ޢީދު ދުވަހަކީ އުފާވެރިކަން ފާއިދާ ހުރި ގޮތެއްގައި، ހިތަށް ވަށްދައިދޭން ލިބޭ ފުރުޞަތެ

އިސްލާމް ދީނުގައި އައިސްފައިވާ ހުރިހާ ޙުކުމްތަކެއްވެސް މާތް ﷲ ކަނޑައަޅުއްވާފައިވަނީ، އެކަލާނގެ އަޅުތަކުންގެ މަޞްލަޙަތަށްޓަކައިކަމީ ޝައްކެއް އޮތްކަމެއްނޫނެވެ.  މިކަން ދޭހަކޮށްދޭ އެތަކެއް އާޔަތްތަކެއް ޤުރުއާނުގައި ވެއެވެ. އަދި އެތަކެއް ޙަދީޘްތަކެއް ވާރިދުވެގެން އައިސްފައިވެއެވެ.

ވީމާ ޢީދަކީވެސް މި ދެންނެވި މަޞްލަޙަތު ހުރި ކަންތަކުގެ ތެރެއިން  ވާ ކަމެކެވެ. އޭގައި ޙިކުމަތްތަކަކާއި މަޤްޞަދުތަކެއް ވެއެވެ. މިކަންތައްތައް ޢީދާއި ބެހޭގޮތުން އައިސްފައިވާ ނައްޞުތައް ބަލައިލުމުން ފާޅުވާނެއެވެ. އެގޮތުން ޢީދުގެ އެންމެ މުހިއްމު އެއް މަޤްޞަދަކީ މުސްލިމުންގެ އެއްބައިވަންތަކަން އާލާކޮށް ދިރުވުމެވެ. ހުރިހާ އެންމެންނަކީވެސް ﷲ އަށް އަޅުކަން ކުރާ އެކަލާނގެ އަޅުންކަން ހާމަވަނީ ޢީދު ދުވަހު އެންމެން އެކުގައި ކިޔާ ”ﷲ އަކްބަރު” މި ކަލިމައިންނެވެ.  އެ ދުވަހު އެންމެންނަށްވެސް އިޙްސާސް ވަނީ އުޚުއްވަތްތެރި ކަމާއި އެއްބައިވަންތަކަމެވެ. ހުރިހާ މުސްލިމުންނަކީވެސް ޝަހާދަތުގެ ދެ ކަލިމައިގެ ދިދައިގެ ދަށުގައި ތިބޭ ބައެއްކަމެވެ.

އިޝްތިހާރު Below Header ad

އެކުވެރިކަމަކީ އިސްލާމްދީން ވަރަށް ބާރު އަޅާފައިވާ ކަމެކެވެ. ޖަމާޢަތުގައި ނަމާދު ކުރުމާއި، ހުކުރު ޖަމާޢަތަށް ދިއުމާއި، ޙައްޖުގެ އަޅުކަން ފަދަ ކަންކަމުގައިވެސް އެކުވެރި ކަމުގެ ރޫޙު ހިމެނެއެވެ. ޢީދު ދުވަހަކީ މުސްލިމުން އެންމެ ގިނަ ބަޔަކު އެއްވެ އުފާ ފާޅު ކުރަން ކަނޑައެޅިފައިވާ ދުވަހެވެ. ކުޑަ ކުދިންނާއި އަންހެނުންވެސް ޢީދު ނަމާދަށް ނުކުތުމަށް އަންގަވާފައިވަނީ، ވީހާވެސް ގިނަ ބައެއްގެ ހިތްތަކަށް އުފާވެރިކަމާއި، އުއްމަތަށް ނިސްބަތްވުމުގެ ރޫޙު އާލާ ކުރުމަށްޓަކައެވެ.

އިންސާނުންގެ ހިތަކީ އެއަށް ފޫހިކަން ވެރިވާ އެއްޗެކެވެ. އެހެންވެ އެއަށް ހިތްހަމަ ޖެހުމާއި ފޫހިކަން ފިލުވައިދޭ ކަންތައް ދޭތެރެ ދޭތެރެއިން، ދީނުގެ މިންގަޑުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކުރަން ޖެހެއެވެ.

އެ ގޮތުން ޢީދު ދުވަހަކީ މި އުފާވެރިކަން ފާއިދާ ހުރި ގޮތެއްގައި، ހިތަށް ވަށްދައިދޭން ލިބޭ ފުރުޞަތެކެވެ. އިޖްތިމާޢީ، ޢާއިލީ ދީނީ ކުލަތަކެއް ޖެހިގެން ލިބޭ އުފަލެކެވެ. އިސްލާމް ދީނުގައި އޮންނަ ދެ ޢީދަކީވެސް މި ދީނުގައި އޮންނަ ވަރަށް މުހިއްމު ދެ އަޅުކަމަކާއި ވިދިގެން އަންނަ އެއްޗެކެވެ. ފިޠްރު ޢީދު އަންނަނީ ރަމަޟާން މަހަށް ފަހުގައެވެ. އަޟްޙާ ޢީދު އަންނަނީ ޙައްޖުގެ އަޅުކަމަށް ފަހުގައެވެ.

މި ކަމުން އަހަރެމެންނަށް ނެގިދާނެ ވަރަށް މުހިއްމު ފިލާވަޅެއް އެބައޮތެވެ. އެއީ ފަހަރެއްގައިވެސް މި ދީނަކީ މާޔޫސްކަމުގެ ދީނެއް ނޫންކަމެވެ. ދުނިޔޭގެ އުފަލަށް ފުރަގަސް ދޭ ދީނެއް ނޫންކަމެވެ. އަޅުވެރި ވުމަކީ ތުންފަތުގައި ހިނިތުންވުމެއް، ހިތުގައި އުފާވެރިކަމެއް ނެތި ދުނިޔޭގެ އުފާތަކުން މަޙްރޫމްވެގެން އުޅުމެއް ނޫންކަމެވެ. މި ގޮތަށް އުޅެނީ ހިންދީ، ނަޞާރާ، ބުދުދީން ފަދަ ދީންތަކުގެ ފާދިރީންނެވެ. އަދި އެ ދީންތައް ދަސްކޮށް ދީފައިވާ މަގުން ހިނގާ މީހަކުވެސް އުޅެން ޖެހޭނީ މި ގޮތަށެވެ.

ނަމަވެސް އިސްލާމް ދީނަކީ މެދުމިނުގެ ދީނަކަށް ވުމުގެ ސަބަބުން، މި ދީނުގައި ވަނީ އަޅުކަމާއި ދުނިޔޭގެ ބަހުޖަތުން އުފާލިބިގަނެ، ފޫހި ފިލުވުމުގެ ފުރުޞަތު މުސްލިމުންނަށް ދީފައެވެ. އަޅުވެރި ވުމަކީ ރީތި ހެދުމެއް ނުލުން ކަމަށް ދެކޭ މުސްލިމަކީ އެއީ ދީން ނޭނގޭ މީހެކެވެ. ތަޤުވާވެރި ވުމަކީ ފޫހި ފިލުވުމެއް ނެތި އުޅުން ކަމުގައި ދެކޭ މީހަކީ ދީން ނޭނގޭ މީހެކެވެ. އުފާވެރި ކަން ލިބިދޭ މަގުތަކުން ހިނގާ މީހަކަށް ތެދުމަގުން ނުހިނގޭނެ ކަމަށް ހީކުރާ މީހަކީ ދީން ނޭނގޭ މީހެކެވެ.

ބައެއް ފަހަރު ހަވާ ނަފްސަށް ތަބާވެވުމުގެ ސަބަބުން، އަހަރެމެންނަށް ޢާއިލީ ގުޅުންތައް ކަނޑައިލެވެއެވެ. ރަޙްމަތްތެރިންނާއި ދުރަށް ދެވެއެވެ. ރަމަޟާން މަސް މިއީ ކެނޑިފައިވާ މިފަދަ ގުޅުންތައް އަލުން ގޮށްޖަހަން ލިބޭ ފުރުޞަތެކެވެ. އޭގެ ފަހުން މި އަންނަ ޢީދު ދުވަހަކީ ގުޅައިލެވުނު ހިތްތަކަށް އުފާވެރިކަމާއި ހިތް ހަމަޖެހުން ވައްދައިދޭން ލިބޭ ރަނުގެ ފުރުޞަތެކެވެ.

މި ޒަމާނުގެ އަވަސް ދިރިއުޅުމުގެ ހާސްކަމުގައި ގިނަ ބަޔަކު އުޅޭތީ، ތިމާގެ މީހަކަށް ޒިޔާރަތް ކޮށްލާނެ ވަގުތެއް ނުލިބެއެވެ. އެފަދަ މީހުންނަށް ޢީދު ދުވަހުގެ ބޭނުން ހިފައިގެން ގާތް ތިމާގެ މީހުންނަށް ޒިޔާރަށް ކޮށް، ހަދިޔާ ދީ ކުޑަ ކުދިންނަށް މެޓާ ދީ ކަންތައް ކުރުމަކީ ކުރެވިދާނެކަމެކެވެ.

މުޖްތަމަޢުގައި އުޅޭ ނިކަމެތި ފަޤީރުންގެ ހިތަށް ހިތްހަމަ ޖެހުން ވައްދައި ނުދެވޭ ޢީދަކީ އެއީ ޢީދެއް ނޫނެވެ. ވީމާ ޢީދުގެ މަޤްޞަދު ފުރިހަމަވާނީ ފަޤީރުންގެ ބޭނުންތައް ފުއްދައިދީ އެ މީހުންގެ ތުންފަތުގައި ހިނިތުންވުން ކުރަހައިލެވޭނަމައެވެ. މުއްސަނދިން ކޮންމެ ޕާޓީއަކަށް، ކޮންމެ ހަފްތާއަކު ހެދުމެއް ގަތަސް، އަހަރަކު އާ އެންމެ ހެދުމެއްވެސް ނުގަނެވޭ މީހުން އުޅެއެވެ. މުއްސަނދިންގެ ކުދިން އަތުގައި މަދަރުސާއަށް ދާނެ 5 ޔުނިފޯމް އޮތަސް، ރަތްވެފައި އޮންނަ އެންމެ ޔުނިފޯމެއް ގެންގުޅޭ ކުދިންވެސް އުޅެއެވެ.

ވީމާ ތިމާގެ މުސްލިމް އަޚް ނުވަތަ އުޚްތު މިފަދަ ހާލެއްގައި ތިއްބާ އެ މީހުންނަށް އެއްވެސް އެހީއެއް ނުވެ ރީތި ހެދުންތައް ގަނެގެން ލައިގެން މީރުވަސް ދުވާ ސެންޓު ޖައިގެން ޢީދުކުޅި ބަލަން ދިއުމަކީ ލަދު ގަންނަން ޖެހޭނެ ކަމެކެވެ. މީގެ މާނައަކީ މުޖްތަމަޢްގައި ފަޤީރުން ތިބޭތީ ރީތި ހެދުމެއް ނުލާށެކޭނޫނެވެ. މައްސަލައަކީ އެ މީހުންނަށް އެހީގެ އަތެއް ފޯރު ނުކޮށް ލާދާތީއެވެ.

ޢީދު ދުވަހުގެ މަޤްޞަދުތެރޭގައި، ހުއްދަ ގޮތުގައި މަޖާކޮށް ހެދުމުގެ ފުރުޞަތު މުސްލިމުންނަށް ދިނުންވެސް ހިމެނެއެވެ. ޢީދު ދުވަހު ދީނީ މިންގަޑުތެރޭގައި މަޖާކޮށް، ހިތަށް އުފާވެރިކަން ގެނެސްދޭ ކަންތައް ކުރުން ކީރިތި ރަސޫލާ ވަނީ ހުއްދަ ކުރައްވާފައެވެ. އަންހެން ފިރިހެން މަސްހުނިވެގެން ލަވަޔާއި މުޒިކުން ޢީދު ނިންމާލުމަކީ ހުއްދަކަމެއް ނޫނެވެ. އެހެން ކަމުން މިކަން ހުއްޓާލަން އެބަޖެހެއެވެ. އަހަރެމެން ކުޑައިރު އޮންނަ ފަދަ އުފާވެރި ރޫޙެއް މި ޢީދަށް ގެންނަން އެބަޖެހެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.