މިނިވަންފިކުރު: ރައީސް ނަޝީދު މިއުޅުއްވަނީ ކޮންފާޑަކަށްތޯއެވެ؟

ރައީސް މައުމޫނުގެ އަނިޔާވެރިކަމާއި ދެކޮޅަށް އިސްލާހީ މަސައްކަތަށް ކަމަށްބުނެ، ރާއްޖޭގައި ސިޔާސީ އިންޤީލާބެއް ގެނައުމުގެ މަސައްކަތް ރައީސް ނަޝީދު ފެއްޓެވިއެވެ. އެތައް ބައެއްގެ އެއްބާރުލުމާއި އެކު އެމަސައްކަތްތައް ކުރައްވަމުން ގެންދެވި ނަޝީދު ވިދާޅުވަމުން ގެންދެވީ މިއުޅެނީ ވެރިކަން ބޭނުނެވެގެން ނޫންކަމުގައެވެ. އަދި ރާއްޖޭގެ ވެރިކަން ބޭނުން ނުވާ ކަމުގައިވެސް ބުނުއްވަމުން ގެންދެވިއެވެ.

އެންމެ ފަހުން ރާއްޖޭގައި ޕާޓީ ނިޒާމު އުފެދި ޑިމޮކްރަސީގެ ގަސް ހެދި ބޮޑުވާން ފެށިއެވެ. އެހައިރުން އެމްޑީޕީ ރަޖިސްޓްރީވެ، ރާއްޖޭގައި އޭރު އޮތް ރައީސް މައުމޫނުގެ ސަރުކާރުގެ އެންމެ ބޮޑު އިދިކޮޅު ޕާރޓީގެ ގޮތުގައި އެމްޑީޕީ ޙަރަކާތްތެރިވަމުން އައީ ނަޝީދު ހުންގާނުގައި ހުންނަވައިގެންނެވެ. އެންމެ ފަހުން ޕާޓީ ނިޒާމުގެ ދަށުން ބޭއްވުނު ފުރަތަމަ ރިޔާސީ އިންތިޚާބުގައި 2008 ވަނަ އަހަރު ރައީސް ނަޝީދު ވާދަކުރެއްވިއެވެ. ވެރިކަން ބޭނުން ނުވާ ކަމަށް ބުނުއްވަމުން އައި ނަމަވެސް، ކޯލިޝަނަކާއި އެކު ވެރިކަމަށް އައީ ރައީސް ނަޝީދުއެވެ.

އިޝްތިހާރު Below Header ad

ވެރިކަމުގެ އާރާއި ބާރު ލިބި، އޭގެ ލައްޒަތު އިޙްސާސްވެވަޑައިގަންނަވަން ފެއްޓެވުމާއިއެކު ފެންނާން ފެށީ މުޅީން އެހެން ކުލަވަރެކެވެ. އިސްލާމް ދީނުގެ އަސްލުތަކާއި ޚިލާފު ވާހަކަފުޅުތައް ދައްކަވަން ފެއްޓެވިއެވެ. ދީނާއި ދީނީ މީހުނާއި ދެކޮޅުވެރިކަމުގެ ޙަރަކާތްތައް އެކި ސިފައިގައި ވެރިކަމުގެ ތެރޭން ފެންނާން ފެއްޓިއެވެ. އެހިސާބުން ކޯލިޝަންވެސް ބައިބައިވެގެން ދާން ފެށިއެވެ. ވެރިކަމުގެ ދައުރު ހަމަވުމުގެ ކުރީން، ‘ލާދީނީ’ ޓެގު އެޅި ވެރިކަން ނިމިގެން ދިޔައީ މަގުމައްޗަށް ރައްޔިތުން ނުކުތުމުން އިސްތިޢުފާ ދެއްވައިގެނެވެ. ޖެހިގެން އައި ދުވަހު ދައުލަތުގެ އެކި މުއައްސަސާތައް ހިންގާ ޢިމާރާތްތަކުގައި ހުޅުޖަހައި، ބޮޑަތި މާރާމާރީތައް ހިނގައިދިޔައެވެ. މިހުރިހާ ކަމެއް އެމްޑީޕީގެ ސަޕޯޓަރުން ނުކުމެ ކުރީ ވެރިކަން ވައްޓާލީ ބަޣާވާތްކޮށްގެން ކަމަށް ބުނަމުންނެވެ. ދައުރު ހަމަނުވަނީސް ނަޝީދުގެ ވެރިކަން ނިމިގެން ދިޔައީއެވެ.

Anni isthiufaa dhinun jpg
ރައީސް ނަޝީދު ވެރިކަމުން އިސްތިޢުފާ ދެއްވަނީ

ޖެހިގެން އައި އިންތިޚާބުގައިވެސް ނަޝީދަށް ކުރިމަތިވީ ނާކާމިޔާބީއެވެ. ވެރިކަމަށް އައީ ރައީސް ޔާމީނެވެ. ނަޝީދުގެ ސިޔާސީ މަސައްކަތް އެހިސާބުންވެސް ހުއްޓައެއް ނުލައްވައެވެ. ރައީސް ޔާމީނުގެ ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރައްވަމުން ގެންދެވިއެވެ. އެއަށްފަހު ރައީސް ޔާމީނުގެ ވެރިކަމުގެ ދައުރު ހަމަވުމާއި އެކު ވެރިކަމަށް އަނެއްކާވެސް އައީ އެމްޑީޕީއެވެ. މިފަހަރުވެސް ކޯލިޝަނެކެވެ. ނަމަވެސް ވެރިއަކަށް އިސްވީ ނަޝީދުގެ އެންމެ ގާތް އެކުވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. އެމްޑީޕީއާއި އެކު ކޯލިޝަން ހެދި ފަރާތްތަކުގެ އެންމެ އިސް ޝަރުތަކަށްވީ ނަޝީދުގެ ނުފޫޒު ވެރިކަމަށް ފޯރިޔަ ނުދިނުން ކަމުގައި މަޢުލޫމާތު ލިބިފައިވެއެވެ. ކޮންމެއަކަސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި ފެންނަމުން ދިޔައީ ނަޝީދަށް މާބޮޑު ބާރެއް ނެތި ބާކީވެ ބިކަވެގެން ދާތަނެވެ. ރައްޔިތުންގެ މަޖިލީހަށް ނަޝީދު އިންތިޚާބުވެ، މަޖިލީހުގެ ރައީސްކަން ލިބުން ފިޔަވައި އިތުރު ބާރެއް އެމްޑީޕީގެ ސަރުކާރުން ނަޝީދަކަށް ނުލިބުނެވެ.

ވެރިކަމުގެ ދައުރު ހިނގަމުން ދަނިކޮށް އެޕްޑީޕީގެ އެތެރޭގެ ކޯޅުން ބޮޑުވެގެން ދިޔައެވެ. އެތެރޭގެ އިންތިޚާބުންވެސް ނަޝީދުގެ ކޮޅު ބަލިވެއްޖެ އެވެ. ކޯޅުންގަނޑު ބޮޑުވެ، ހާޖާނުގަނޑުގައި ތިއްބައި، ބޮމުގެ ޙަމަލާއަކުން ނަޝީދުގެ ފުރާނައަށްވެސް ނުރައްކާވެގެން ދިޔައެވެ. އެހިސާބުން ގާތް އެކުވެރިޔާއާއި ދެކޮޅަށް ފާޅުގައި ނިކުންނަވައިފިއެވެ. އެމްޑީޕީގައި ހުންނަވައި، ނަޝީދުއާއި އެއްފިކުރުގެ މީހުންކޮޅެއް ޕާޓީން ނެރެ، އެހެން ޕާޓީއެއް އުފަން ކުރުވައިފިއެވެ. 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށްވެސް، އެމްޑީޕީގެ ރިޔާސީ ޓިކެޓު ނެންގެވީ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. ދަޑިމޮކްރެޓްސް ނަމުގައި ޕާޓީ ހަދައި، ދުވަސްކޮޅަކުން ނަޝީދު އެމްޑީޕީން ވަކިވެއްޖެއެވެ. އެމްޑީޕީ ރޫޅާލާނެ ކަމަށް ހަރުއަޑުން ވިދާޅުވިއެވެ. އެމްޑީޕީ ރޫޅާލައި، ޑިމޮކްރެޓްސް ވަރުގަދަ ކުރުމުގެ ޙަރަކާތްތައް ނަޝީދު ވަރުގަދަކުރެއްވިއެވެ.

ދަޑިމޮކްރެޓްސްގެ ފަރާތުން އިންތިޚާބުގައި ވާދަކުރެއްވީ އިލްޔާސް ލަބީބެވެ. ވިދާޅުވީ ވެރިކަމަށް ހޮވިއްޖެ ނަމަ ވެރިކަން ހިންގަވާނީ ނަޝީދުގެ ފަހަތުން ކަމަށެވެ. ސާފުވާ ކަމަކީ ނަޝީދުގެ ނުފޫޒާއި ބާރު ސަރުކާރުގެ މައްޗަށް އޮންނާނެކަމެވެ. އިންތިޚާބު ދެވަނަ ބުރަކަށް ދިޔައީ ދަޑިމޮކްރެޓްސް ތިންވަނައިގައި އޮވެގެންނެވެ. އެއްވަނައިގައި ދެވަނަ ބުރަށް ވާދަކުރައްވަނީ އިދިކޮޅު ޕީޕީއެމް ޕީއެންސީ ގެ ކެންޑިޑޭޓު މުޢިއްޒުއެވެ. ދެވަނައިގައި ނަޝީދު ރޫޅާލާނެކަމަށް ބުނި ޕާޓީގެ ފަރާތުން އިބްރާހީމް މުޙައްމަދު ޞާލިޙެވެ. މިނަތީޖާއިން އެނގިގެން ދިޔައީ އެމްޑީޕީ ވެސް ވަރަށް ބޮޑަށް ރޫޅި ބަލިވަމުން ދާކަމެވެ.

ރިޔާސީ އިންތިޚާބުގެ ބައްޔާއި އެކުވެސް، ނަޝީދު މިހިސާބުންވެސް ބަލިވީކަމުގައި ނިންމާކަށް ބޭނުންފުޅެއް ނުވިއެވެ. ދެންވެސް ފެއްޓެވީ ކޮންމެ ގޮތަކުންވިޔަސް ވެރިކަމުގެ އާރާއި ބާރާއި ލައްޒަތު ހޯދޭނެ ގޮތެއް ހެދުމުގެ މަސައްކަތެވެ. ގާތްގަނޑަކަށް އެންމެ 7 އިންސައްތަ ވޯޓާއި އެކުވެސް، ދެން އޮތް ބޮޑު ދެބަޔަށްވެސް ނުފޫޒު ފޯރުވުމުގެ މަސައްކަތެވެ. އެއިން އެއްވެސް ބަޔަކަށް މި 7 އިންސައްތައާއި ނުލައި ކާމިޔާބު ނުކުރެވޭނެ ކަމަށް ވިސްނައިދީގެން ނަމަވެސް، ނަޝީދު ބޭނުންފުޅުވެލައްވާ ގޮތަށް އޭގެން ކޮންމެ ބަޔަކު ނަމަވެސް އަނބުރާލެވޭތޯ ބައްލަވަން ފެއްޓެވިއެވެ. މަސައްކަތް ފެއްޓެވީ ޖުމްލަ 85 އިންސައްތައިގެ މައްޗަށް ބާރުފޯރުވާށެވެ. އެއީ ނަޝީދަށް ނޫނެކޭ ބުނި 85 އިންސައްތައެވެ. މިހެން މިދެންނެވީ، ޕީއެންސީ އާއި އެކުވެސް، އަދި އެމްޑީޕީއާއި އެކުވެސް ކޯލިޝަން ހެއްދެވުމަށްޓަކައި ނަޝީދުގެ ޑިމާންޑާއި އެއްގޮތަށް އެބޭފުޅުން އެއްބަސްވުމަށް މަޖުބޫރު ކުރައްވަމުން ގެންދަވާތީއެވެ.

ރިޔާސީ އިންތިޚާބުގެ ނަތީޖާއަށް ބަލައިލާއިރު، ޑރ. މުޙައްމަދު މުޢިއްޒުއަށް ލިބިވަޑައިގަތީ 46 އިންސައްތައެވެ. އަދި އިބްރާހީމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގަތީ 39 އިންސައްތައެވެ. މިއިން ކޮންމެ ބަޔަކާއި އަޅާ ކިޔާލިޔަސް، ދަޑިމޮކްރެޓްސް ނުވަތަ ނަޝީދުގެ ފަޅިއަށް ލިބުނީ 7 އިންސައްތައެވެ. މިއިން ކޮންމެ ބަޔަކާއި އަޅާ ބަލާލިޔަސް ނަޝީދުގެ ފަޅިއަށް ލިބިފައި މިވަނީ މީގެން އެއްވެސް ބަޔަކާ އަޅާ ކިޔާލެވޭވަރުގެ އިންސައްތައެއް ނޫނެވެ. ހަމައެކަނި އޮތީ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ކޮޅަށް އަރައިފި ނަމަ، ޑރ. މުޢިއްޒުއާއި ވޯޓުގެ އިންސައްތް ގާތްގަނޑަކަށް ހަމަވުމެވެ. ނުވަތަ މުޢިއްޒުއާއި ގުޅިއްޖެ ނަމަ މުޢިއްޒުއަށް އިތުރުވާ 7 އިންސައްތައެވެ. ނަތީޖާގެ ހިސާބު ތަކަށް ބަލައިލާއިރު މިގޮތަށް ފެނުކަމުގައި ވިޔަސް، ވިސްނާލަން ޖެހޭ މާބޮޑު އެހެން ކަމެއް އެބައޮތެވެ.

ސުވާލުކޮށް ވިސްނާބަލައިލާއިރު، ނަޝީދު އެފަޅިއަކަށް އަރައިފި ނަމަ އެފަޅިއަކަށް ވޯޓު ދޭން ބޭނުން ނުވާ އެތައް ބަޔަކު ކޮންމެ ފަޅިއެއްގައިވެސް އެބަތިއްބެވެ. މިއީ ދެކޮޅު ހެދެން ނެތް ހަޤީޤަތެކެވެ. މުޙައްމަދު ނަޝީދު (އަންނި) އަކީ ސީދާ އިސްލާމް ދީނާއި ދެކޮޅު ލާދީނީ ބޭފުޅެއް ކަމުގައި ޤަބޫލުކުރާ އެތައް ބަޔަކު އެބައުޅެއެވެ. އެހެންކަމުން، މުޢިއްޒުއާއި އެކު ނަޝީދު ކޯލިޝަން ހަދައިފި ނަމަ މުޢިއްޒުއަށް ވެސް ވޯޓު ނުދޭނެކަމަށް ބުނާ އެތައް ބަޔަކު ޕީޕީއެމް އަދި ޕީއެންސީގެ ސަޕޯޓަރުންގެ ތެރޭގައިވެސް އެބަ ތިއްބެވެ. ހަމަ އެގޮތަށް އެމްޑީޕީގައިވެސް، ނަޝީދުއާއި އެކު ކޯލިޝަން ހަދައިފި ނަމަ އެމްޑީޕީއަށް ވޯޓު ނުލާނެކަމަށް ބުނާ އެތައް ބަޔަކު އެބަ ތިއްބެވެ.

ކަން މިހެން އޮތް އިރު ޑިމޮކްރެޓްސްގެ ސަޕޯޓަރުންނަށް ބަލައިލާއިރު، ނަޝީދު ވިދާޅުވިޔަސް އިބޫއަށް ވޯޓު ނުލާނެ ބަޔަކާއި، ނަޝީދު ވިދާޅުވިޔަސް މުޢިއްޒަށްވެސް ވޯޓު ނުލާނެކަމަށް ބުނާ އެތައް ބަޔަކު އެބަތިއްބެވެ. އެހެންކަމުން މިއިން ކޮންމެ ހާލަތެއްގައިވެސް، ނަޝީދު ފަޅީގައި އޮތް 7 އިންސައްތައަކީ، ނަޝީދުއާއި ބައިވެރިވާ އެއްވެސް ފަޅިއަކަށް ފުރިހަމައަށް ލިބޭނެ އިންސައްތައެއް ނޫންކަން ޔަޤީނެވެ. އަދި ނަޝީދާއި ގުޅޭ ފަޅިއަކަށް އެތައް ވޯޓެއް ގެއްލި، އަނެއް ފަޅިއަށް އެވޯޓުތައް އެނބުރުން ގާތެވެ.

އުފެދޭ ސުވާލަކީ ހުރިހާ ޙަޤީޤަތެއް މިހެން ހުރިއިރުވެސް ނަޝީދު މިއުޅުއްވަނީ ކިހިނެއް ވެގެންތޯއެވެ؟ މިއުޅުއްވަނީ ކޮންފާޑަކަށްތޯއެވެ؟ ފެންނަމުން މިދަނީ، ވެރިކަން ބޭނުން ނުވާކަމަށް ވިދާޅުވަމުން ފެއްޓެވި މަސައްކަތް އެންމެ ފަހުން އަމިއްލަ އެދުމަށް ގޮސް ހުސްވެގެންދާތަނެވެ. ކޮންމެ ގޮތެއް ހަދައިގެން ވިޔަސް، ވެރިކަމާއި އާރާއި ބާރުގެ ލައްޒަތު ހޯއްދަވަން އުޅުއްވާތަނެވެ. މެނިޕިއުލޭޝަންގެ އެކި އުކުޅުތައް ބޭނުންކުރައްވައިގެން ނަމަވެސް، ނަޝީދު ބޭނުންފުޅުހާ ގޮތަކަށް ހުރިހާ އެންމެންވެސް ކަންތައް ކުރާން ޖެހޭނެކަމަށް ވިސްނައިދޭން އުޅޭތަނެވެ. ކޮންމެ ފަދަ ވާހަކައެއް ދައްކަވައިގެން ނުވަތަ ކޮންމެ ފަދަ ކަމެއް ކުރައްވައިގެން ވިޔަސް، ކޮންމެވެސް ސިފައެއްގައި ރާއްޖޭގެ ވެރިކަމުގެ ބާރެއް ނަޝީދުގެ އަންބޮނޑިއަށް ލައްވާން އުޅުއްވާ ތަނެވެ. ކޮންޓްރޯލިން ބިހޭވިއަރ އޭ މިކިޔާ ސިފަ ފިސާރި ވަރުގަދައަށް ނަޝީދުގެ ކިބައިގައި ހުރިތަން މިދަނީ ފެންނަމުންނެވެ. ނާރސިސިސްޓިކް ޕާރސަނަލިޓީ ޑީސޯޑަރ އަށް ނަޝީދު ވީހާވެސް އަވަހަށް ފަރުވާ ހޯދަވަން ޖެހިވަޑައިގަންނަވާ ކަމުގައި ދިވެހީންގެ އެތައް ބަޔަކު މިހާރު ދެކެން ފަށައިފިއެވެ. ނަމަވެސް އަދިވެން ނަޝީދު އުޅުއްވަނީ ބޮޑާހޭއްކުވުމުގައެވެ. ނަޝީދުއެވެ. ތިޔަގޮތް ދޫކޮށްލައްވާށެވެ. ދެން ބުއްދިވެރިވާނީ، ދިވެހީންގެ ޒުވާން ޖީލާއި ދިވެހި ޤައުމު ޙަވާލުކުރައްވައި، މަނިކުފާނު އެއްފަރާތްވެ ވަޑައިގަތުމެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

  1. މިކަހަލަަ ލިޔުމެއްް މިގޮތަށްް ރީތިި އިބާރާތުންް އޮއްވާާ މިހާރުު ފެންނަނީީ ވަރަށްް މަދުންް. ގިނައިންް ފެންނަނީީ ވަރަށްް ކިޔާލަންް އުނދަގޫޫ ބަހުރުވައިންް އެއްޗެތިި ގޮވާފަަ ހުންނަތަންް. މިހެންް ސާދާކޮށްް އަދަބހވެރިކޮށްް ލިޔެލީމަަ ލިޔުންތެރިކަމަކީީ.

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.