޅިވަރެއް ކުޅެން ދާއިރު އެފަދައިން އާ ހެދުން އަޅައިގެން ނަލަހެދިގެން ދިއުމަށް އެދުމުން އެކަމުގައި ސުވާލުތަކެއް އުފެދުނެވެ. އަދި އަޅުގަނޑުގެ ހިތަށް ބުނަން ނޭގޭ ކަހަލަ އިހްސާސްތަކެއް ކުރުވިއެވެ. އެއީ އަޅުގަނޑަކީ އެދަރިފުޅުގެ މަންމަ ކަމަށްވާތީއެވެ.

ކޮންމެއަކަސް ދަރިއެއްގެ އެފަދަ އާދޭހަކަށް މައެއްގެ ލަގޮނޑިއަށް ކެތެއް ނުކުރެވޭނެއެވެ. އެހެންކަމުން އެކަމަށް އަޅުގަނޑު އެއްބަސްވުމުން ދަރިފުޅު ދިޔައީ ބައްޕަ ހޯދާދެއްވި އާހެދުން ލައިގެން އެގެއަށް ކުޅޭށެވެ. ދަރިފުޅު ކުޅެން ދިއުމުން އަޅުގަނޑު ގޯތިތެރޭގައި ދުވަހުގެ މަސައްކަތާއިގެން މަސްއޫލުވެ އުޅެމުންދިޔައީމެވެ.

ނަމަވެސް އެދުވަހުގެ ހެނދުނު ގަޑިން 11:00 ހިނގި ވަގުތެވެ. އަޅުގަނޑުގެ ދަރިފުޅު މަރައިފިޔޭ ބުނެ ގޭދޮށު އަވަށްޓެރިއަކު އެޚަބަރު އަޅުގަނޑަށް ދިނެވެ. އަޅުގަނޑުގެ ކަންފަތުގައި ޖެހުނު އަޑުން އަޅުގަނޑުގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަ ކަހަލައެވެ. ނަމަވެސް އެދަރިފުޅުގެ ހައްޤުގައި އަޅުގަނޑުގެ ބޮލުގެ ހުޅި އައްސާލަމުން ކަނޑިކިއާއި ލިބާހާއިއެކު އަރުވާޖަހަމުން އިތުރު އެއްވެސް ވާހަކައެއް ދެއްކުމެއްނެތި އަޅުގަނޑު ދުއްވައިގަތީ ދަރިފުޅު ކުޅެންދިޔަ ކަމަށްބުނި ގެއާއި ދިމާލަށެވެ.

އަޅުގަނޑާއިއެކު ރަށުގެ ބައެއް މީހުންވެސް ފަހަތުން ދުވަމުން އެގޭދޮށަށް ދިޔައެވެ. އަޅުގަނޑުގޮސް އެގެއަށް ވަތްއިރު އެގޭތެރޭގައި އަޅުގަނޑުގެ ލޯބިވާ ދަރިފުޅު ހަރަކާތް ހުއްޓެމުން ދިޔަތަން ފެނުނެވެ. އަދި އަޅުގަނޑާއި ދިމާލަށް ދަރިފުޅު ބަލަހައްޓައިގެން ކަހަލަ ގޮތަކަށް ލެއިން ކަޅުވެފައި އޮއްވާ އަޅުގަނޑަށް ފެނުނެވެ. އެވަގުތު ދަރިފުޅާއޭ ބުނެ  އަޅުގަނޑަށް ހަޅޭއް ލަވައި ގަނެވުނެވެ. އަދި އަޅުގަނޑަށް ގިސްލާފައި ރޮވެންފެށިއެވެ.

ނަމަވެސް ހިތްވަރުކޮށްފައި އަޅުގަނޑު ދުވެފައިގޮސް ދަރިފުޅުގެ ގާތުގައި ދެކަކޫމައްޗަށް ތިރިވެ އަޅުގަނޑުގެ އުނގުމައްޗަށް ދަރިފުޅު ނެގީމެވެ. ދަރިފުޅު އޮތް ހިސާބު އެއްކޮށްހެން އޮތީ ލެއިން ބިންގަނޑު ފޯވެފައެވެ. އޭރުވެސް ދަރިފުޅުގެ ގައިން ލޭތައް އޮހޮރެމުންދިޔައެވެ. ދަރިފުޅުގެ ގަޔަށް ހަމަލާދީފައިވަނީ ކޮންތަނަކަށްކަން ނޭގޭވަރަށް ހަށިގަނޑުގެ އެތަން މިތަނުން ލޭތައް އޮހޮރި އަޅުގަނޑުވެސް ލެއިން ކަޅި ވެގެންދިޔައެވެ.

އަޅުގަނޑު ދަރިފުޅުގެ މޫނަށް ބަލާލިއިރު ލޯހުޅުވައިގެން އަޅުގަނޑާއި ދިމާލަށް ދަރިފުޅު ބަލަން އޮތެވެ. އަނގަވަނީ ދެމިޔަކަނުން ފެށިގެން ކަންފަތާއި ހަމައަށް ކަފާލާފައެވެ. މޫނުމައްޗަށާއި، ހަށިގަނޑުގެ އެތަން މިތަނަށް ތޫނުއެއްޗަކުން ހަމަލާދީ އެތައް ގިނަ ޒަހަމްތަކެއް ދީފައިހުއްޓެވެ.

މާތްﷲ އަޅުގަނޑަށް ދެއްވި ކެތްތެރިކަމާއި ސާބިތުކަންމަތީ ދެމިހުރެ އިތުރު މީހެއްގެ އެހީއެއް ލިބުމަށް މަޑުކުރުމެއް ނެތި ވަގުތުން ދަރިފުޅު އަތްދަނޑިމައްޗަށް ނަގައިގެން ރަށުގެ ބަދަރާއި ވީދިމާލަށް ދުވެފައި ދިޔައީމެވެ. އަދި އެދިމާލުން މޫދަށް އެރުނީމެވެ. އަދި މޫދަށް އެރިގެންދިޔައީ އެސަރަހައްދުގައި އޮތް ބޮއްކުރައަކަށް ދަރިފުޅު ލައިގެން  އެދިމާލުން ބޭރުގައި އޮތް މާލެއަށް ދަތުރުކުރާ ބޯޓަކަށް ލައިގެން ދަރިފުޅު އަތޮޅު ހޮސްޕިޓަލަށް ގެންދިއުމުގެ މަޤްޞަދުގައެވެ.

އެއިރުވެސް ދަރިފުޅުގެ ފުރާނަ ހުރިކަން ދަރިފުޅުގެ ބައެއް ހަރަކާތްތަކުން ފާހަގަކުރެވުނެވެ. ރަށުގެ ބައެއް މީހުންގެ އެހީތެރިކަމާއިއެކު ބޮއްކުރާގައި ފަލިޖަހާފައި ގޮސް ދަރިފުޅު އެ ބޯޓަށް އެރުވީމެވެ. ނަމަވެސް ބޯޓަށް އެރުވުމާއެކުހެން އަޅުގަނޑުގެ އަތްދަނޑިމަތީގައި އޮތް ދަރިފުޅު މިދުނިޔެ ދޫކުރިއެވެ. އެދަރިފުޅުގެ އެންމެ ފަހުނޭވާ އަޅުގަނޑުގެ ހަށިގަނޑުގައި ބީއްސާލި ހާލު މިދުނިޔެއާއި އަލްވަދާޢުކިއެވެ.

އެހިސާބުން އަޅުގަނޑުގެ ކެތްތެރިކަން ކޮޅުންލިއެވެ. އަދި ގިސްލަ ގިސްލާފައި އަޅުގަނޑަށް ރޮވުނެވެ. ލޮލުން ހޯސްލާފައި ކަރުނަ އޮހުރުނެވެ. އެއީ އަޅުގަނޑުގެ ހިތުން ދުވަހަކުވެސް ފިލައިގެންދާނެ ދުވަހެއް ނޫނެވެ. މިހާރުވެސް މިކަން ހިތަށް އަރާފަ އަޅުގަނޑަށް ރޮވެއެވެ. ދެރަވެއެވެ. މާތްﷲ އަޅުގަނޑުގެ އެ ދަރިފުޅަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވާށި. އާމީން.

މުޖުތަމަޢުގައި ހިނގާ މިފަދަ ނޭދެވޭ އަމަލުތަކުން އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ ޅަ ދަރިން ސަލާމަތްކުރެވޭނީ މިފަދަ ވިޔާނުދާ އަމަލުތައް ހިންގާ ފަރާތްތަކަށް ހައްޤު އަދަބު ދީގެންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.