މުޢާމަލާތުކުރުމުގައި ނުކުޅެދުންތެރިކަން ހުންނަ މީހަކާ މުޢާމަލާތް ކުރާނީ ކިހިނެތް؟

މުޢާމަލާތުކުރުމުގައި ނުކުޅެދުންތެރިކަން ހުންނަ މީހަކާ މުޢާމަލާތުކުރުމަކީ އުނދަގޫކަމެކެވެ. ސަބަބަކީ ތިބާ ބުނާ އެއްޗެއް އޭނާއަށް ފަހުމުވަނީ އަދި ބަލައިގަންނަނީ ކިހިނެއްކަން ދެނެގަތުމަކީ ފަސޭހަކަމަކަށް ނުވުމެވެ. މުޢާމަލާތްކުރުމުގައި ނުވަތަ ވިސްނުމުގައި ނުކުޅެދުންތެރިކަން ހުންނަ މީހާގެ ކިބައިގާވެސް ތިބާއެކޭ އެއްފަދަ އިހުސާސްތަކާއި ޚިޔާލުތަކާއި ކަންބޮޑުވުންތަކާއި ޖަޒުބާތުތަކާއި ކެކުޅުންތައް ހުރެދާނެއެވެ. ތިބާއަށް ވިސްނޭގޮތަށް ވުރެ ގިނަ ގޮތްގޮތުން އެއްގޮތްކަން ހުރެދާނެއެވެ. އޯގާތެރިކަމާއި އިހްތިރާމާއި ޕޮޒިޓިވް އެޓިޓިއުޑަކާއިއެކު އެފަދަ މީހަކާ މުއާމަލާތުކުރުމަށް ފަށައިގެންފިނަމަ އެއީ ވަރަށް ރަނގަޅު ފެށުމަކަށް ވާނެއެވެ.
ފުރަތަމަ ބައި – އިހުތިރާމުކުރުން

1. މުޢާމަލާތްކުރުމުގެ ނުކުޅެދުންތެރިކަން ހުއްޓެއްކަމަކު އެމީހުންނަކީވެސް އެހެން މީހުންނެކޭ އެއްފަދައިން ހުރިހާ ޖަޒުބާތުތަކެއް ހުންނަ އިންސާނުންކަން އަބަދުވެސް ހަނދާން ބަހަށްޓާށެވެ. އެމީހެއްގެ ކިބައިގައި ހުރި ކުޅެދުންތެރިކަމަކަށް ނުވަތަ ނުކުޅެދުންތެރިކަމަކަށް ނުބަލައި ހުރިހާ އެންމެނަށްވެސް އިހުތިރާމުކޮށް ކަމޭހިތާށެވެ. ނުކުޅެދުންތެރިކަމެއް ހުއްޓަސް ނެތަސް، ކޮންމެ މީހަކާވެސް މުއާމަލާތުކުރަންވާނީ ކަމޭހިތުމާއި އިހްތިރާމާއި އެކުގައެވެ. މިކަން ޙާސިލުކުރެވޭނީ އެމީހުންގެ ނުކުޅެދުންތެރިކަމާއި ގުޅުވައިގެން ނަންނަމުން ގޮވުމުން އެއްކިބާވެގެންނެވެ. އަދި ތިބާ އޭނާއަށް އެއްވެސް ސަމާލުކަމެއް ނުދޭކަމަށް ދޭހަވާގޮތަށް ތިބާގެ ހަށިގަނޑުގެ ހަރަކާތްތައް (ބޮޑީ ލޭންގުއޭޖް) ނުބެހެއްޓުމަށް ސަމާލުކަންދީގެންނެވެ. އޭނާއާއި މުއާމަލާތު ކުރަނީ ޝައުޤުވެރިކަމާއިއެކުގައިކަން އޭނާއަށް ދޭހަވާނޭގޮތަށް ހަރަކާތްތައް ބަހައްޓާށެވެ. އިށީނދެ އިންނައިރު، ދެފައި ހުރަސްކޮށް، ދެއަތް އުރާލައިގެން (ހަށަންބަނދެގެން) އިނުމުގެ ބަދަލުގައި ދެއަތްވެސް ހުޅުވާލާށެވެ. އޭނާއާދިމާއަށް ކުޑަކޮށް ލެނބިލާށެވެ. އަދި ހިނިތުންވެލާށެވެ. އެފަދަމީހުންގެ ނުކުޅެދުންތެރިކަމަކީ އެމީހުންގެ ބާރުގެދަށުގައިވާ ކަމެއްނޫންކަން ހަނދާންބަހައްޓާށެވެ. އެހެންމީހުނާވެސް މުއާމަލާތުކުރާ ބީދައިން އެމީހުނާ މުއާމަލާތްކުރާށެވެ.

އިޝްތިހާރު Below Header ad

2. ކަމޭހިތާށެވެ. ގުޅުން ބަދަހިކުރާށެވެ. ވިސްނުމުގެ ގޮތުންނާއި އަދި އެހެނިހެން ގޮތްގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަކީ އަނެކުންނާއި ދެމެދު އޮންނަ ގުޅުން ބަދަހި ކުރުމަށް ޤާބިލު ބައެކެވެ. ގޮންޖެހުންތައް ހުރިނަމަވެސް، އެންމެ މަތީ ދަރަޖައިގެ ނުކުޅެދުންތެރިކަން ހުންނަ މީހުންވެސް ވަރުގަދަ ޖަޒުބާތުތަކާއިއެކު ގުޅުން އުފެއްދުމުގައި ކާމިޔާބުވެދާނެއެވެ.

3. އޭނާގޮވައިގެން އަންނަމީހާއާއި ވާހަކަދެއްކުމުގެ ބަދަލުގައި ސީދާ ނުކުޅެދުންތެރިކަންހުރި މީހާއާއި ވާހަކަދައްކާށެވެ. ނުކުޅެދުންތެރިކަންހުންނަ ގިނަމީހުން ބޭނުންވާނީ އޭނާއާއި ސީދާކޮށް މުޚާތަބުކުރުމަށެވެ. އަދި އޭނާ ހާޒިރުވެ ނެތްތަނެއްގައި ވާހަކަދެކެވޭ ފަދަ ގޮތަކަށް ވާހަކަދައްކާނަމަ އެއީ އޭނާއަށް އިހުތިރާމުކުޑަކުރުންކަމުގެއި ބެލެވިދާނެއެވެ. އެމީހާއަކީ ބަސްމަދު މީހެއްނަމަ، އޭނާ ވާހަކަދައްކަން ފަށާނީ ސީދާކޮށް އޭނާއާއި ވާހަކަދެއްކުމުންނެވެ.
● ނުކުޅެދުންތެރިކަންހުންނަ މީހާއާއި ކޮންމެ ސުވާލެއްވެސް ކުރާށެވެ.
● ނުކުޅެދުންތެރިކަންހުންނަ ބައެއްމީހުންގެ ‘ބޮޑީ ލޭންގުއޭޖް’ ވަރަށް ތަފާތުވާނެއެވެ. މިސާލަކަށް އޯޓިޒަމްހުން މީހުން އެހެންމީހަކު ދައްކާވާހަކަ ކަނުލައި އަޑުއަހަން އިންނައިރު އެހެން ދިމާއަކަށް ނަޒަރުހުއްޓިފައި ހުރުމާއި، އަތާފައިން ތަފާތު ކުދިހަރަކާތްތައް ކުރުމަކީ އާންމުކަމެކެވެ. ހަމައެކަނި އޭނާގެ ބޮޑީ ލޭންގުއޭޖަށް ބަލައި އޭނާ ތިބާ ދައްކާ ވާހަކަ އަޑުނާހާކަމަށް ނުނިންމާށެވެ.

4. އޭނާ އެދިއްޖެ ހާލަތެއްގައި ނޫނީ ތިބާގެ ވާހަކަދެއްކުމުގެ ސްޓައިލް ބަދަލުނުކުރާށެވެ. ނުކުޅެދުންތެރިކަންހުންނަ ގިނަމީހުންނަށް ފަހުމުވަނީ އާންމު ވާހަކަދެއްކުމުގެ ސްޓައިލާއި ބަހުރުވައެވެ. އަދި އެހެންމީހުން އެމީހުންނާއި މުޚާތަބުކުރާއިރު ތަފާތު ސްޓައިލްތައް ބޭނުންކުރުމަކަށް އެމީހުން ނުރުހެއެވެ. އޭނާ ދަށްކޮށްލާ ގޮތަށް ވާހަކަދެއްކުމުން ދުރުވާށެވެ. އަދި އާދައިގެ ގޮތަކަށް އޭނާއާއި ވާހަކަދައްކާށެވެ.
● ތިބާ އާންމުކޮށް ވާހަކަދައްކާ ސްޕީޑުގައި ވާހަކަދައްކާށެވެ. އަދި އަޑުވެސް އާންމު ބާރުމިނުގައި ގެންގުޚޭށެވެ. ސްޕީޑު މާ އަވަސް/ލަސް ނަމަ ނުވަތަ އަޑުގެ މާ ބާރު/މަޑު ނަމަ އެމީހުން ބުނާނެއެވެ.
● އެމީހުންގެ އުމުރާއި ގުޅޭގޮތަށް މުއާމަލާތުކުރާށެވެ. އެއުމުރުގެ އެހެންމީހުނާއިވެސް ވާހަކަދައްކާ އުޅޭގޮތަށް އެމީހުންނާއި ވެސް ވާހަކަދައްކާށެވެ. މިސާލަކަށް ލަވަކިޔާއަޑުން ނުވަތަ ތުއްތުކުދިން ވާހަކަދައްކާ އަޑުން ނުކުޅެދުންތެރިކަންހުންނަ ފުރާވަރުގެ ކުދިންނާ ނުވަތަ ބޮޑެތިމީހުންނާއި މުޚާތަބުކުރުމަކީ އެދެވުގެންވާކަމެއްނޫނެވެ.
● ތިބާގެ ވާހަކައިގައި ބަސްކޮށާރު ބޭނުންކުރާނީ އެމީހުންގެ ބަސްކޮށާރުގެ މުއްސަނދިކަމަށް ރިއާޔަތްކޮށްގެނެވެ. އެފަދަ ގިނަމީހުންގެ ބަސްކޮށާރު ހުންނާނީ އެވަރެޖް މިންވަރެއްގައެވެ. ނަމަވެސް، ބަސްކޮށާރު ދަށް ހަމައެކަނި އާދައިގެ ބަސްތައް ދަންނަ މީހެއްނަމަ އޭނާއާ ވާހަކަދެއްކުމުގައި ތިބާވެސް އެ މިންވަރުގެ ބަސްކޮށާރެއް ބޭނުންކުރާށެވެ.
● ނަމަނަމަ އެމިހުންގެ ނުކުޅެދުންތެރިކަމުގެ ސަބަބުން އެމިހުނަށް ވާހަކަދެއްކޭގޮތް ނަކަލުނުކުރާށެވެ. އެކަމަކުން ތިބާގެ ވާހަކަ އެމީހުންށް ފަހުމުވުމަކަށް ބާރެއްނާޅާނެއެވެ. އެހެނެއްކަމަކު އޭގެ ސަބަބުން ތިބާ އެމީހުނަށް މަލާމާތްކުރަނީ ކަމަށް އެމީހުން ހީކޮށްފާނެއެވެ.

5. އެހީވެވިދާނެކަމަށް ބުނާށެވެ. އެކަމަކު އެމީހުން ތިބާއަށް ބަރޯސާވުމަށް މަޖުބޫރުނުކުރާށެވެ. “ކަންކަން ފަސޭހަކުރުމަށްޓަކައި އެއްވެސް އެހީއެއް ބޭނުންނަމަ އަހަރެންގާތު ބުނައްޗޭ” މިފަދަ ގޮތަކަށް ބުނެވިދާނެއެވެ.
● ކަމެއް މާ އުނދަގޫވެގެން އުޅޭކަމަށް ފެންނަނަމަ، “އެހީއެއް ބޭނުތަ؟” ނުވަތަ “އަހަރެން ތިކަން ކޮށްދެންތަ؟” މިފަދަ ގޮތަކަށް އަހާލާށެވެ. އަދި އެމީހުންގެ ޖަވާބު އަޑުއަހާށެވެ. ބައެއްފަހަރު އެމީހުން އިންކާރުކުރާނެއެވެ. އެއީ އަމިއްލައަށް އެކަންކޮށްލަން ބޭނުންވާތީއެވެ. ނުވަތަ ހަޤީޤަތުގައިވެސް އެމީހުނަށް އެހީބޭނުންނުވާތީއެވެ.
● އެމީހުން ހަދާނެގޮތް ނޭނގިފައި ތިބިކަމަށް ފެންނަނަމަ، އެއްވެސް ކަމެއް އޮޅުންއަރާތޯ އަހާލާށެވެ.
● އެކަމާ މާބޮޑަށް ދެރަނުވާށެވެ. ނުކުޅެދުންތެރިކަމާއިމެދު ތިބާއަށް މާބޮޑު ތަޖުރިބާއެއް ކުރެވިފައިނުވާއިރު އެމީހުންވަނީ އެކަންކަމާއިއެކު އެތައްދުވަހަކު ދިރިއުޅެފައެވެ. އަދި އެމީހުންގެ އަމިއްލަ މުހުތާދުތައް އެމީހުނަށް ވަރަށް ރަނގަޅަށް އެނގޭނެއެވެ. އަދި މައްސަލައެއް ކުރިމަތިވާނަމަ ތިބާގާތު އެމީހުން ބުނާނެއެވެ.

6. އެހެން ރަހުމަތްތެރިއަކާ ނުވަތަ ދެކެފަރިތަ މީހަކާ މުއާމަލާތުކުރާ ފަދައިން އެމީހުނާވެސް މުއާމަލާތުކުރާށެވެ. ނުކުޅެދުންތެރިކަންހުންނަ މިހުންނަކީވެސް އެމީހުންގެ އަމިއްލަ ހޮބީތަކާއި ޝައުޤުވެރިވާ ކަންކަމާއި ޚިޔާލުތަކާއި ދޭދޭ ގުޅުންތައް ހުންނަ އާދައިގެ އިންސާނުންނެވެ. އެހެންކަމާއިއެކު އެހެންމީހުނާ ތަފާތުކޮށް އެމީހުނާ މުއާމަލާތުކުރުމުގެ ބޭނުމެއްނެތެވެ.

ދެވަނަ ބައި – މުއާސަލާތުކުރުން
1. އަލަށް މީހަކާ ބައްދަލުވާ ހާލަތްތަކުގައި އާންމުކޮށް އަމަލުކުރާފަދައިން މުޢާމަލާތްތައް ބަހައްޓާށެވެ. ސަލާމްކުރުމުން ފަށާށެވެ. އޭރުން ތިބާ އޭނާއަށް މަރުހަބާކީކަމުގެ އިހުސާސް އޭނާއަށް ކުރެވޭނެއެވެ. އަދި ތިބާ އޭނާއަށް ތަޢާރަފުވެ، އޭނާއަށް އަޑުއަހަން ތައްޔާރަށް ހުރިކަން ހާމަކުރުމަށް ފުރުސަތު ލިބެއެވެ. ސުވާލުކުރާށެވެ. އަޑުއަހާށެވެ. އަދި ތިބާގެ އަމިއްލަ ޚިޔާލާއި ވާހަކަތައް ހިއްސާކުރާށެވެ. މުޢާމަލާތްކުރުމުގެ ނުކުޅެދުންތެރިކަމުގެ ތަފާތު ބާވަތްތައް ހުރެއެވެ. އެމީހާއަށް ދިމާވެފައިވަނީ އެއިން ކޮންބާވަތެއްގެ ނުކުޅެދުންތެރިކަމެއްކަން ތިބާއަށް އެނގުމުންނޫނީ މުއާމަލާތްތައް އާންމު އުސޫލާއި ތަފާތު ނުކުރާށެވެ.

2. އެމީހާއަށް އަޑުއިވޭނަމަ އަދި ވާހަކަދެއްކޭނަމަ، ވާހަކަދައްކައިގެން މުއާޞަލާތުކުރާށެވެ. އޭނާއާއި ބެހޭގޮތުން ކޮންމެވެސް ވާހަކައެއް ދެއްކުމަށް ބުނާށެވެ. މިސާލަކަށް “ހާލު ކިހިނެތް؟” “އެންމެ ކުރާހިތްވަނީ ކޮންކަމެއް؟” ފަދަ ސުވާލުތައް ކުރާށެވެ. ރަނގަޅު ސުވާލުކުރެވިއްޖެނަމަ އޭނާގެ މޫނުމަތިން އުފާވެރިކަން ފެންނާނެއެވެ. ދެމީހެއްގެ ދެމެދު ގުޅުމެއް އުފެދުމަކީ ވަރަށް ބޮޑު އުފަލެކެވެ. ދެމީހުން ގަޔާވާ ކަންކަން ހޯދާށެވެ.

3. ބޭނުންކުރަން ޖެހިއްޖެ ހާލަތެއްގައި މުއާޞަލާތު ކުރުމުގެ އެހެންގޮތްތައް (އޯލްޓަނޭޓިވް ކޮމިޔުނިކޭޝަން މެތަޑްސް) ބޭނުންކުރާށެވެ. މިސާލަކަށް މުއާޞަލާތުކުރުމުގެ ހުނަރުތަކަށް ދަށް ކުއްޖަކަށް ނުވަތަ މީހަކަށް “ސައިން ލޭންގުއޭޖް”، އަތުގެ ހަރަކާތް ފަދަ ގޮތްތައް ބޭނުން ކުރެވިދާނެއެވެ.
● މިފަދަ ގިނަ ވަސީލަތްތައް އޮންލައިންކޮށް ލިބެންހުރެއެވެ.
● ތަފާތު “ސިންބަލްސް”، ފޮޓޯ، ސްޓިކާ ފަދަ ތަކެތި ބައެއް މީހުނަށް މާ ފަސޭހައެވެ. އެދުވަހެއްގައި ހިނގަމުންދާ ކަންކަން ދައްކުވައިދިނުމަށާއި އެމީހުންގެ ކަލަންޑަރު ސިފަކޮށްދިނުމަށާއި ކާވަގުތު ބޭނުންވާތަކެތި އިޚްތިޔާރުކުރުމަށާއި މުއާޞަލާތުކުރުމަށް މިފަދަ ތަކެތި ބޭނުންކުރެވިދާނެއެވެ.

4. ވާހަކަދެއްކުމާއި އަތުގެ ހަރަކާތްތަކުން މުއާޞަލާތު ނުކުރެވޭ ހާލަތްތަކުގައި ލޮލުގެ ހަރާކާތްތަކުގެ ބޭނުން ކުރެވިދާނެއެވެ.
● ތިބާއަށް އެހީއެއްގެގޮތުން ޓެކްނޮލޮޖީގެ ބޭނުން ހިފާށެވެ. އިލެކްޓްރޯނިކް ޑިވައިސްތަކާއި މިފަދަ ކަންކަމަށް ޚާއްސަކޮށް ޑީޒައިންކޮށްފައިވާ ކޮންޕިޔުޓަރ ސޮފްޓްވެއަރ ތަކަކީ ބައެއް ހާލަތްތަކުގައި މާ ކަމަށް އެކަށޭނަ ތަކެއްޗެވެ. އުނގެނުމުގެ ނުކުޅެދުންތެރިކަން ނުވަތަ މުޢާމަލާތުކުރުމުގެ ނުކުޅެދުންތެރިކަން ހުންނަ އަނގަބަހުން އަދި އަތުގެ އިޝާރާތުން މުއާޞަލާތު ނުކުރެވޭ މީހުންނަށް މިފަދަތަކެތީގެ ސަބަބުން މުއާޞަލާތުކުރުމާއި އެހެންމީހުންނަށް ބަރޯސާނުވެ ބައެއް ކަންކަން އަމިއްލައަށް ކުރުމުގެ ޤާބިލުކަން ލިއްބައިދެއެވެ.
● ފަސޭހަ ކަމާއިއެކު މުއާޞަލަތުކުރުމަށްޓަކައި ބޭނުންކުރެވިދާނެ ސްމާޓްފޯނު އެޕްލިކޭޝަން ވެސް ހުރެއެވެ.
● ތުއްތު ކުއްޖަކާ މުޢާމަލާތުކުރާގޮތަށް އެމީހުންނާއި މުޢާމަލާތުނުކުރާށެވެ. އެމީހުންގެ ނުކުޅެދުންތެރިކަމުގެ ސަބަބުން އެމީހުންނާ މުޢާމަލާތުކުރަންވީ ތުއްތުކުދިންނެކޭ އެއްފަދައިންކަމަށް ތިބާއަށް ހީވިނަމަވެސް އެފަދައިން އަމަލުކުރުމަކީ އެމިހުނަށް އިހުތިރާމުކުޑަކުރެވި އެމީހުންގެ ހިތުގައި ތިބާގެ މައްޗަށް ނަފުރަތު އުފެދޭނޭ ކަމެކެވެ.
● އެމީހުންގެ ކިބައިގާ ނުކުޅެދުންތެރިކަމެއް ހުރިކަން ދެނެގަންނާށެވެ. އަދި ތިބާގެ އެހިތެރިކަމަށް އެމީހުން ބޭނުންވާކަން ހަންދާން ނައްތާނުލާށެވެ. އެހެންނަމަވެސް އެމީހުންގެ ނުކުޅެދުންތެރިކަމުގެ ސަބަބުން އެމީހުނަށް ކުރުމަށް އުނދަގޫވާ ކަމެއް ތިބާ އެމީހުންނަށް ކޮށްދޭންވާނީ އެމީހުން އެހީއަށް އެދުމުންނެވެ. އެނޫން ހާލަތްތަކުގައި އެކަމެއް ތިބާ ކޮށްދިނުމުގެ ބަދަލުގައި އެމީހުނަށް މަގުދައްކަދޭށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.