އޮކްޓޯބަރު 30 ގެ ކުރިން ނިޒާމީ ވޯޓު ނަގަން ގަރާރު ފާސްކޮށްފި

ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދަން ސީދާ ރައްޔިތުންގެ މަޖިލީހުން އިލެކްޝަންސް ކޮމިޝަނަށް އަންގާ ގޮތަށް ނިޒާމީ ވޯޓުގެ ގަރާރު މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ނިޒާމީ ވޯޓު ނެގުމަށް ހުޅުދޫ ދާއިރާގެ ޑިމޮކްރެޓްސް ޕާޓީގެ މެމްބަރު އިލްޔާސް ލަބީބް ހުށަހަޅުއްވާފައިވާ ގަރާރާ ގުޅޭގޮތުން މުޅި މަޖިލީހުގެ ކޮމިޓީގައި ކުރިއަށް ގެންދިޔަ ބަހުސްގެ ތެރެއިން އޭނާ ވަނީ އެ ގަރާރަށް އިސްލާހެއް ހުށަހަޅުއްވައިފަ އެވެ.

އިޝްތިހާރު Below Header ad

އޭނާ ހުށަހެޅުއްވީ، އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހު، ރާއްޖޭގައި ވެރިކަން ކުރުމުގެ ނިޒާމު ބަދަލުކުރުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދަން އާންމު ވޯޓެއް ނެގުމަށް ސީދާ މަޖިލީހުން އީސީ އަށް އެންގުމަށެވެ.

އެ އިސްލާހާ އެކު، އެ ގަރާރު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކުރީ 31 މެމްބަރުންގެ އިއްތިފާގުން، މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ އެމްޑީޕީގެ މެމްބަރުންގެ ތާއީދާ އެކު އެވެ.

އޭގެ ފަހުން، ޖަލްސާ ފަށައި މުޅި މަޖިލީހުގެ ކޮމިޓީ ރިޕޯޓަށް ބަހުސަށް ފުރުސަތު ހުޅުވައިލުމުން، އެ ރިޕޯޓަށް އެއްވެސް މެމްބަރަކު ބަހުސް ކުރައްވަން ފުރުސަތަށް އެދިވަޑައިނުގެންނެވި އެވެ.

އިލްޔާސް ގަރާރު ހުށަހެޅުއްވީ ގާނޫނު އަސާސީގެ 70 ވަނަ މާއްދާގެ ދަށުންނެވެ. ގާނޫނުއަސާސީގެ 70 ވަނަ މާއްދާ އަކީ ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ބާރުތައް ކަނޑައަޅާފައިވާ މާއްދާ އެވެ. ގާނޫނުއަސާސީގެ 70 ވަނަ މާއްދާގެ (ށ) ގެ 6 ވަނަ ނަންބަރުގައި ބުނަނީ ރައްޔިތުންނާ ގުޅޭ މުހިންމު ކަންތައްތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމުގެ ބާރު މަޖިލީހަށް ލިބިގެންވާ ކަމަށެވެ.

ނިޒާމީ ވޯޓުގެ ގަރާރު މަޖިލީހުން ފާސްކޮށްފައިވާއިރު އެ ވޯޓު އަންނަ މަހުގެ 30 ވަނަ ދުވަހު ނަގަން އެމްޑީޕީން އިއުތިރާޒު ނުކުރާ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ. ގަރާރު ދިރާސާކޮށް މުޅި މަޖިލީހުގެ ކޮމިޓީން އެކުލަވާލި ރިޕޯޓް ފާސްކުރީ 35 މެންބަރުންގެ ވޯޓުންނެވެ. ގަރާރު ފާސްކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.