ކަހަފް ސޫރަތް (4)

الشيخ زمزم فارس 22 އެޕްރީލް 2017 އާ ގުޅޭ

وَمَنْ أَظْلَمُ مِمَّن ذُكِّرَ‌ بِآيَاتِ رَ‌بِّهِ فَأَعْرَ‌ضَ عَنْهَا وَنَسِيَ مَا قَدَّمَتْ يَدَاهُ ۚ إِنَّا جَعَلْنَا عَلَىٰ قُلُوبِهِمْ أَكِنَّةً أَن يَفْقَهُوهُ وَفِي آذَانِهِمْ وَقْرً‌ا ۖ وَإِن تَدْعُهُمْ إِلَى الْهُدَىٰ فَلَن يَهْتَدُوا إِذًا أَبَدًا ﴿٥٧﴾

އަދި އެމީހެއްގެ ވެރިރަސްކަލާނގެ އާޔަތްތަކުން އެމީހަކަށް ހަނދާންކޮށްދެއްވުމުން ، އެ އާޔަތްތަކަށް ފުރަގަސްދީ، އެއްކިބާވެ ، އަދި އޭނާ ކޮށްފައިވާ ޢަމަލުތައް ހަނދާންނައްތާލި މީހާއަށްވުރެ އަނިޔާވެރިކަންބޮޑީ ފަހެ ، ކާކުހެއްޔެވެ؟ ހަމަކަށަވަރުން ، ތިމަންރަސްކަލާނގެ އެއުރެންނަށް އެ ޤުރްއާން ވިސްނުމަށް ހުރަސްއަޅާ ހުރަސްތަކެއް ، އެއުރެންގެ ހިތްތަކުގައި ލެއްވީމެވެ. އަދި އެއުރެންގެ ކަންފަތްތަކުގައި ބީރުކަމެއް ލެއްވީމެވެ. އަދި ކަލޭގެފާނު އެއުރެންނަށް ތެދުމަގަށް ގޮވައިލެއްވި ނަމަވެސް ، އެއުރެންނަށް ދުވަހަކުވެސް ތެދުމަގެއް ނުލިބޭނެތެވެ.

އިޝްތިހާރު Below Header ad

وَرَ‌بُّكَ الْغَفُورُ‌ ذُو الرَّ‌حْمَةِ ۖ لَوْ يُؤَاخِذُهُم بِمَا كَسَبُوا لَعَجَّلَ لَهُمُ الْعَذَابَ ۚ بَل لَّهُم مَّوْعِدٌ لَّن يَجِدُوا مِن دُونِهِ مَوْئِلًا ﴿٥٨﴾

އަދި ކަލޭގެފާނުގެ ރައްބަކީ ، ގިނަގިނައިން ފާފަފުއްސަވާ ، ރަޙްމަތުގެ ވެރިރަސްކަލާނގެއެވެ. އެއުރެންގެ ފާފަތަކުގެ ސަބަބުން އެކަލާނގެ އެއުރެން ހިއްޕަވާ ކަމުގައިވީނަމަ، އެއުރެންނަށް ޢަޛާބު އަވަސްކުރެއްވީސްކަން ކަށަވަރެވެ. (އަދި) ކިއެއްހެއްޔެވެ! އެއުރެންނަށް ކަނޑައެޅިގެންވާ ވަކިވަގުތެއް ވެއެވެ. اللّه ފިޔަވައި އެޢަޛާބުން ސަލާމަތްކޮށްދޭނޭ އެހެންތަނެއް އެއުރެންނަކަށް ނުވާނެއެވެ.

وَتِلْكَ الْقُرَ‌ىٰ أَهْلَكْنَاهُمْ لَمَّا ظَلَمُوا وَجَعَلْنَا لِمَهْلِكِهِم مَّوْعِدًا ﴿٥٩﴾

އަދި އެއީ އެރަށްތަކެވެ! (އެރަށްތަކުގެ އަހުލުވެރިން) އަނިޔާވެރިވީ ހިނދު ، ތިމަންރަސްކަލާނގެ އެއުރެން ހަލާކުކުރެއްވީމުއެވެ. އަދި އެއުރެން ހަލާކުވެދިއުމަށް ކަނޑައެޅިގެންވާ ވަގުތެއް ތިމަންރަސްކަލާނގެ ލެއްވީމެވެ.

وَإِذْ قَالَ مُوسَىٰ لِفَتَاهُ لَا أَبْرَ‌حُ حَتَّىٰ أَبْلُغَ مَجْمَعَ الْبَحْرَ‌يْنِ أَوْ أَمْضِيَ حُقُبًا ﴿٦٠﴾

އަދި މޫސާގެފާނު އެކަލޭގެފާނުގެ (އަރިހުގައިވި) ޒުވާނާއަށް: “ދެކަނޑު ގުޅުނު ހިސާބަށް ތިމަންކަލޭގެފާނު ފޯރައްޖައުމަށް ދާންދެން ، ނުވަތަ ޒަމާންތަކެއް ވޭތިކުރައްވައިފުމަށްދާންދެން (ހިންގެވުން) ދުލެއް ނުކުރައްވާހުށީމެވެ” ، ވިދާޅުވިހިނދު ހަނދުމަފުޅުކުރާށެވެ!

فَلَمَّا بَلَغَا مَجْمَعَ بَيْنِهِمَا نَسِيَا حُوتَهُمَا فَاتَّخَذَ سَبِيلَهُ فِي الْبَحْرِ‌ سَرَ‌بًا ﴿٦١﴾

ފަހެ ، އެ ދެކަނޑު ދެމެދު ގުޅުނު ހިސާބަށް އެ ދެކަލުންނަށް ދެވުނު ހިނދު ، އެ ދެކަލުންނާ (އެކުގައި ގެންދެވި ލޮނުއެޅި) މަހުގެ މަތިން އެ ދެކަލުން ހަނދުމަފުޅު ނެތިއްޖެއެވެ. ފަހެ (އޭރު) އެ މަސް ހަނިހަނި މަގަކުންލައިގެން ކަނޑުގެ ތެރެއަށް ހިނގައްޖެއެވެ.

فَلَمَّا جَاوَزَا قَالَ لِفَتَاهُ آتِنَا غَدَاءَنَا لَقَدْ لَقِينَا مِن سَفَرِ‌نَا هَـٰذَا نَصَبًا ﴿٦٢﴾

ފަހެ ، އެ ދެކަލުން (އެތަން) ފަހަނަޅައި ވަޑައިގެންނެވި ހިނދު ، އެކަލޭގެފާނުގެ އަރިހުގައިވި ޒުވާނާއަށް އެކަލޭގެފާނު ވިދާޅުވިއެވެ: “ތިމަންމެންގެ ދުވާލުގެ ކެއުން ގެނެސްދޭށެވެ! ހަމަކަށަވަރުން ، ތިމަންމެންގެ މި ދަތުރުން ތިމަންމެންނަށް ވަރަށްބޮޑު ވަރުބަލިކަމެއް ލިބިއްޖެއެވެ”.

قَالَ أَرَ‌أَيْتَ إِذْ أَوَيْنَا إِلَى الصَّخْرَ‌ةِ فَإِنِّي نَسِيتُ الْحُوتَ وَمَا أَنسَانِيهُ إِلَّا الشَّيْطَانُ أَنْ أَذْكُرَ‌هُ ۚ وَاتَّخَذَ سَبِيلَهُ فِي الْبَحْرِ‌ عَجَبًا ﴿٦٣﴾

އަރިހުގައިވި އެޒުވާނާ ދެންނެވިއެވެ: “ކަލޭގެފާނަށް އެނގިވަޑައިގެންވޭތޯއެވެ! ހިލައިގެ މަތީގައި ތިމަންމެން މަޑުކޮށްލި ހިނދު ، ތިމަން އެ މަހުގެ މަތިން ހަނދާން ނެތުނީއެވެ. އަދި އެ މަހުގެ (ކަންތައް ހިނގައިދިޔަގޮތް) ދަންނަވަން ހަނދާންނެތިކޮށްލީ ، ޝައިޠާނާ ފިޔަވައި އެހެން އެއްޗެއް ނޫނެވެ. އަދި އެ މަސް ޢަޖައިބެއް ފަދަ ގޮތަކަށް ކަނޑުގެ ތެރެއިން އޭގެމަގު ހޯދައިގެން ހިނގައްޖެއެވެ.

قَالَ ذَٰلِكَ مَا كُنَّا نَبْغِ ۚ فَارْ‌تَدَّا عَلَىٰ آثَارِ‌هِمَا قَصَصًا ﴿٦٤﴾

އެކަލޭގެފާނު ވިދާޅުވިއެވެ: “ތިމަންމެން ބޭނުންވެގެން މިއުޅެނީ އެތަނެވެ”. ފަހެ ، އެ ދެކަލުންގެ ފިޔަވަޅު ބައްލަވަމުން އެ ދެކަލުން އެނބުރި ފަހަތަށް ވަޑައިގެންފިއެވެ.

فَوَجَدَا عَبْدًا مِّنْ عِبَادِنَا آتَيْنَاهُ رَ‌حْمَةً مِّنْ عِندِنَا وَعَلَّمْنَاهُ مِن لَّدُنَّا عِلْمًا ﴿٦٥﴾

ފަހެ ، (އެތަނުން) އެދެކަލުންނަށް ތިމަންރަސްކަލާނގެ އަޅުންގެ ތެރެއިން އަޅަކު ( ޚިޟްރު ޢަލައިހިއްސަލާމް) ފެނިވަޑައިގަތެވެ. އެބޭކަލަކަށް ތިމަންރަސްކަލާނގެ ޙަޟްރަތުން ރަޙްމަތެއް ދެއްވީމެވެ. އަދި އެބޭކަލަކަށް ތިމަންރަސްކަލާނގެ ޙަޟްރަތުން މަތިވެރި ޢިލްމެއް އުނގަންނަވައި ދެއްވީމެވެ.

قَالَ لَهُ مُوسَىٰ هَلْ أَتَّبِعُكَ عَلَىٰ أَن تُعَلِّمَنِ مِمَّا عُلِّمْتَ رُ‌شْدًا ﴿٦٦﴾

އެބޭކަލަކަށް މޫސާގެފާނު ދެންނެވިއެވެ: “ކަލޭގެފާނަށް ދެއްވާފައިވާ ޢިލްމުން ތިމަންކަލޭގެފާނަށް އުނގަންނަވައި ދެއްވާނެކަމަށް ، ކަލޭގެފާނަށް ތިމަންކަލޭގެފާނު ތަބާ ވަންތޯއެވެ؟”

قَالَ إِنَّكَ لَن تَسْتَطِيعَ مَعِيَ صَبْرً‌ا ﴿٦٧﴾

އެބޭކަލަކު ވިދާޅުވިއެވެ: “ހަމަކަށަވަރުން ، ކަލޭގެފާނަކަށް ތިމަންކަލޭގެފާނާ އެކުގައި ކެތްކުރެއްވުމަކަށް ކުޅަދާނަފުޅެއް ނުވާނެތެވެ!

وَكَيْفَ تَصْبِرُ‌ عَلَىٰ مَا لَمْ تُحِطْ بِهِ خُبْرً‌ا ﴿٦٨﴾

އަދި ކަލޭގެފާނަށް އެކަމެއްގެ ޙަޤީޤަތް އެނގިވަޑައިނުގަންނަވާ ކަމެއްގެ މައްޗަށް ކަލޭގެފާނަށް ކެތްކުރެއްވޭނީ ފަހެ، ކޮންފަދައަކުންތޯއެވެ؟”

قَالَ سَتَجِدُنِي إِن شَاءَ اللَّـهُ صَابِرً‌ا وَلَا أَعْصِي لَكَ أَمْرً‌ا ﴿٦٩﴾

އެކަލޭގެފާނު ވިދާޅުވިއެވެ: “اللّه އިރާދަކުރެއްވިއްޔާ ، ތިމަންކަލޭގެފާނީ ކެތްތެރިޔަކުކަމުގައި ކަލޭގެފާނު ދެކެވަޑައިގަންނަވާނެއެވެ. އަދި އެއްވެސް އަމުރަކަށް ކަލޭގެފާނަށް ތިމަންކަލޭގެފާނު ނުކިޔަމަންތެރިވެވަޑައެއް ނުގަންނަވާނަމެވެ”.

قَالَ فَإِنِ اتَّبَعْتَنِي فَلَا تَسْأَلْنِي عَن شَيْءٍ حَتَّىٰ أُحْدِثَ لَكَ مِنْهُ ذِكْرً‌ا ﴿٧٠﴾

އެބޭކަލަކު ވިދާޅުވިއެވެ: “ފަހެ ، ކަލޭގެފާނު ތިމަންކަލޭގެފާނާއެކު ވަޑައިގަންނަވަނީނަމަ ، އެކަމެއްގެ ވާހަކައިން ތިމަންކަލޭގެފާނު ކަލޭގެފާނަށް ބަޔާންކޮށްދެއްވައިފުމަށް ދާންދެން އެއިން އެއްވެސް ކަމަކާ ދޭތެރޭ ތިމަންކަލޭގެފާނާ ސުވާލު ނުކުރައްވާހުށިކަމެވެ!”

فَانطَلَقَا حَتَّىٰ إِذَا رَ‌كِبَا فِي السَّفِينَةِ خَرَ‌قَهَا ۖ قَالَ أَخَرَ‌قْتَهَا لِتُغْرِ‌قَ أَهْلَهَا لَقَدْ جِئْتَ شَيْئًا إِمْرً‌ا ﴿٧١﴾

ފަހެ ، އެ ދެބޭކަލުން ކުރިޔަށްވަޑައިގެން ، ނަވަށް އަރައިވަޑައިގެންނެވި ހިނދު ، އެބޭކަލަކު އެ ނައު ފޫދުއްވާލައްވައިފިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ: “ކަލޭގެފާނު އެ ނައު ތިޔަ ފޫދުއްވާލެއްވީ އޭގެ އަހުލުވެރިން ޣަރަޤު ކޮށްލެއްވުމަށްތޯއެވެ؟ ހަމަކަށަވަރުން ، ކަލޭގެފާނު ތިޔަކުރެއްވީ ބޮޑުވެގެންވާ ނުބައިކަމެކެވެ”.

قَالَ أَلَمْ أَقُلْ إِنَّكَ لَن تَسْتَطِيعَ مَعِيَ صَبْرً‌ا ﴿٧٢﴾

އެބޭކަލަކު ވިދާޅުވިއެވެ: “ހަމަކަށަވަރުން ، ތިމަންކަލޭގެފާނާ އެކުގައި ކަލޭގެފާނަށް ކެތްކުރެއްވުމަކަށް ކުޅަދާނައެއް ނުވާނެއޭ ތިމަންކަލޭގެފާނު ނުދަންނަވަންތޯއެވެ؟”

قَالَ لَا تُؤَاخِذْنِي بِمَا نَسِيتُ وَلَا تُرْ‌هِقْنِي مِنْ أَمْرِ‌ي عُسْرً‌ا ﴿٧٣﴾

އެކަލޭގެފާނު ވިދާޅުވިއެވެ: “ތިމަންކަލޭގެފާނު ހަނދުމަފުޅުނެތުން ކަލޭގެފާނު ، ކަމަކަށް ނުހައްދަވާށެވެ! އަދި ތިމަންކަލޭގެފާނުގެ (މި) ކަންތަކުގައި ދަތިކަމެއް ، އުނދަގުލެއް ނުޖައްސަވާށެވެ!”.

فَانطَلَقَا حَتَّىٰ إِذَا لَقِيَا غُلَامًا فَقَتَلَهُ قَالَ أَقَتَلْتَ نَفْسًا زَكِيَّةً بِغَيْرِ‌ نَفْسٍ لَّقَدْ جِئْتَ شَيْئًا نُّكْرً‌ا ﴿٧٤﴾

ފަހެ ، އެދެބޭކަލުން ކުރިޔަށް ވަޑައިގަންނަވަނިކޮށް ، ކުޑަފިރިހެން ކުއްޖަކާ ބައްދަލުވެވަޑައިގެންނެވި ހިނދު ، އެބޭކަލަކު އެކުއްޖާ ޤަތުލުކުރައްވައިފިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ: “އެއްވެސް މީހަކު މަރާފައިނުވާ ، ކުށެއްނެތް ، ޠާހިރު ނަފްސެއް ، ކަލޭގެފާނު ތިޔަ ޤަތުލު ކުރެއްވީތޯއެވެ؟ ހަމަކަށަވަރުން ، ކަލޭގެފާނު ތިޔަކުރެއްވީ ވަރަށްބޮޑު މުންކަރާތެކެވެ”.

قَالَ أَلَمْ أَقُل لَّكَ إِنَّكَ لَن تَسْتَطِيعَ مَعِيَ صَبْرً‌ا ﴿٧٥﴾

އެބޭކަލަކު ވިދާޅުވިއެވެ: “ހަމަކަށަވަރުން ، ތިމަންކަލޭގެފާނާ އެކުގައި ކަލޭގެފާނަށް ކެތްކުރެއްވުމަކަށް ކުޅަދާނައެއް ނުވާނެއޭ ، ތިމަންކަލޭގެފާނު ކަލޭގެފާނަކަށް ނުދަންނަވަންތޯއެވެ؟”

قَالَ إِن سَأَلْتُكَ عَن شَيْءٍ بَعْدَهَا فَلَا تُصَاحِبْنِي ۖ قَدْ بَلَغْتَ مِن لَّدُنِّي عُذْرً‌ا ﴿٧٦﴾

އެކަލޭގެފާނު ވިދާޅުވިއެވެ: “މީގެފަހުން އެއްވެސް ކަމަކާމެދު ، ކަލޭގެފާނާ ތިމަންކަލޭގެފާނު ސުވާލު ކުރައްވައިފިނަމަ ، ކަލޭގެފާނާ އެކުގައި ތިމަންކަލޭގެފާނު ނުގެންދަވާށެވެ! ހަމަކަށަވަރުން ، ތިމަންކަލޭގެފާނުގެ ކިބައިން ކަލޭގެފާނަށް ޢުޛުރެއް ލިބިވަޑައިގެންފިއެވެ”.

فَانطَلَقَا حَتَّىٰ إِذَا أَتَيَا أَهْلَ قَرْ‌يَةٍ اسْتَطْعَمَا أَهْلَهَا فَأَبَوْا أَن يُضَيِّفُوهُمَا فَوَجَدَا فِيهَا جِدَارً‌ا يُرِ‌يدُ أَن يَنقَضَّ فَأَقَامَهُ ۖ قَالَ لَوْ شِئْتَ لَاتَّخَذْتَ عَلَيْهِ أَجْرً‌ا ﴿٧٧﴾

ފަހެ، އެ ދެބޭކަލުން ކުރިޔަށް ވަޑައިގަންނަވަމުން ، ރަށެއްގެ އަހުލުވެރިތަކަކާ ހަމަޔަށް ވަޑައިގެންނެވުނު ހިނދު ، އެރަށުގެ މީހުންގެ ކިބައިން ކާއެތިކޮޅަކަށް އެ ދެބޭކަލުން އެދިވަޑައިގަތެވެ. ފަހެ، އެއުރެން އެބޭކަލުންނަށް މެހުމާންދާރީ އަދާކުރުމަށް އިންކާރުކުރިއެވެ. ދެން ، އެރަށުތެރޭން ވެއްޓެން ކައިރިވެފައިވާ ފާރެއް އެ ދެބޭކަލުން ދެކެވަޑައިގަތެވެ. ދެން އެބޭކަލަކު އެ ފާރު ތެދުކުރައްވައި ކޮޅަށް ޖައްސަވައިފިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ: “ކަލޭގެފާނު ބޭނުންފުޅުނަމަ ، އެކަމަށް އުޖޫރައެއް ކަލޭގެފާނަށް ހިއްޕެވިދާނެއެވެ”.

قَالَ هَـٰذَا فِرَ‌اقُ بَيْنِي وَبَيْنِكَ ۚ سَأُنَبِّئُكَ بِتَأْوِيلِ مَا لَمْ تَسْتَطِع عَّلَيْهِ صَبْرً‌ا ﴿٧٨﴾

އެބޭކަލަކު ވިދާޅުވިއެވެ: “މިއީ ތިމަންކަލޭގެފާނާ ، ކަލޭގެފާނާ ދެމެދުގެ ވަކިވާ ފަހަރެވެ. ކަލޭގެފާނަށް އެކަންކަމުގެ މައްޗަށް ކެތްކުރެއްވުމަށް ކުޅަދާނަވެވަޑައިނުގެންނެވުނު ކަންތައްތަކުގެ ޚަބަރު ތިމަންކަލޭގެފާނު ، ކަލޭގެފާނަށް ކިޔައިދެއްވާ ހުށީމެވެ.

أَمَّا السَّفِينَةُ فَكَانَتْ لِمَسَاكِينَ يَعْمَلُونَ فِي الْبَحْرِ‌ فَأَرَ‌دتُّ أَنْ أَعِيبَهَا وَكَانَ وَرَ‌اءَهُم مَّلِكٌ يَأْخُذُ كُلَّ سَفِينَةٍ غَصْبًا ﴿٧٩﴾

އެ ނަވާ މެދު ދަންނައެވެ! ފަހެ ، އެ ނައުވީ ކަނޑުގައި މަސައްކަތްކޮށްއުޅޭ މިސްކީނު ބަޔެއްގެ ނަވަކަށެވެ. ފަހެ ، ތިމަންކަލޭގެފާނު އެ ނައު ހަލާކުކޮށްލެއްވުމަށް ގަޞްދުކުރެއްވީ (ސަލާމަތުންވާ) ކޮންމެ ނަވެއް ފޭރިގަންނަ ރަސްކަލަކު އެމީހުންގެ ފަހަތުގައިވާތީއެވެ.

وَأَمَّا الْغُلَامُ فَكَانَ أَبَوَاهُ مُؤْمِنَيْنِ فَخَشِينَا أَن يُرْ‌هِقَهُمَا طُغْيَانًا وَكُفْرً‌ا ﴿٨٠﴾

އަދި އެ ފިރިހެން ކުއްޖާއާ މެދު ދަންނައެވެ! ފަހެ ، އޭނާގެ މައިންބަފައިންވީ ދެ މުއުމިނުން ކަމުގައެވެ. ފަހެ ، (އެދެމަފިރިންގެ ހިތުގައި އެކުއްޖާއަށް ޖެހިފައިވާ ލޯތްބެއްގެ ސަބަބުން އެކުއްޖާ މާތް اللّه އަށް ކާފިރުވުމަށް ފަހުގައި އެކުއްޖާގެ ސަބަބުން) އެދެމަފިރިން (ވެސް) اللّه އަށް އުރެދި ކާފިރުވެދާނެތީ ތިމަންކަލޭގެފާނު ބިރުގަތީއެވެ.

ނުނިމޭ…

ކުރީގެބައި ވިދާޅުވުމަށް……..

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.