މާބަނޑު އަންހެނުންނަށް ރަގަޅީ ރޯދަ ހިފުންތޯ ނުވަތަ ދޫކޮށްލުންތޯ؟

ރޯދަވެރިޔާ އަށް އައުލާކަން ބޮޑީ ރޯދަ ހިފުންތޯ ނުވަތަ ދޫކޮށްލުންތޯ؟

الحمد لله، والصلاة والسلام على رسول الله، صلى الله عليه وسلم، وبعد:

އިޝްތިހާރު Below Header ad

މާބަނޑު އަންހެނުންނަކީވެސް އެހެން މީހުން ފަދައިން ރޯދަ ހިފަން ޖެހޭ މީހެކެވެ. ނަމަވެސް އެކަމަނާގެ އަމިއްލަ ނަފްސަށް ނުވަތަ ބަނޑުގައިވާ ދަރިފުޅަށް ގެއްލުމެއް ވެދާނެ ކަމަށް ބިރުގަންފިނަމަ ރޯދަ ދޫކޮށްލުން ހުއްދަވެގެންވެއެވެ. (وَعَلَى الَّذِينَ يُطِيقُونَهُ فِدْيَةٌ طَعَامُ مِسْكِين) މި އާޔަތުގެ ތަފްސީރުގައި އިބްނު ޢައްބާސް- ރަޟިޔަﷲ ޢަންހު- ވިދާޅުވެފައިވެއެވެ.

“މިއާޔަތުގައި މިވަނީ މުސްކުޅިންނާއި ބަލި މީހުންނަށް ރުޚްޞަތެއް ދެއްވާފައެވެ. އެމީހުންނަށް ރޯދަ ހިފުމުގެ ކުޅަދާނަކަން ލިބިގެން ނުވާ ނަމަ ރޯދަ ދޫކޮށްލުމަށް ފަހު ކޮންމެ ރޯދަ އަކަށް މިސްކީނަކަށް ކާންދޭނީއެވެ. ކިރުމައި މީހާ އާއި މާބަނޑު އަންހެނުންވެސް އެކަނބަލުންގެ ދަރިފުޅަށް ގެއްލުމެއް ވެދާނެކަމަށް ބިރުން ރޯދަ ދޫކޮށްލައިފިނަމަ އެރޯދައިގެ ބަދަލުގައި މިސްކީނަކަށް ކާންދޭނީއެވެ”.

މާބަނޑު އަންހެނުން ބައެއް ފަހަރު ރޯދަ ވިއްލުން ހުއްދަވެގެންވާ ޙާލަތު އާދެއެވެ. އަދި އަނެއްބައި ފަހަރު ރޯދަ ވިއްލުން ވާޖިބު ވެގެންވާ ޙާލަތު އާދެއެވެ. އަދި އަނެއްބައި ފަހަރު ރޯދަ ވިއްލުން ޙަރާމް ވެގެންވާ ޙާލަތުވެސް އާދެއެވެ. އެކަމުގެ ތަފްޞީލް ތިރީގައި މިވަނީއެވެ.

ރޯދަ އަށް ހުރުމުގެ ސަބަބުން މާބަނޑު އަންހެނާ އަށް އުނދަގޫވާނަމަ، ދަރިފުޅަށް ގެއްލުމެއް ނުވީނަމަވެސް ރޯދަ ދޫކޮށްލުން ހުއްދަވެގެންވެއެވެ.

ރޯދަ އަށް ހުރުމުގެ ސަބަބުން މާބަނޑު އަންހެނާ އަށް ނުވަތަ ބަނޑުގައިވާ ދަރިފުޅަށް ގެއްލުމެއް ވެދާނެކަމަށް ބިރު ހީވެއްޖެނަމަ ރޯދަ ދޫކޮށްލުން ވާޖިބު ވެގެންވެއެވެ.

ރޯދަ އަށް ހުރުމުން އެއްވެސް ކަހަލަ އުނދަގުލެއް ނުވާނަމަ ރޯދަ ދޫކޮށްލުން ޙަރާމްވެގެންވެއެވެ.

ފަޟީލަތުއް ޝައިޚް ބިން ބާޒް -ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ.

“މާބަނޑު އަންހެނުންނާއި ކިރުމައިންގެ ޙުކުމަކީ ބަލި މީހުންގެ ޙުކުމެވެ. ރޯދަ އަށް ނުހުރެވޭ ވަރުވެއްޖެނަމަ ރޯދަ ދޫކޮށްލާނީއެވެ. އަދި ގެއްލުނު ރޯދަތައް އެހެން ދުވަސްތަކެއްގައި ގަޟާ ކުރާނީއެވެ. ބައެއް ޢިލްމުވެރިން ދެކިލައްވާ ގޮތުގައި އެރޯދަ ގަޟާ ކުރާކަށް ނުޖެހެއެވެ. އޭގެ ބަދަލުގައި މިސްކީނަކަށް ކާން ދިނުމުން ފުދޭނެއެވެ. ނަމަވެސް އެއީ މަރްޖޫޙު ބަލިކަށި ރައުޔެކެވެ.

ރަގަޅު ގޮތަކީ ދަތުރުވެރިންނާއި ބަލިމީހުން ފަދައިން މާބަނޑު އަންހެނުންނާއި ކިރުމައިންވެސް ރޯދަ ގަޟާ ކުރަން ޖެހޭނެ ކަމެވެ. ސޫރަތުލް ބަގަރާގެ 184 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވަނީ މިފަދައިންނެވެ. (فَمَن كَانَ مِنكُم مَّرِيضًا أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ) މާނައަކީ:

” ފަހެ، ތިޔަބައިމީހުންގެ ތެރެއިން ބަލިވެއުޅޭ މީހާ  ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ (رمضان މަހުގެ ރޯދަ ދޫކޮށްލައިފިނަމަ) އެހެން ދުވަސްތަކަކުން އެ عدد ހަމަކުރުން ހުށްޓެވެ”. މިކަމަށް ދަލީލު ލިބޭ އަނެއް ދަލީލަކީ އަނަސް ބިން މާލިކުލް ކަޢްބީ- ރަޟިޔަﷲ ޢަންހު- ގެ ރިވާޔަތެވެ. (إِنَّ اللَّهَ وَضَعَ عَنِ الْمُسَافِرِ الصَّوْمَ وَشَطْرَ الصَّلاَةِ ، وَعَنِ الْحُبْلَى وَالْمُرْضِعِ )މާނައަކީ: “ހަމަކަށަވަރުން ދަތުރުވެރިންނަށް ރޯދަ އާއި ނަމާދުގެ ދެބައިކުޅަ އެއްބައި މާތް ﷲ ލުއިކޮށްދެއްވައިފިއެވެ. ހަމައެފަދައިން ބަނޑު ބޮޑު އަންހެނުންނާއި ކިރުމައިންނެވެ”. والله أعلم

ޖަވާބު ދެއްވީ: ޑރ. މުޙައްމަދު ޢީޔާޟު ޢަބަދުއްލަޠީފު

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.