ކަހަފް ސޫރަތް (3)

الشيخ زمزم فارس 21 އެޕްރީލް 2017 އާ ގުޅޭ

وَدَخَلَ جَنَّتَهُ وَهُوَ ظَالِمٌ لِّنَفْسِهِ قَالَ مَا أَظُنُّ أَن تَبِيدَ هَـٰذِهِ أَبَدًا ﴿٣٥﴾

އަދި އޭނާގެ އަމިއްލަ ނަފްސަށް އަނިޔާވެރިވެގެންވާ ޙާލު، އޭނާގެ ބަގީޗާއަށް ވަދެ ބުންޏެވެ: “ދުވަހަކުވެސް މިތަކެތި ހަލާކުވެ ފަނާވެދާނެކަމަށް އަހުރެން ހީއެއް [1]  ނުކުރަމެވެ.

އިޝްތިހާރު Below Header ad

وَمَا أَظُنُّ السَّاعَةَ قَائِمَةً وَلَئِن رُّ‌دِدتُّ إِلَىٰ رَ‌بِّي لَأَجِدَنَّ خَيْرً‌ا مِّنْهَا مُنقَلَبًا ﴿٣٦﴾

އަދި ޤިޔާމަތް ވާނޭ ކަމަކަށްވެސް އަހުރެން ހީއެއް ނުކުރަމެވެ. އަދި އަހުރެންގެ ރައްބުގެ ޙަޟްރަތަށް އަހުރެން އަނބުރާ ގެންދެވުނަސް މިއަށްވުރެ ރަނގަޅުގޮތް ، އަހުރެންނަށް ފެންނާނެކަން ކަށަވަރެވެ.

قَالَ لَهُ صَاحِبُهُ وَهُوَ يُحَاوِرُ‌هُ أَكَفَرْ‌تَ بِالَّذِي خَلَقَكَ مِن تُرَ‌ابٍ ثُمَّ مِن نُّطْفَةٍ ثُمَّ سَوَّاكَ رَ‌جُلًا ﴿٣٧﴾

(ޖަވާބުގައި) އޭނާގެ އެކުވެރިޔާ އޭނާއާ ވާހަކަދައްކަމުން އޭނާއަށް ބުންޏެވެ: “ވެލިން ކަލޭ ހައްދަވައި (އެބަހީ: ކަލޭގެ ބައްޕަ ކަމުގައިވާ އާދަމްގެފާނު ހައްދަވައި) ދެން އެއަށްފަހު މަނިފޮދަކުން ކަލޭ ހައްދަވައި ދެން އެއަށްފަހު ފުރިހަމަ ފިރިހެނަކަށް ކަލޭ ހެއްދެވި ރަސްކަލާނގެއަށް ކަލޭ ކާފިރުވީ ހެއްޔެވެ؟!!

لَّـٰكِنَّا هُوَ اللَّـهُ رَ‌بِّي وَلَا أُشْرِ‌كُ بِرَ‌بِّي أَحَدًا ﴿٣٨﴾

އެހެނެއްކަމަކު، އެއީ اللّه އެވެ. އަހުރެންގެ ރައްބުއެވެ. އަދި އަހުރެންގެ ރައްބާ އެއްވެސް ފަރާތެއް އަހުރެން ޝަރީކެއް ނުކުރަމެވެ.

[1] – ނޯޓް: މިތަނުގައި “ހީއެއް” ބޭނުންކޮށްފައި އެވަނީ “ޤަބޫލެއް” ގެ މާނައިގައެވެ. (މިޘާލަކަށް:  ކަމެއް ވާނެކަމަށް ޤަބޫލު ނުކޮށް ހުއްޓައި އެކަމެއް ވުމުން ދިވެހިން ބުނާހެން : “މިކަން ވާނެކަމަށް އަހަރެން ހީވެސް ނުކުރަމެވެ” ).

وَلَوْلَا إِذْ دَخَلْتَ جَنَّتَكَ قُلْتَ مَا شَاءَ اللَّـهُ لَا قُوَّةَ إِلَّا بِاللَّـهِ ۚ إِن تَرَ‌نِ أَنَا أَقَلَّ مِنكَ مَالًا وَوَلَدًا ﴿٣٩﴾

އަދި ކަލޭގެ ބަގީޗާއަށް ، ކަލޭ ވަންހިނދު ، (ޝުކުރު ކުރުމުގެގޮތުން: “މިއީ ތިމަންނާއަށް) اللّهއިރާދަކޮށްދެއްވި ނިޢުމަތެއް ކަމުގައާއި އަދި މިތަކެތި ޙާޞިލްކުރުމުގައި އެއްވެސް ބާރެއް اللّه ގެ ޙަޟްރަތުން މެނުވީ ލިބިގެން ނުވޭ” ބުނިނަމަ ކޮންފަދަ ހެއްޔެވެ! – ކަލެޔަށްވުރެ އަހުރެންގެ މުދަލާއި ދަރިން މަދުކަމުގައި ކަލެޔަށް ފެނުނު ކަމުގައި ވިޔަސްމެއެވެ. —

فَعَسَىٰ رَ‌بِّي أَن يُؤْتِيَنِ خَيْرً‌ا مِّن جَنَّتِكَ وَيُرْ‌سِلَ عَلَيْهَا حُسْبَانًا مِّنَ السَّمَاءِ فَتُصْبِحَ صَعِيدًا زَلَقًا ﴿٤٠﴾

— ފަހެ، ކަލޭގެ ބަގީޗާއަށްވުރެ މާހެޔޮވެގެންވާ ބަގީޗާއެއް އަހުރެންގެ ރައްބު އަހުރެންނަށް ދެއްވަފާނެތެވެ! އަދި (ކިބުރުވެރިކަމާއި ނިޢުމަތަށް ޝުކުރުވެރި ނުވުމުގެ ނަތީޖާއެއްގެ ގޮތުން) ކަލޭގެ އެ ބަގީޗާގެ މައްޗަށް އެކަލާނގެ އުޑުން އާފާތެއް ފޮނުއްވަފާނެތެވެ. އެހިނދުން ، (އެންމެ ގަހެއްވެސް ހަރުނުލާ ފަދަ) ކައްސާ އޮމާން ބިމަކަށް އެތަން ވެދާނެތެވެ.

أَوْ يُصْبِحَ مَاؤُهَا غَوْرً‌ا فَلَن تَسْتَطِيعَ لَهُ طَلَبًا ﴿٤١﴾

ނުވަތަ ، އެތާނގެ ފެން ، ބިންގަނޑުގެ ތެރެޔަށް އަޑިޔަށް ހިނދިގެން ހިނގައިދާނެތެވެ. ދެން އެ ފެން އަނބުރާ އަތުލުމަކަށް ކަލެޔަކަށް ކުޅަދާނަވެގެނެއް ނުވާނެތެވެ”.

وَأُحِيطَ بِثَمَرِ‌هِ فَأَصْبَحَ يُقَلِّبُ كَفَّيْهِ عَلَىٰ مَا أَنفَقَ فِيهَا وَهِيَ خَاوِيَةٌ عَلَىٰ عُرُ‌وشِهَا وَيَقُولُ يَا لَيْتَنِي لَمْ أُشْرِ‌كْ بِرَ‌بِّي أَحَدًا ﴿٤٢﴾

އަދި (ޢަޛާބެއް ފޮނުއްވާ) އޭނާގެ މޭވާތައް ވަށާލެވުނެވެ. (އޭނާގެ މޭވާތައް ބަގީޗާއާއެކު ، އެކީއެކައްޗަކަށް ހަލާކުވެ ނެތި ހިނގައްޖެއެވެ). އެބަގީޗާ ތެރޭގައިވީ އެންމެހާ ތަކެތި އެކަތިއަނެކެތީގެ މައްޗަށް ވެއްޓި (މުޅި ބަގީޗާ ސުންނާފަތިވެފައިވާ މަންޒަރު ފެނި) އަދި ބަގީޗާ ހެއްދުމަށް އޭނާކުޅަ ހޭދައާއި ޚަރަދުތަކުގެ މައްޗަށް (ހިތާމަކުރާ ޙާލު) ، ދެއަތް ފުރޮޅަފުރޮޅައިހުރެ ބުނެތެވެ: “އޭ ސަހަރޯއެވެ! އަހުރެންގެ ރައްބާ އެކަކުވެސް އަހުރެން ޝަރީކު ނުކުރިނަމަ، ކިހާ ރަނގަޅުވީސް ހެއްޔެވެ”.

وَلَمْ تَكُن لَّهُ فِئَةٌ يَنصُرُ‌ونَهُ مِن دُونِ اللَّـهِ وَمَا كَانَ مُنتَصِرً‌ا ﴿٤٣﴾

އަދި اللّه ފިޔަވައި ، އޭނާއަށް އެހީތެރިވެދޭނޭ ބަޔަކު އޭނާއަކަށް ނުވިއެވެ. އަދި އޭނާއަށް ކުރިމަތިވި މުޞީބާތް ހުއްޓުވައި (މަނާކުރެވޭނެ) މީހަކު ކަމުގައި ޚުދު އޭނާވެސް ނުވިއެވެ.

هُنَالِكَ الْوَلَايَةُ لِلَّـهِ الْحَقِّ ۚ هُوَ خَيْرٌ‌ ثَوَابًا وَخَيْرٌ‌ عُقْبًا ﴿٤٤﴾

އެތާނގައި (އެފަދަ ޙާލަތްތަކުގައި) އެހީތެރިކަމާއި މަދަދު ދެއްވުން މިލްކުވެވޮޑިގެންވަނީ ހަމައެކަނި ، ޙައްޤުވަންތަ اللّه އަށެވެ. އެކަލާނގެއީ، ޘަވާބު ދެއްވުމުގަޔާއި އެންމެފަހުގެ ނިމުން ދެއްކެވުމުގައި ، އެންމެހެޔޮ ރަސްކަލާނގެއެވެ.

وَاضْرِ‌بْ لَهُم مَّثَلَ الْحَيَاةِ الدُّنْيَا كَمَاءٍ أَنزَلْنَاهُ مِنَ السَّمَاءِ فَاخْتَلَطَ بِهِ نَبَاتُ الْأَرْ‌ضِ فَأَصْبَحَ هَشِيمًا تَذْرُ‌وهُ الرِّ‌يَاحُ ۗ وَكَانَ اللَّـهُ عَلَىٰ كُلِّ شَيْءٍ مُّقْتَدِرً‌ا ﴿٤٥﴾

އަދި ކަލޭގެފާނު އެއުރެންނަށް ދުނިޔޭގެ ދިރިއުޅުމުގެ މިޘާލު ޖައްސަވައިދެއްވާށެވެ! ތިމަންރަސްކަލާނގެ އުޑުންވެއްސެވި ފެނެއްގެ މިޘާލެވެ. ދެން ބިމުގެ ގަސްތައް އެ ފެނާއެކުވެ (ތާޒާކަންލިބި ހެދިގަތުމަށްފަހު) ، ވަޔާ ބުރައިގެންދާ ހިކި ކުނޑިތަކަކަށް ވެދެއެވެ. ފަހެ، ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ކަލަކުކަމުގައި اللّه ވޮޑިގެންވެއެވެ.

الْمَالُ وَالْبَنُونَ زِينَةُ الْحَيَاةِ الدُّنْيَا ۖ وَالْبَاقِيَاتُ الصَّالِحَاتُ خَيْرٌ‌ عِندَ رَ‌بِّكَ ثَوَابًا وَخَيْرٌ‌ أَمَلًا ﴿٤٦﴾

މުދަލާއި ދަރިންނަކީ ދުނިޔޭގެ ދިރިއުޅުމުގެ ޒީނަތްތެރިކަމެވެ. އަދި ދެމިހުންނަނިވި ޞާލިޙު ޢަމަލުތައް ، ކަލޭގެފާނުގެ ރައްބުގެ ޙަޟްރަތުގައިވާ، ޘަވާބުގެގޮތުން މާހެޔޮކަން ބޮޑެވެ. އަދި ކުރެވޭ އުންމީދެއްގެ ގޮތުންވެސް މާހެޔޮކަން ބޮޑުމެއެވެ.

وَيَوْمَ نُسَيِّرُ‌ الْجِبَالَ وَتَرَ‌ى الْأَرْ‌ضَ بَارِ‌زَةً وَحَشَرْ‌نَاهُمْ فَلَمْ نُغَادِرْ‌ مِنْهُمْ أَحَدًا ﴿٤٧﴾

އަދި ތިމަންރަސްކަލާނގެ ފަރުބަދަތައް ވިއްސިވިހާލިކޮށްލައްވާ ދުވަހުގެ މަތިން ހަނދުމަފުޅުކުރައްވާށެވެ! އަދި (އެދުވަހުން) ބިންގަނޑު (ހާމަވެ) ފާޅުވެގެންވާތީ ކަލޭގެފާނު ދެކޭނެތެވެ. އަދި ތިމަންރަސްކަލާނގެ އެއުރެން މަޙްޝަރު ކުރައްވާހުށީމެވެ. ފަހެ ، އޭގެތެރެއިން ހަމައެކަކުވެސް ދޫނުކުރައްވާހުށީމެވެ.

وَعُرِ‌ضُوا عَلَىٰ رَ‌بِّكَ صَفًّا لَّقَدْ جِئْتُمُونَا كَمَا خَلَقْنَاكُمْ أَوَّلَ مَرَّ‌ةٍ ۚ بَلْ زَعَمْتُمْ أَلَّن نَّجْعَلَ لَكُم مَّوْعِدًا ﴿٤٨﴾

އަދި ކަލޭގެފާނުގެ ރައްބުގެ ޙަޟްރަތަށް ސަފުސަފަށް އެއުރެން ހުށަހެޅޭނެތެވެ. (އަދި އެއުރެންނަށް ވަޙީ އިއްވޭނެތެވެ): “ތިމަންރަސްކަލާނގެ އެންމެ ފުރަތަމަ ފަހަރު ތިޔަބައިމީހުން ހެއްދެވިފަދައިން ، ހަމަކަށަވަރުން ، ތިމަންރަސްކަލާނގެ ޙަޟްރަތަށް ތިޔަބައިމީހުން އަތުވެއްޖައީމުއެވެ. އަދި ކީއްހެއްޔެވެ! ތިޔަބައިމީހުން ދައުވާކުރީ (މަޙްޝަރު ކުރެއްވުމަށް) ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ވަގުތެއް ކަނޑަނާޅުއްވާނޭކަމަށެވެ”.

وَوُضِعَ الْكِتَابُ فَتَرَ‌ى الْمُجْرِ‌مِينَ مُشْفِقِينَ مِمَّا فِيهِ وَيَقُولُونَ يَا وَيْلَتَنَا مَالِ هَـٰذَا الْكِتَابِ لَا يُغَادِرُ‌ صَغِيرَ‌ةً وَلَا كَبِيرَ‌ةً إِلَّا أَحْصَاهَا ۚ وَوَجَدُوا مَا عَمِلُوا حَاضِرً‌ا ۗ وَلَا يَظْلِمُ رَ‌بُّكَ أَحَدًا ﴿٤٩﴾

އަދި (ޢަމަލުތަކުގެ) ފަތް ބޭއްވޭނެތެވެ. ފަހެ ، އެ ފަތުގައިވާ ތަކެއްޗާ މެދު ، ކުށްވެރިން ބިރުގެންފައިވާތީ ކަލޭގެފާނަށް ފެނިވަޑައިގަންނަވާނެތެވެ. އަދި އެއުރެން ބުނާނެތެވެ: “އޭ ތިމަންމެންނަށްހުރި ހަލާކެއްގެ ބޮޑުކަމާއެވެ! މިއީ ކޮންފަދަ ފަތެއް ހެއްޔެވެ! ކިތަންމެ ކުޑަކަމެއްވެސް ، އަދި ބޮޑުކަމެއްވެސް ، ނުހިމަނައި މިފަތުގައި ދޫކޮށްލައިފައެއް ނެތެވެ”. އަދި އެއުރެންކުޅަ އެންމެހާ ޢަމަލުތައް އެ ފަތުގައިވާތީ ، އެއުރެން ދެކޭނެތެވެ. ފަހެ ، ކަލޭގެފާނުގެ ރައްބު އެއްވެސް މީހަކަށް އަނިޔާވެރިވެވޮޑިއެއް ނުގަންނަވާނެތެވެ.

وَإِذْ قُلْنَا لِلْمَلَائِكَةِ اسْجُدُوا لِآدَمَ فَسَجَدُوا إِلَّا إِبْلِيسَ كَانَ مِنَ الْجِنِّ فَفَسَقَ عَنْ أَمْرِ‌ رَ‌بِّهِ ۗ أَفَتَتَّخِذُونَهُ وَذُرِّ‌يَّتَهُ أَوْلِيَاءَ مِن دُونِي وَهُمْ لَكُمْ عَدُوٌّ ۚ بِئْسَ لِلظَّالِمِينَ بَدَلًا ﴿٥٠﴾

އަދި ތިމަންރަސްކަލާނގެ މަލާއިކަތުންނަށް: “ތިޔަބައިމީހުން އާދަމްގެފާނަށް ސަޖިދަކުރޭށޭ” ވަޙީކުރެއްވި ހިނދު ، ހަނދުމަފުޅުކުރައްވާށެވެ! ފަހެ އިބްލީސް މެނުވީ ، އެ އެންމެ ބޭކަލުން ސަޖިދަ ކުރެއްވިއެވެ. އެ އިބްލީސް ވީ ޖިންނީންގެ ތެރެއިންނެވެ. އޭނާގެ ރައްބުގެ އަމުރުފުޅަށް އޭނާ ނުކިޔަމަންތެރިވިއެވެ. ފަހެ ، އިބްލީސް އާއި ، އޭނާގެ ދަރިފަސްކޮޅު ތިޔަބައިމީހުންނަށް ޢަދުއްވުންތަކެއް ކަމުގައިވާ ޙާލުވެސް ، އެއުރެންނަކީ ތިމަންރަސްކަލާނގެ ފިޔަވައި އެހީތެރިން ކަމުގައި ތިޔަބައިމީހުން ހަދަނީ ހެއްޔެވެ! އަނިޔާވެރިންނަށް ހުރި ބަދަލެއްގެ ނުބައިކަމާއެވެ!

مَّا أَشْهَدتُّهُمْ خَلْقَ السَّمَاوَاتِ وَالْأَرْ‌ضِ وَلَا خَلْقَ أَنفُسِهِمْ وَمَا كُنتُ مُتَّخِذَ الْمُضِلِّينَ عَضُدًا ﴿٥١﴾

އުޑުތަކާއި ، ބިން ހެއްދެވުމުގައި އެހީތެރިވެ އެތަކެތި ޙަލްޤުކުރުން ދުށް ބައެއް ކަމުގައި ތިމަންރަސްކަލާނގެ އެއުރެން ނުލައްވަމެވެ. އަދި އެއުރެންގެ އަމިއްލަ ނަފްސުތައް ހެއްދެވުމުގައިވެސްމެއެވެ. އަދި މަގުފުރައްދާ ބަޔަކު ، އެހީތެރިންކަމުގައި ހިއްޕަވާނެ އިލާހެއް ކަމުގައި ތިމަންރަސްކަލާނގެ ނުވަމެވެ.

وَيَوْمَ يَقُولُ نَادُوا شُرَ‌كَائِيَ الَّذِينَ زَعَمْتُمْ فَدَعَوْهُمْ فَلَمْ يَسْتَجِيبُوا لَهُمْ وَجَعَلْنَا بَيْنَهُم مَّوْبِقًا ﴿٥٢﴾

އަދި “ތިމަންރަސްކަލާނގެއަށްވާ ބައިވެރިންތަކެއް ކަމުގައި ތިޔަބައިމީހުން ދައުވާކޮށްގެން އުޅުނު ތަކެއްޗަށް ، ތިޔަބައިމީހުން ގޮވާބަލާށޭ” އެކަލާނގެ ޥަޙީކުރައްވާ ދުވަހު ، ފަހެ އެއުރެން އެތަކެއްޗަށް ގޮވިނަމަވެސް އެތަކެތި އެއުރެންނަކަށް އިޖާބައެއް ނުދޭނެތެވެ. އަދި އެއުރެންގެ މެދުގައި (ނަރަކައިގެ ވާދީއެއް) ހުރަހެއް (ގެ ގޮތުގައި) ތިމަންރަސްކަލާނގެ ލައްވާހުށީމެވެ.

وَرَ‌أَى الْمُجْرِ‌مُونَ النَّارَ‌ فَظَنُّوا أَنَّهُم مُّوَاقِعُوهَا وَلَمْ يَجِدُوا عَنْهَا مَصْرِ‌فًا ﴿٥٣﴾

އަދި ކުށްވެރިންނަށް ނަރަކަ ފެނި ، އެ ނަރަކައަށް އެއުރެން ވެއްޓޭނޭކަމުގައި އެއުރެންނަށް ޔަޤީންވާނެތެވެ. އަދި އެ ނަރަކައިން ސަލާމަތްވެ ދުރަށް ފިލަންދާނޭ ތަނެއް އެއުރެންނަކަށް ނުފެންނާނެތެވެ.

وَلَقَدْ صَرَّ‌فْنَا فِي هَـٰذَا الْقُرْ‌آنِ لِلنَّاسِ مِن كُلِّ مَثَلٍ ۚ وَكَانَ الْإِنسَانُ أَكْثَرَ‌ شَيْءٍ جَدَلًا ﴿٥٤﴾

އަދި ހަމަކަށަވަރުން ، ތިމަންރަސްކަލާނގެ މި ޤުރްއާނުގައި ހުރިހާ ބާވަތަކުން މީސްތަކުންނަށް މިޘާލު ބަޔާންކޮށްދެއްވީމެވެ. އަދި ޖަދަލުކުރުން ގިނަ މީހަކު ކަމުގައި އިންސާނާ ވިއެވެ.

وَمَا مَنَعَ النَّاسَ أَن يُؤْمِنُوا إِذْ جَاءَهُمُ الْهُدَىٰ وَيَسْتَغْفِرُ‌وا رَ‌بَّهُمْ إِلَّا أَن تَأْتِيَهُمْ سُنَّةُ الْأَوَّلِينَ أَوْ يَأْتِيَهُمُ الْعَذَابُ قُبُلًا ﴿٥٥﴾

އަދި މީސްތަކުންނަށް ތެދުމަގު އައިހިނދު ، (އެއަށް) އީމާންވެ ، އެއުރެންގެ ރައްބުގެ ޙަޟްރަތުން ފާފަ ފުއްސެވުމަށް އެދި ދެންނެވުމުން ، އެއުރެން މަނާވެގަތް ކަމެއް ކަމުގައި، އިސްވެދިޔަ އުންމަތްތަކަށް ވެގެންދިޔަގޮތް އެއުރެންނަށްވެސް ކުރިމަތިވެ ، ނުވަތަ ، ހާމަޔަށް ކުރިމަތިން ޢަޛާބު ފާޅުވުން މެނުވީ އިތުރު އެހެން އެއްވެސް ކަމެއް ނުވެއެވެ.

وَمَا نُرْ‌سِلُ الْمُرْ‌سَلِينَ إِلَّا مُبَشِّرِ‌ينَ وَمُنذِرِ‌ينَ ۚ وَيُجَادِلُ الَّذِينَ كَفَرُ‌وا بِالْبَاطِلِ لِيُدْحِضُوا بِهِ الْحَقَّ ۖ وَاتَّخَذُوا آيَاتِي وَمَا أُنذِرُ‌وا هُزُوًا ﴿٥٦﴾

އަދި އުފާވެރިކަމުގެ ޚަބަރު ދެއްވާ ބޭކަލުން ކަމުގަޔާއި ، އިންޛާރު ކުރައްވާ ބޭކަލުން ކަމުގައި މެނުވީ ، ތިމަންރަސްކަލާނގެ ރަސޫލުބޭކަލުން ނުފޮނުއްވަމެވެ. އަދި ޙައްޤުމަގު ނެތިކޮށް ފޮހެލުމަށްޓަކައި ކާފިރުވީ މީހުން ބާޠިލު ގޮތްގޮތުން ޖަދަލުކުރެތެވެ. އަދި ތިމަންރަސްކަލާނގެ އާޔަތްތަކާއި ، އެއުރެންނަށް އިންޛާރު ކުރެއްވުނު ކަންތައް ފުރައްސާރައެއްކަމުގައި އެއުރެން ހެދިއެވެ.

ނުނިމޭ…

ކުރީގެބައި ވިދާޅުވުމަށް…….

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.