ގެއްލިފައިވާ ރޯދަ ހިފުމުގެ ކުރިން ޝައްވާލުމަހުގެ 6 ދުވަހުގެ ރޯދަ ހިފިދާނެތޯ؟

ޝައްވާލް މަހުގެ ހަ ރޯދައަކީ ވަރަށް މާތް، އަދި އެހާމެ ގަދަވެގެންވާ ސުންނަތެކެވެ. އެކަން ބަޔާންކޮށްދެއްވައި އެރޯދަ ހިފުމަށް ހިތްވަރު ދެއްވައި ރަސޫލުﷲ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘުކުރެއްވިއެވެ. «مَنْ صَامَ رَمَضَانَ ثُمَّ أَتْبَعَهُ سِتاًّ مِنْ شَوَّال كَانَ كَصِيَامِ الدَّهْرِ» [رواه مسلم وغيره]

މާނައީ ‘ރަމަޟާން މަހުގެ ރޯދައަށް ފަހު ޝައްވާލު މަހުން ހަ ރޯދަ ހިފައިފީ މީހާ މުޅި އަހަރުގެ ރޯދަ ހިފި ފަދަ އެވެ.’

މިތަނުގައި ޚާއްޞަކޮށް ލޮބުވެތި އުޚްތުންގެ ސުވާލެއް ފެންމަތި ވެއެވެ. އެއީ ރަމަޟާން މަހު ގެއްލުނު ރޯދަ ހިފުމުގެ ކުރިން ޝައްވާލު މަހުގެ ހަދުވަހުގެ ރޯދަ ހިފިދާނެތޯއެވެ.

އިޝްތިހާރު Below Header ad

އެންމެ ފުރަތަމަ ދަންނަން ޖެހޭ ޙަޤީޤަތަކީ މިކަމާ ގުޅިގެން ޞަރީޙަ ޙަދީޘެއްގައި މިކަން ބަޔާން ވެފައި ނުވާކަމެވެ. އޭގެ ސަބަބުން ލޮބުވެތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހުން ވާރިދު ވެފައިވާ ޝައްވާލުމަހުގެ ރޯދައާއި ބެހޭ ޙަދީޘްތަކުގެ މައްޗަށް ބުރަވެ ވަޑައިގެން މިކަމުގައި ޢިލްމުވެރިންގެ މަޝްހޫރު ދެރައުޔެއް (ނުވަތަ ދެބަސްފުޅެއް) އައިސްފައި ވެއެވެ.

ފުރަތަމަ ބަސްފުޅަކީ؛

ޝައްވާލު މަހުގެ 6 ދުވަހުގެ ރޯދަ ހިފަން ޖެހޭނީ ރަމަޟާން މަހުގެ ރޯދައިގެ ތެރެއިން ގެއްލުނު ރޯދަ ހިފައި، ފުރިހަމަ ކުރުމަށްފަހުގައެވެ.

މިއީ އިމާމް އަޙްމަދު ރަޙިމަހުﷲގެ މަޒްހަބުގެ ޢިލްމުވެރިންގެ ބަސްފުޅެވެ.

އެބޭފުޅުންގެ ދަލީލަކީ މަތީގައި ބަޔާން ކުރެވިފައިވާ ޙަދީޘެވެ. އެއީ «مَنْ صَامَ رَمَضَانَ ثُمَّ أَتْبَعَهُ سِتاًّ مِنْ شَوَّال كَانَ كَصِيَامِ الدَّهْرِ» [رواه مسلم وغيره] މާނައީ ‘ރަމަޟާން މަހުގެ ރޯދައަށް ފަހު ޝައްވާލު މަހުން ހަ ރޯދަ ހިފައިފީ މީހާ މުޅި އަހަރުގެ ރޯދަ ހިފި ފަދަ އެވެ.’

މިޙަދީޘްފުޅުގައި ރަމަޟާން މަހުގެ ރޯދަ ހިފުމަށްފަހު ޝައްވާލުމަހުން 6 ރޯދަ ހިފާ ވާހަކަ ބަޔާން ވެފައި އޮތުމުން އެންމެ ފުރަތަމަ ރަމަޟާން މަހުގެ ރޯދަ ފުރިހަމަ ކުރަން ޖެހޭނެ ކަމަށް މިބޭކަލުން ދެކެވަޑައިގެންނެވިއެވެ.

ދެވަނަ ބަސްފުޅަކީ؛

ރަމަޟާން މަހުގެ ރޯދައިގެ ތެރެއިން ގެއްލުނު ރޯދަ ހިފުމުގެ ކުރިން ޝައްވާލު މަހުގެ 6 ދުވަހުގެ ރޯދަ ހިފުމަކީ ހުއްދަވެގެންވާ ކަމެކެވެ.

މިއީ އިމާމް އަބޫޙަނީފާ ރަޙިމަހުﷲ އާއި އިމާމް މާލިކު ރަޙިމަހުﷲ އާއި އިމާމް ޝާފިޢީ ރަޙިމަހުﷲ ގެ މަޒްހަބުގެ ރައުޔެވެ. މިއީ ޖުމްހޫރު ދަންނަބޭކަލުންގެ ރައުޔެވެ. އަދި މިއީ މި ދެބަސްފުޅުގެ ތެރެއިން އެންމެ ޞައްޙަ ބަސްފުޅެވެ.

މިބޭފުޅުންގެ ދަލީލަކީ:

1-     ކީރިތި ޤުރްއާނުގައި ﷲ ވަޙީ ކުރައްވާފައިވާ މި ބަސްފުޅެވެ. ( وَمَنْ كَانَ مَرِيْضاً أَو عَلَى سَفَرٍ فَعِدَّةٌ مِنْ أَيَّامٍ أُخَرَ ) [البقرة: 185]  މާނައީ “އަދި ބަލިވެއުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ، (އެ މައްސަރުގެ ރޯދަ ދޫކޮށްލައިފިނަމަ) އެހެންދުވަސްތަކަކުން އެ عدد ހަމަކުރުން ހުއްޓެވެ.”

މިއާޔަތުގައި ﷲ ވަނީ އެހެން ދުވަސްތަކަކުން އެރޯދަ ފުރިހަމަ ކުރުމަށް އަންގަވާފައެވެ. އެއްވެސް ޙާލެއްގައި ރަމަޟާންމަހާ ވިދިގެން އެރޯދަ ހިފުމަށް، ނުވަތަ އޭގެ ކުރިން އެހެން ރޯދައެއް ނުހިފުމަށް އަންގަވާފައެއް ނުވެއެވެ. އަދި ޤަޟާކުރާ ރޯދަ ވިދިވިދިގެން ހިފުމަކަށްވެސް އަންގަވާފައެއް ނުވެއެވެ.

ރަމަޟާން މަހުގެ ރޯދައިގެ ތެރެއިން ގެއްލިފައިވާ ރޯދަ ހިފުމަށް އަހަރުތެރޭގެ ބާކީއޮތް 11 މަސް ދުވަސް އޮތްއިރު، ޝައްވާލު މަހުގެ ހަރޯދަ ހިފަން އޮތީ އެންމެ 28 ނުވަތަ 29 ދުވަހެވެ. އެހެންކަމުން ޝައްވާލު މަހުގެ ރޯދަ ހިފުމަށްފަހުގައި އަހަރު ތެރޭގެ ދުވަސްތަކުން ޤަޟާކުރަންޖެހޭ ރޯދަ ފުރިހަމަ ކުރެވިދާނެއެވެ.

2-     عائشة رضي الله عنها ގެ އަރިހުން ރިވާވެގެންވެއެވެ. އެކަމަނާ ވިދާޅުވިއެވެ. ” كان يكون علي الصوم من رمضان فما أستطيع أن أقضيه إلا في شعبان” [ البخاري ومسلم]

މާނައީ: ތިމަންކަމަނާ ރަމަޟާން މަހުގެ ރޯދައިގެ ތެރެއިން ރޯދަތަކެއް ހިފަން ޖެހިފައި ވިއެވެ. (އެބަހީ؛ ރަމަޟާން މަހުގައި ގެއްލިފައި ބައެއް ރޯދަ ވާކަމުގައި ވިއެވެ.) އެހެން ނަމަވެސް އެރޯދަ ތިމަން ކަމަނާއަށް ޝަޢުބާން މަހުގައި މެނުވީ ޤަޟާނުކުރެއްވެއެވެ.

މިޙަދީޘުން ބަޔާންވެގެންވާ ގޮތުގައި ރަމަޟާން މަހުގެ ރޯދައިގެ ތެރެއިން ޢުޛުރު މެދުވެރި ވުމުން ގެއްލުނު ރޯދަ އެކަމަނާއަށް ހިއްޕެވެނީ ޝަޢުބާން މަހުގައެވެ. އަދި މިކަމަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޒަމާނުގައި އެކަލޭގެފާނުގެ ޙާޒިރުގައި ހިނގި ކަމަކަށްވެފައި މިކަން މަނާ ނުކުރެއްވުމުން އެއީ އެކަލޭގެފާނުގެ އިޤްރާރެއް ކަމަށް ޢިލްމުވެރިން ބަޔާން ކުރައްވާފައިވެއެވެ.

އަދި ހަމަ އެހެންމެ، ޢާއިޝާ ރަޟިޔަﷲ ޢަންހާ އަހަރު ތެރޭގައި އަންނަ ސުންނަތް ރޯދަތައްވެސް ހިއްޕަވާކަމަށް ޞައްޙަ މަގުން ވާރިދުވެފައި ވެއެވެ. މިގޮތުން އެކަމަނާ ޢަރަފާތް ދުވަހުގެ ރޯދަ ހިއްޕެވިކަމަށްވެސް ސާބިތުވެފައި ވެއެވެ. އަދި އެކަމަނާ މުޅި އަހަރުގެ ރޯދައިގެ ދަރުމަ ނަންގަވާލައްވާނެ ކަމަށް ސަލާމަތް ބުއްދި ޤަބޫލެއް ނުކުރެއެވެ.

ހަމަ އެގޮތަށް މިސާލަކަށް އަންހެނެއްގެ ޙައިޟުގެ މުއްދަތަކީ 15 ދުވަސް ކަމަށް ވުމުން ރަމަޟާން މަހު އޭނާއަށް ގެއްލުނީ 15 ރޯދައެވެ. ޝައްވާލު މަހުން އޭނާ 15 ދުވަހުގައި ގެއްލިފައިވާ 15 ރޯދަ ޤަޟާކޮށް ނިމިގެން ބަލާއިރު، ޝައްވާލު މަހުގައި އޭނާގެ ޙައިޟުގެ 15 ދުވަސް ގެއްލިގެން ދާނެއެވެ. އެހެން ކަމުން 6 ދުވަހުގެ ރޯދައިގެ މާތްކަމުން އޭނާ މަޙުރޫމްވާނެއެވެ. ހަމަ އެގޮތަށް ނިފާސްވެރިޔާގެ ނިފާސްގެ ދުވަސްވަރު ރަމަޟާންމަހު އައުމުން، ޝައްވާލުމަހުގައި ޤަޟާ ކުރެވޭނެ މުއްދަތު ނެތިއްޖެނަމަ އެމާތްކަމުން މަޙުރޫމުވެގެން ހިނގައިދާނެއެވެ.

އެހެންކަމުން މަތީގައި ބަޔާންކުރެވުނު ދެ ރައުޔުގެ ތެރެއިން ބޮޑަށް ބުރަވެވެނީ، ގެއްލިފައިވާ ރޯދަ ހިފުމުގެ ކުރިން ޝައްވާލު މަހުގެ 6 ދުވަހުގެ ރޯދަ ހިފިދާނެކަމަށެވެ. އަދި އެއީ މަތީގައި ބަޔާން ކުރެވިފައިވާ ދަލީލުތަކުގެ މައްޗަށް ބިނާކޮށެވެ.

އެހެން ނަމަވެސް ވަގުތު ލިބި، ފަސޭހަކަމާއެކު ގެއްލުނު ރޯދަ ހިފުމަށް ކުޅަދާނަވެއްޖެ މީހާއަށް އެދެވިގެންވަނީ، ޤަޟާރޯދަ ހިފުމަށްފަހު 6 ދުވަހުގެ ރޯދަ ހިފުމެވެ. އެއީ ޚިލާފުން ސަލާމަތް ވުމަށެވެ. والله أعلم

 

މިއީ ޝައިޚް މުޙައްމަދު އަނީލް ނޫރުލް އިސްލާމް އަށް ސައްވާލުމަހުގެ ހަ ރޯދައާއި ގުޅިގެން ކުރެވުނު ސުވާލަކަށް ދީފައިވާ ޖަވާބެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.