ސޫރަތުލް ގަދްރި (1)

ޑރ. މުޙައްމަދި ޢިޔާޟު ޢަބްދުއްލަޠީފު

(إِنَّا أَنزَلْنَاهُ فِي لَيْلَةِ الْقَدْرِ ﴿١﴾)

( إِنَّا )ގެ ޟަމީރު އިޢާދަވަނީ ﷲ އަށެވެ.

އިޝްތިހާރު Below Header ad

(أَنزَلْنَاهُ) ގެ ޟަމީރު އިޢާދަވަނީ ގުރްއާނަށެވެ.

(إِنَّا) މިތަނުގައި ޖަމްޢުގެ ޞީޣާ ބޭނުން ކުރައްވާފައިވަނީ ﷲ ގެ މަތިވެރިކަން އެންގެވުމަށެވެ. ކީރިތި ގުރްއާނުގެ ބައެއް އާޔަތްތަކުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ އެކަލާންގެ ޛާތުފުޅަށް ނިސްބަތް ކުރައްވާ “ޖަމްޢު”ގެ ޞީޣާ ބޭނުން ކުރައްވާފައިވަނީ އެކަލާންގެ މަތިވެރިކަން ބަޔާން ކުރެއްވުމުގެ ގޮތުންނެވެ. މިޘާލަކަށް: މި ސޫރަތުގެ ފުރަތަމަ އާޔަތުގައި (إِنَّا أَنزَلْنَاهُ فِي لَيْلَةِ الْقَدْرِ ﴿١﴾) “ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެ قرآن ބާވައިލެއްވީ ليلةالقدر ވިލޭރޭގައެވެ.”

ސޫރަތުލް ޙިޖްރިގެ 9 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (إِنَّا نَحْنُ نَزَّلْنَا الذِّكْرَ وَإِنَّا لَهُ لَحَافِظُونَ ﴿٩﴾) މާނައަކީ: “ހަމަކަށަވަރުން، قرآن ބާވައިލެއްވީ، ތިމަންރަސްކަލާނގެއެވެ. އަދި ހަމަކަށަވަރުން، ތިމަންރަސްކަލާނގެ، އެ قرآن ރައްކާތެރި ކުރައްވާހުށީމެވެ.”

ސޫރަތު ޔާސީންގެ 12 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (إِنَّا نَحْنُ نُحْيِي الْمَوْتَىٰ وَنَكْتُبُ مَا قَدَّمُوا وَآثَارَهُمْ ۚ وَكُلَّ شَيْءٍ أَحْصَيْنَاهُ فِي إِمَامٍ مُّبِينٍ ﴿١٢﴾) މާނައަކީ: “ހަމަކަށަވަރުން، މަރުވެފައިވާ މީހުން އަލުން ދިރުއްވަނީ ތިމަންރަސްކަލާނގެއެވެ. އަދި އެއުރެން އިސްކޮށްފައިވާ عمل ތަކާއި އެއުރެންގެ ފަހަށް ދޫކޮށްފައި ދިޔަ أثر ތައް ތިމަންރަސްކަލާނގެ ލިޔުއްވަމެވެ. އަދި ކޮންމެ ކަމެއްމެ ބަޔާންވެގެންވާ ފޮތެއްގައި ތިމަންރަސްކަލާނގެ ހިމެނުއްވީމެވެ.”

ބައެއް ފަހަރަށް މުފްރަދުގެ ޞީޣާގައިވެސް އެކަލާންގެ ޛާތުފުޅަށް ނިސްބަތް ކުރައްވައެވެ. މިޘާލަކަށް: ސޫރަތު ޠާހާގެ 14 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (إِنَّنِي أَنَا اللَّـهُ لَا إِلَـٰهَ إِلَّا أَنَا فَاعْبُدْنِي وَأَقِمِ الصَّلَاةَ لِذِكْرِي ﴿١٤﴾ ) މާނައަކީ: “ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ اللَّه އެވެ. ތިމަންރަސްކަލާނގެ މެނުވީ، إله އަކު ނުވެއެވެ. ފަހެ، ތިމަންރަސްކަލާނގެއަށް ކަލޭގެފާނު އަޅުކަން ކުރައްވާށެވެ! އަދި ތިމަންރަސްކަލާނގެ ހަނދުމަކުރެއްވުމަށްޓަކައި، ނަމާދު قائم ކުރައްވާށެވެ.”

އެހެނީ އެކަލާންގެ އީ އެއްކައުވަންތަ އިލާހެވެ. އެކަލާންގެ މަތިވެރި ކަމުގެ ޞިފަ އަށް ނިސްބަތް ކުރައްވަން ވީމާ ޖަމްޢުގެ ޞީޣާ ގެންނަވައެވެ. އަދި އެކަލާންގެ އެއްކައުވަންތަކަން ބަޔާން ކުރައްވަން ވީމާ މުފްރަދުގެ ޞީޣާ ބޭނުން ކުރައްވައެވެ.

( أَنزَلْنَاهُ ) މިތަނުގައި މިވާ “ހާ” ގެ ޟަމީރު ރުޖޫޢަވަނީ ގުރްއާނަށެވެ. ކުރިން ގުރްއާނުގެ ނަން ޛިކްރު ކުރެވިފައި ނުވިނަމަވެސް، ޟަމީރު ރުޖޫޢަވަނީ ގުރްއާނަށް ކަމާއި މެދުގައި ސުވާލެއް ނެތެވެ. އަދި އެއީ އެއްވެސް މީހަކު އެކަމާ މެދުގައި ޝައްކުވެސް ކުރާނެ ކަމެއް ނޫނެވެ.

(فِي لَيْلَةِ الْقَدْرِ) އެގުރްއާން ބާވާލެއްވިފައިވަނީ ލައިލަތުލް ގަދްރި ވިލޭރޭގައެވެ.

މި އާޔަތުގެ މާނައަކީ: “ތިމަން ﷲ ގުރްއާން ބާވާލައްވަން ފެއްޓެވީ ލައިލަތުލް ގަދްރި ވިލޭރެއެއްގައެވެ.” ލައިލަތުލް ގަދްރިވިލޭރެ އަކީ ރަމަޟާން މަހުގެ ރޭތަކުގެ ތެރެއިން ރެއެއްކަން ކަށަވަރެވެ. ސޫރަތުލް ބަގަރާގެ 185 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. ( شَهْرُ رَمَضَانَ الَّذِي أُنزِلَ فِيهِ الْقُرْآنُ هُدًى لِّلنَّاسِ وَبَيِّنَاتٍ مِّنَ الْهُدَىٰ وَالْفُرْقَانِ ۚ) މާނައަކީ: “رمضان މަހަކީ، އެމަހެއްގައި قرآن ބާވައިލެއްވި މަހެވެ.(އެ قرآن ބާވައިލެއްވީ) މީސްތަކުންނަށް ހުރި ތެދުމަގެއް ކަމުގައްޔާއި هداية އާއި حق އާއި باطل ވަކިކޮށްދެނިވި ހެކިތަކެއް ކަމުގައެވެ.”

ސޫރަތުލް ބަގަރާގެ މި އާޔަތާއި، ސޫރަތުލް ގަދްރިގެ ފުރަތަމަ އާޔަތް އެއްކޮށްލުމުން ލައިލަތުލް ގަދްރި ވިލޭރެއަކީ ރަމަޟާން މަހުގެ ރެއެއްކަން ޔަގީންވެއެވެ. އެހެންކަމުން، ބައެއް މީހުން ލައިލަތުލްގަދްރި ވިލޭރެ އަކީ ޝަޢްބާންމަހުގެ 15 ވަނަ ދުވަސް ކަމުގައި ބުނަމުން އަންނަ ވާހަކަތަކަކީ އެއްވެސް އަޞްލެއް ނެތް ވާހަކަ އެއް ކަން ދޭހަވެގެންދެއެވެ.

ލައިލަތުލް ގަދްރިވިލޭރޭ ވަނީ ރަމަޟާން މަހުގެ ފަހު ދިހާގައެވެ. ޝަޢްބާން މަހުގެ 15 ވަނަ ދުވަހަކީ އެހެންވެސް މައްސަރުތަކުގެ 15 ވަނަ ދުވަހެކޭ ނުވަތަ ރެއެކޭ އެއްވެސް ތަފާތުކަމެއް ހުރި ދުވަހެއް ނުވަތަ ރެއެއް ނޫނެވެ. އަޅުގަޑުމެން ދިވެހި ރާއްޖޭގައި ޝަޢްބާންމަހުގެ 15 ވަނަ ދުވަސް ނުވަތަ އެރޭ އަކީ “ހިޔަރަކާތް ވިލޭރޭ” ކަމަށް ބުނެ ވާހަކަ ދައްކާ އުޅެއެވެ. ނަމަވެސް، އެއީ އެއްވެސް ޙަގީގަތެއްގެ މައްޗަށް ބިނާވެގެން ދެކެވޭ ވާހަކަ އެއް ނޫނެވެ. އެދުވަހުގެ ނުވަތަ އެރޭގެ މާތް ކަމާއި ގުޅޭ ގޮތުން އެއްވެސް ޙަދީޘެއް އައިސްފައި ނުވެއެވެ.

ނުނިމޭ…….

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.