ކޮވިޑް-19، ޢިޤާބެއްތޯ؟ ނުނީ އިމްތިޙާނެއްތޯ؟

ހެޔޮކަމުގެ މޫސުމެއް އަޅުގަނޑުމެން މުސްލިމުންނާ ބައްދަލުކުރިއިރު، މުޅި ދުނިޔެ އޮތީ މަޖުބޫރީ ހަމަހިމޭން ކަމެއްގެ ތެރޭގައެވެ. ކޮރޯނާ ގެސަބަބުން ހުއްޓުމަކަށް އައިސްފައެވެ. ރަމަޟާން މަސް ނިމިދިޔައީވެސް އެޙާލުގައި މީސްތަކުން ވަނިކޮށެވެ. މުސްލިމުންތިބީ އަޅުކަމުގެ ކަންކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބިގަތުމުން މަޙުރޫމްވެފައެވެ. ޖަމާޢަތުގގެ ނަމާދު ވަނީބަންދު ވެފައެވެ. އޭގަ ސަބަބުން ރަމަޟާންމަހަށް ޚާއްޞަ ތަރާވީޙު ނަމާދުވެސް ކުރަންޖެހުނީ ގެތަކުގައެވެ.

މިކަންކަން މިހެން ދިމާވީ ކީއްވެތޯއެވެ؟ އެއްވެސް ޝައްކެއް ނެތްގޮތުގައި އޭގެ ސަބަބަކީ ކޮވިޑް-19 ކަމުގައި ހުރިހާ އެންމެންވެސް ބުނާނެއެވެ. މިއަދު މި ވައިރަސް މިވަނީ މައްކާއަށްވެސް ފޯރާފައެވެ. މީ ﷲ މުސްލިމުންނަށް ޖެއްސެވި ޢިޤާބެއްތޯއެވެ؟ މިވަގުތު ޢުމްރާ ކުރުން އެވަނީ މަނާ ކުރެވިފައެވެ. މިއަހަރުގެ ޙައްޖައް ވާނެގޮތެއް އަދި ނޭނގޭއެވެ! މީ ﷲ ގެ ހަޟްރަތުން އަޅަމެންނަށް އޮތް ޢަޛާބެއްތޯއެވެ؟ ނުވަތަ މީ އިމްތިޙާނެއްތޯއެވެ؟

އިޝްތިހާރު Below Header ad

އަޅުގަނޑުމެންނަށް އޮތީ ވަރަށް ރަނގަޅަށް މިކަމާމެދު ވިސްނާ ފިކުރު ކުރުމެވެ. މިޒަމާނުގައި ކަންހިނގާ ގޮތާއިމެދު ރަނގަޅަށް ނަޒަރު ހިނގާލަށެވެ! މިއަދު މުސްލިމު ޤައުމުތަކުގައިި، ތަކެތީގެ އަގު މިވަނީ އުފުލިފައެވެ. އަންހެނުން ތިބީ އޮރިޔާންވެފައެވެ. މިސްކިތްތަށް ވަނީ ފަޅުވެފައެވެ. ﷲގެ ޝަރީޢަތް އޮތީ ބޭކާރު ވާހަކައެއް ކަމުގައި ހަދާފައެވެ. މުސްލިމުންގެ ބިންތަކުގައި ވައްކަން މިވަނީ ޢާއްމުވެފައެވެ. ފޭރޭމީހުންނަކީ މުއްސަނދިންގެ ގޮތުގައިވެފައެވެ. ހިތްވަރުގަދަ ބަޠަލުންތިބީ ބަންދު ކުރެވިފައެވެ. އެމީހުންގެ ގައިގައި އެކި ގޮތްގޮތުން ތަޅުއެޅުވިފައެވެ.

އަޅުގަނޑުމެންގެ ތެރޭ ކާވެނި މިވަނީ ތަކުލީފަކަށްވެފައެވެ. ޒިނޭމިވަނީ ޙަލާލުވެއްޖެއޭ ހީވާވަރަށް ޢާއްމުވެފައެވެ. އަދި ފިރިހެނުންގެ މައްޗަށް އަންހެނުން ވަނީ ބާރުވެރި ކުރުވިފައެވެ. ﷲގެ ބިމުގައި ދަތުރު ފަތުރުކުރުން އެއްބައެއްގެ އަތްމަތީ ހިފެހެއްޓިފައި އޮތްއިރު، ފަޤީރުންނާއި ނިކަމެތިން ތިބީ، އެހެން ހިޔާވައްސެއް ހޯދަން ދަތުރު ނުކުރެވި ރަތްދަކަ އަވީގައި ގިނަވެފައެވެ.

އޭދޭހެވެ! އަޅުގަނޑުމެން މިތިބީ ކުރާ ކޮންމެ ހެޔޮކަމެއް އިޝްތިޙާރުކުރެވޭ ދުވަސްވަރެއްގައެވެ. ޕްރޮފައިލް ބޮޑުކުރެވޭ މިންވަރަކުން ހެޔޮމީހުން ކަނޑައެޅޭ ޒަމާނެއްގައެވެ. ކުރިން ފޮޓޯނެގީ ކުރެވޭ ކަންކަމުގެ ހަނދާނަކަށެވެ. މިހާރު ކަންކަންކުރަނީ ފޮޓޯނަގާށެވެ.

އަޅުގަނޑުމެން ވަރަށް ފުރިހަމަ ގޮތުގައި ވުޟޫކުރަމުއެވެ. އެއާއެކު އެކަމުގައި ފެން އިސްރާފުކުރެއެވެ. ފަޤީރުންނަށް ޞަދަޤާތް ކުރަމުއެވެ. އެއާއެކު މީސްމީޑިޔާގައި އެތަކެތި ވަރަލް ކޮށްލައެވެ. ތަޙައްޖުދު ކުރުމުގައި ރޭގަނޑު ދަންވަރު ކޮޅަށްތިބެއެވެ. އެކަމު ތިމާގެކަމުގެ ގުޅުން ކަނޑާ، އަވައްޓެރިންނަށް އަޅާނުލައެވެ. ރޯދަހިފާ، ހައިހޫނުކަމަށް ކެތްތެރިވެއެވެ. އެހެނަސް ޣީބަ ބުނުމާ އާޑަފުރައްސާރަކުރުން ދޫކޮށެއްނުލައެވެ.

އަޅުގަނޑުމެންގެ ތެރޭ ކާވެނި މިވަނީ ތަކުލީފަކަށްވެފައެވެ. ޒިނޭމިވަނީ ޙަލާލުވެއްޖެއޭ ހީވާވަރަށް ޢާއްމުވެފައެވެ.

ﷲއާ ގާތްވުން އެއީ އުނދަނގޫ ކަމެއްތޯއެވެ؟ ބައެއްމީހުނަށް ޙައްޖައް ދިއުން އެއީ ބޮޑުކަމެކެވެ. އެކަމަށް ކުޅަދާނަކަން ނެތަތީވެއެވެ. އެހެނެއްކަމަކު، ޗުއްޓީހަދާލާ އަނބިދަރިން ގޮވައިގެން ބޭރުޤައުމުތަކަށް ދަތުރު ކުރެވޭވަރަށް ފައިސާ ލިބެއެވެ. އަޅުގަނޑުމެނަށްް އަހަރަކު އެއްފަހަރު އުޟޫހިޔާ ކަތިލުންއެނީ ނާދިރުވެފައި އޮންނަކަމެކެވެ. ސަބަބަކީ ނަޢަމްސޫފީގެ އަގުބޮޑުވުން ކަމުގައި ބުނެއެވެ. އެކަމަކު ބާޒާރައް ނިކުންނަ ކޮންމެ އައުފޯނެއް ގަނާނެ ތަނަވަސްކަން ހުރެއެވެ. ﷲއާ ގުޅުން ބޭއްވުން އެއީ އަގުބޮޑުކަމެއްތޯއެވެ؟ އަޅުގަނޑުމެންގެ ތެރެއިން މަދު މީހަކަށްމެނުވީ ޤުރްއާން ކިޔަވާލަން ވަގުތު ނުހޯދެއެވެ. ކޮންމެ ދުވަހަކު 5ވަރަކަށް އާޔަތްވެސް ކިޔަވާލެވޭ ބަޔަކު ކަމުގައި އަޅުގަނޑުމެންގެ ތެރެއިން ގިނަމީހުންނުވެއެވެ. އެހެނަސް ދުވާލަކު އެތައްސަތޭކަ މެސެޖެއް ދެތިން ހައެއްކަ ޕްލެޓްފޯމުން ކިޔާލުން އެއީ އާދައެއް ނޫންތޯއެވެ؟ ﷲއާއި ގުޅުންބޭއްވުން އެއީ އުނދަގޫ ކަމެއްތޯ؟ އެއިލާހާ ގުޅުންބާއްވާ މީހުންނަށް ދެއްވަން އޮތް ބަދަލަކީ ސުވަރުގެ. އެސުވަރުގެ ލިބުންވަނީ އެކަމަށްޓަކާ އެދޭ މީހާއަށެވެ. މިދުނިޔެއަކީ އެކަމަށްޓަކައި މަސައްކަތް ކުރަން އޮތް ގޮވައްޗެވެ.

އަޅުގަނޑުމެންގެ ޢަމަލުތަކާމެދު ވިސްނާ ފިކުރު ހިންގާށެވެ! ބަޔާންވެ މިދިޔައީ އެއްގޮތަކަށްވެސް ކާފަރުންގެ ވާހަކައެއް ނޫން. މީ މިއަދު އިސްލާމީ އުއްމަތަށް ޖެހިފަވާ ވަރަށްބޮޑު މުޞީބާތެކެވެ. މިއީ ދުނިޔޭގެ އެންމެން ބިރުން އުޅޭ ކޮނޯރާއަށްވުރެ އެތައްގޮތަކުން ބޮޑު މައްސަލައެކެވެ. އެހެނީ ކޮރޯނާ ޖެހިގެން މަރުވާ މީހަކު އެއީ ޞާލިހު ތަގުވާވެރިއަކުނަމަ ﷲގެ ރަޙްމަތުން އޭނާ ސުވަރުގެ ހިނގައިދޭނެއެވެ. އެކަމު ކޮރޯނާ ނޫން އެހެން ބައްޔެއްގައިވިޔަސް މި ދުނިޔެ ދޫކުރާމީހާ އަކީ ﷲއާއި ގުޅުންނެތް މީހެއްނަމަ ދެން އޭނާގެ ޙާލަކީ ކޮބައިކަން ވިސްނާލާ! ކޮރޯނާއަކީ މުޞީބާތެއް ތޯއެވެ؟ ނުވަަތަ އެއީ އިމްތިހާނެއްތޯއެވެ؟

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.