ނޫ ކޮތަޅެއް، ދެން ހުސް ދަޅެއް.

ތަފާތު ސުރުހީއެއް، އެހެންނޫންތޯ؟ އެހެނަސް ލިޔެލަން މިއުޅެނީ ތަފާތު ވާހަކައަކަށް ނުވެދާނެއެވެ. މިއަދު އަޅުގަނޑުގެ ރައްޓެއްސަކާ ފޯނުން ވާހަކަ ދައްކައިލީމެވެ. އެއީ އޭނާލައްވާ އަޅުގަނޑުގެ މަސައްކަތެއް ކުރުވުމަށްޓަކައެވެ. ސީދާ މައުލޫއަށް ފަށައިގަތުމުގެ ކުރިން ދެފަރާތުގެ ހާލުއަހުވާލު އަހައިލައި ހެޔޮދުއާކޮށްލާ ހެދީމެވެ. ދެން ކޮންމެވެސް ވަރަކަށް މުޖުތަމައުގެ ތެރޭގައި ހިނގާ ބައެއް ޢާއްމު ކަންކަމާއިމެދު މަޝްވަރާ ބަދަލު ކޮށްލެވުނެވެ. އަޅުގަނޑުމެން ދެމީހުންނަކީ އެކަކު އަނެކަކާއި ވަރަށް ދުރުގައި ދިރި އުޅޭ ބަޔަކަށް ވެފައި ބައްދަލު ނުވެ ގިނަ ދުވަސް ތަކެއް ވުމުން ދައްކާނެ ގިނަ ވާހަކަ ތަކެއްވެސް ހުންނާނެތާއެވެ.

މިހާ ގިނަ ދުވަހަށްފަހު ދެމީހުން ބައްދަލުވެ ދެކެވުމުން މިއަައި ވަހަކަ ތަކުގެ ތެރޭގައި އިޖްތިމާޢީގޮތުން މީސްތަކުންނަށް ކުރެވޭ ނޭދެވޭ ބައެއް ކަންކަމުގެ ވާހަކަ ދެކެވެން ފަށައިފިއެވެ. އެގޮތުން އާބާދީ ބޮޑު، ބިންކޮޅު ކުޑަ، މާލޭގައި ކުންޏާމެދު މީސްތަކުން ހޭލުންތެރި ވެފައިވާލެއް ކުޑަ ކަމުގެ ވާހަކައެއްގައި ޖެހެވިއްޖެއެވެ. އޭނާ ވަރަށް ހިތާމަޔާއި އެކު ބުންޏެވެ. “ތިމަންނަ އެއްދުވަހެއްގައި ކޮންމެސް ތަނަކަށް ދާން ބޭރަށް ނިކުމެ ސައިކަލަށް އަރަން ބަލައިލިއިރު ވަށިގަނޑުގައި ނޫކޮތަޅެއް އެބައޮތެވެ. ދެން އެތަނަކުން ނިކުމެ ގެއަށް ދާން ސައިކަލަށް އަރަން ބެލިއިރު ވަށިގަނޑުގައި ބޮއެ ހުސްކޮށްފައި އޮތް ދަޅެއް އޮތެވެ.” މީ ދެރަކަމެއް ނޫންތޯ އޭނާ އަޅުގަނޑާ ސުވާލު ކުރުމުން އަޅުގަނޑު ބުނީމެވެ. “ތިހުންނަނީ ކޮޅުނެތްކޮޅަށް ހުރި ހިތާމައެވެ.”

އިޝްތިހާރު Below Header ad

އެފޯނު ކޯލަށްފަހު އަޅުގަނޑުހިތަށް ވަރަށް ގިނަ ވާހަކަ އަރާ ފައިބަމުން އެބަދެއެވެ. ސަރުކާރާއި ބައެއް ޖަމްޢިއްޔާ ޖަމާޢަތް ތަކުން މިފަދަ ކަންކަމާއިމެދު ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްތަށް ވަރަށް ގިނައިން ކުރިޔަށް ގެންދަވާއިރުވެސް މިކަންއެނގޭ ބަޔަކު ނެތްކަހަލައޭ ހީވާވަރެވެ. ޢާއްމުކޮށް އެންމެނެވެ. ޚާއްޞަގޮތެއްގައި ޒުވާން ފުރައިގެ ކުދިންނާއި ޅަޖީލުގެ މެދުގައި މިކަމަށް ދެވޭ ސަމާލުކަމެއް އެއްގޮތަކަށްވެސް ނެތޭ ބުންޏަސް އެއީ ގޯހަކަށް ނުވާނެއެވެ. އަނގަފޫހި ފިލުވާލަން ކާލާ ޗުއިންގަމް އަނގަޔަށް ލުމަށްފަހު އޭގެ ބޭރުތޮޓަށް ވީގޮތް އެނގޭތޯ ސުވާލުކޮށްލިޔަސް އެޔަށްވީގޮތް ބުނެދޭން އެނގޭނެ ކުއްޖަކު/މީހަކު ހުންނާނެއެކޭ އަޅުގަނޑަކަށް ނުދެންނެވޭނެއެވެ. އެއްލެވުނީތޯ އަހައިފިނަމަ، އެއްލައިނުލާ ކަމުގައިވެސް ބުނާނެވެ.

ކުނި އުފެދުމުގެ އެންމެ ބޮޑު އަޞްލަކީ އިންސާނުންނެވެ. އެމީހުންގެ ދިރިއުޅުމަށް ބޭނުންވާ ކަންކަން ފުއްދަމުން އަންނަވަރަކަށް އެމީހުން ގެންދަނީ ކުނި އުފައްދަމުންނެވެ. އެމީހުން ބޭނުންކުރާ ތަކެތީގެ ރައްކަލަކަށްޓަކައި ލެވިފައިވާ ބޭރުގަނޑު ނުވަތަ އުރަ، ނުވަތަ އެފަދަ ތަކެތި އަޅާފައި ހުންނަ ފުޅި އާއި ދަޅުފަދަ ތަކެތި އުކާލުމުގެ ސަބަބުން ކުނި އުފެދެއެވެ. ކުނި އުފެދޭ އަނެއް ގޮތަކީ އިންސާނުން ބޭނުންކުރާތަކެތި ބޭނުންކޮށް ނިމުމަށްފަހު ކޮންމެވެސް އެއްޗެއް ނުވަތަ ބައެއް ބާކީ ވުމެވެ. މިދެގޮތަށް އެކަނި ބަލައިލި ކަމުގައިވީނަމަވެސް، އަޅުގަނޑުމެންނަށް އެނގޭހަޤީޤަތަކީ މިއިން އެއްވެސް އެއްޗަކީ އޭގެ ފުރަތަމަ ޙާލަތުގައި ކުނި ނޫންކަމެވެ. އެހުރިހާއެއްޗެއްވެސް ނުންޏަށް ހަދަނީ އިންސާނުނެވެ.

އެއްޗެއް ބަންދު ކުރަން ބޭނުން ކުރިއެއްޗަކީ ހުރިހާ ގޮތަކުން ބެލިކަމުގައި ވިޔަސް އެންމެ ފުރިހަމަ ރަނގަޅު އެއްޗެކެވެ. އޭގެ ފުރިހަމަކަމާއި ރަނގަޅުކަމުން އަޅުގަނޑުމެން ބޭނުންވެގެން ހޯދިއެތި އޭގެ ރައްކާތެރިކަމާއި ރަނގަޅު ފެންވަރުގައި އަޅުގަނޑުމެންނަނާއި ހަމައަށް ގެނެސްދީފިއެވެ. އެހެނަސް އެތެރޭގައި އޮތް އެތި ލިބުމާއެކު އޭގެ ބޭރު ތޮށިގަނޑު ނުވަތަ ފުޅި ނުވަދަ ދަޅު އެއީ އެއްވެސް އެއްޗަކަށް ނުވެއެވެ. ކެޔޮގަނޑު ކަނޑާލުމުން ގަހުގެ ބޭނުމެއް ނޯވެޔޭ ބުނާ ބީދައިނެވެ. ޙަޤީޤަތުގައިވެސް އެ އުރައިގެ، ފުޅީގެ ނުވަތަ ދަޅުގެ ބޭނުމެއް ނޯންވެދާނެއެވެ. އެހެނަސް އެފުޅިއަކީ މުޖުތަމަޢު ތެރެއަށް ގިނަވާން ދޫކޮށްލެވޭވަރަށްވުރެ އިޙްތިރާމު ދެވޭ އެއްޗެއްކަމުގައި ވާންއެބަޖެހެއެވެ. މި ހުރިހާދުވަހު އަޅުގަނޑުމެންގެ ކާނާ އަޅުގަނޑު މެންނާ ހަމައަށް ފޯރުކޮށްދިނުމުގައި އެދަޅު ނުވަތަ ފުޅި ނުވަދަ ޕެކެޓު އަދާކުރި ދައުރުގެ ޝަރަފަށްޓަކައިވެސް، އެންމެ ކުޑަމިނުން އެއެއްޗަށް އެންމެ ޙައްޤުވެގެންވާ ތަނުގައި އޭގެ ޖަނާޒާ ކުރުވަން އެބަޖެހޭނޫންތޯއެވެ. ކުނި ވަށިގަނޑުން އޭގެ ކައްވަޅު ކަށަވަރު ކޮށްނުދެވޭނަމަ، ދެން އެތަކެތި ދޫކޮށް ލެވެނީ ފައިވާންތަކު ދަށުވެ އެގޮތް މިގޮތްވާން، ޢާއްމު މަގުތައް މައްޗަށެވެ. އޭގެސަބަބުން ގެއްލުމާ ތުރާ ލިބެނީ ހަމަ އަޅުގަނޑުމެން އިންސާނުންނަށެވެ.

ކަންމިހެން އޮތްއިރު ކޮންމެ ކަމަކަށް ހޭލުންތެރިވާ ފަދައިން މިކަމާމެދުވެސް ހޭލުންތެރިވާން އެބަޖެހެއެވެ. ކުނި ނައްތާލަން ސަރުކާރުން ކުރައްވާ މަސައްކަތްތަކަށް އެއްބާރުލުން ދޭން އެބަޖެހެއެވެ. އެނެމ ފުރަތަމަ ކަމެއްގެ ގޮތުގައި ކުނީގެ ގޮތުގައި ދޫކޮށްލެވޭ އެތި ދިމާވި ކޮންމެ ތަނަކަށް ވައްޓާލުން ހުއްޓަން ޖެހެއެވެ. ކުނި އޮންނަންޖެހޭތަނަށް ނޫނީ ކުނިދޫކޮށްނުލުމަށް ކޮންމެ މީހަކު އަޒުމްކަނޑައަޅަމާތޯއެވެ!

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.