މީސް މީޑިއާގެ ބޭނުން ކުރެވެނީ އެންމެ ރަނގަޅަށްތަ؟

ކޮންމެ އިންސާނަކުވެސް މި ދުނިޔެއަށް ފޮނުއްވާ އެކަލާނގެއަށް އަޅުކަންކުރެއްވުމަށް އަމުރު ކުރައްވި، ޢާލަމްތަކުގެ ވެރި ﷲ سُبْحَانَهُ وَتَعَالَى‎ ވަނީ އިންސާނުންނަށް ކުރަންވީ އެންމެހާ ކަންތައްތަކާއި ނުކުރަންވީ ކަންތައްތައް ބަޔާން ކޮށްދެއްވާފައެވެ. އަދި މި މާތް ދީން، އިސްލާމް ދީނަކީ ހުދޫދުތަކެއް ކަނޑައެޅިގެންވާ ދީނެކެވެ (ޤުރުއާން، 2:230). މިފަދަ ކޮންމެ ހުދޫދުތަކާއި އުސޫލުތަކަކީ ހަމަ އިންސާނުންނަށް އެންމެ މަންފާ ހުރިގޮތަށް ކަނޑައެޅިފައިވާ ހުދޫދުތަކަކާއި އުސޫލުތަކެކެވެ.
މިގޮތުން މީސް މީޑިއާ (ސޯޝަލް މީޑިއާ) އަކީ މުޢާމަލާތު ކުރުމުގެ އިތުރުން ތަފާތު އެތައް ބޭނުންތަކެއް ފުއްދޭ ގޮތަށް ބޭނުން ކުރެވިދާނެ ވަސީލަތެކެވެ. އެއްބަޔަކު އަނެއްބަޔަކަށް ތަޢާރަފް ވުމަށްޓަކައި މާތް ﷲ ވަނީ އިންސާނުން އެކި ޤަބީލާތަކަށް ބައްސަވާފައެވެ (ޤްރުއާން، 49:13). އެގޮތުން މީސް މީޑިއާއަކީ މިފަދަ އެތައްކަމެއް ޚާސިލް ކުރެވޭނެ ފަދަ ވަސީލަތެކެވެ.
މީސް މީޑިއާ އަކީ ބޭނުން ކުރައްވާ ބޭފުޅުންގެ ބައިވެރިވުން ހިމެނޭ ގޮތަށް ތައްޔާރު ކުރެވޭ، އަދި އެ މެދުވެރިކޮށްގެން އެއްބަޔަކު އަނެއްބަޔަކަށް މުއާސަލާތު ކުރެވޭނެ ފަދަ، ޚާއްސަކޮށް އިންޓަނެޓް މެދުވެރިކޮށް ބޭނުން ކުރެވޭ ކޮންމެ ޕްލެޓްފޯމެކެވެ. ބޮއިޑް ޑީ.އެމް އަދި އެލިސަން އެން.ބީ (2008) ގައި ހާމަ ކުރައްވާ ގޮތުގައި މީސް މީޑިއާއަކީ ކޮންމެ މީހެއްގެ ވެސް ޕްރޮފައިލް އަކާއިއެކު، މުއާސަލާތު ކުރުމުގެ ގޮތުން ބޭނުންކުރެވޭ ކޮންމެ ވަސީލަތެކެވެ. މީސް މީޑިއާ ޖުމްލަ ހަ (6) ބަޔަކަށް ބައެއް ބޭފުޅުން ބައްސަވާފައިވެއެވެ. އެގޮތުން ބްލޮގްސް، ސޯޝަލް ނެޓްވޯކިން ވެބްސައިޓްތައް، ކޮލޭބޮރޭޝަން ޕްރޮޖެކްޓްތައް، ކޮންޓެންޓް ކޮމިއުނިޓީތައް، ވާޗުއަލް ދުނިޔެ އަދި ވާޗުއަލް ދުނިޔޭގެ ގޭމުތައް ހިމެނެއެވެ. އެހެން ކަމުން މީސް މީޑިއާއަކީ ވަރަށް ފުޅާ މާނައެއްގައި ބޭނުން ކުރެވިދާނެ ލަފްޒެކެވެ.
ކަންމިހެން ހުރުމާއެކުވެސް ދިވެހިންގެ ތެރޭގައި ޢާންމުކޮށް ބޭނުން ކުރެވެމުން އަންނަ މީޑިއާތަކުގެ ތެރޭގައި ފޭސްބުކް (އަދި މެސެންޖަރ)، ޓްވިޓާރ، އިންސްޓަ ގްރާމް، ޔޫޓިއުބް، ވަޓްސްއެޕް، ޓެލެގްރާމް، ސްނެޕްޗެޓް، ވީޗެޓް، ޓިކްޓޮކް، ލިންކްޑްއިން، ވައިބާ، ޕިންޓަރެސްޓް، ޓެގްޑް ފަދަ ވަސީލަތްތައް ހިމެނެއެވެ. މީގެ އިތުރުންވެސް އެކި ބޭފުޅުން ތަފާތު އެކި ވަސީލަތްތައް ބޭނުން ކުރައްވާނެކަމީ ޝައްކެއް ނެތް ކަމެކެވެ. އެހެން ކަމުން މިފަދަ ކޮންމެ ވަސީލަތެއްވެސް ބޭނުން ކުރުމުގައި އިސްލާމީ ގިއުގަނޑުގެ ތެރޭގައި ޢަމަލު ކުރުމަކީ ކޮންމެ މުސްލިމަކަށްވެސް ލާޒިމް ކަމެކެވެ. ކަންމިހެން ހުރުމާއެކު، މީސް މީޑިއާގައި ޢަމަލު ކުރެވޭ ގޮތާއިމެދު ވިސްނާލުމަކީ ކޮންމެ މީހަކަށްވެސް ވަރަށް މުހިންމު ކަމެކެވެ.
ޤިޔާމަތް ދުވަހަކީ އިންސާނާ ކޮށްފައިވާ ކޮންމެ ޢަމަލަކަށްވެސް އެ އިންސާނާގެ ދުލާއި، އަތާއި ފައި ހެކިދޭނޭދުވަހެކެވެ (ޤުރުއާން، 36:65). އެހެން ކަމުން އިންސާނާ ކުރާ ކޮންމެ ކަމެއްގެ ހިސާބު ބެއްލެވޭނެއެވެ. އެ ޢަމަލަކީ އޭނާގެ ދުލުން ކޮށްފައިވާ ޢަމަލެއްކަމުގައި ވިޔަސް، އަތުން ނަމަވެސް، ނުވަތަ ހަށިގަނޑުގެ އެހެން ގުނަވަނަކުން ކޮށްފައިވާ ޢަމަލެއްކަމުގައި ވިޔަސްމެއެވެ. އަދި މާތް ﷲ ވަނީ ހެޔޮ ކަންތައްތައް ކުރުމަށް އެއްބަޔަކު އަނެއްބަޔަކަށް ޢަމުރު ކުރާއްވާ ނުބައި ނުވަތަ ފާފަތައް ކުރުމުގައި އެއްބަޔަކު އަނެއްބަޔަކަށް ވާގިވެރި ނުވުމަށް އަންގަވާފައެވެ (ޤުރުއާން، 5:2). ކަން މިހެން ހުރުމާއެކު މީސް މީޑިއާގައި ކުރެވޭ ކޮންމެ ލައިކެއް، ޓްވީޓެއް، ސްނެޕެއް، ކޮމެންޓެއް ނުވަތަ ޝެއާރ އަކީ އެކަމަކާއި މެދު ޤިޔާމަތްދުވަހުން ސުވާލު ވެވޭނެ ކަމެކެވެ. ކުރާ ކޮންމެ ލައިކެއް، ޓްވީޓެއް، ސްނެޕެއް، ކޮމެންޓެއް ނުވަތަ ޝެއާރ އަކީ އޭގެ ސަބަބުން އިންސާނާ މާތް ﷲ އާއި ކުއްތަން ކުރުވާ ނުވަތަ އެކަމުގެ ސަބަބުން އެހެނިހެން އިންސާނުންނަށް މަންފާ ކުރާނެ ފަދަ ޢަމަލަކަށް ހެދުމަކީ ވިސްނަން ޖެހޭ ކަމެކެވެ.
އިސްލާމްދީނުގައި ޙަރާމް ކުރައްވާފައިވާ އެއްވެސް ކަމަކަށް ތާޢީދުކުރެވޭފަދަ އެއްވެސް މަޢުލޫމާތެއް ޕްރޮމޯޓު ކުރުމުން ދުރުހެލިވާންޖެހެއެވެ. އަދި ނުބައި އަޚްލާޤު ފެތުރޭނެފަދަ އެންމެހާ ކޮންޓެންޓެއް ޕްރޮމޯޓު ކުރުމުން ދުރުހެލިވާންޖެހެއެވެ. މީގެ އިތުރުން ބަރަހަނާ (އަދި އިންސާނާގެ އައުރަ ފާޅުވާން ހުންނަ) ފޮޓޯ އަދި ވީޑިއޯ އަޕްލޯޑު ކުރުމާއި، ލައިކް ކުރުމާއި އެތަކެތި ޝެއާރ ކުރުމުގެ އިތުރުން އެހެން އަޚުންނާއި ޢުޚްތުންނަށް އެތަކެތި ފޮނުވުން ފަދަ އެންމެހާ ކަމަކީ އިސްލާމް ދީނުގެ އުސޫލުތަކާއި ހަމަތަކުގެ ތެރެއިން ބޭރުގައި ހިމެނޭ ކަންކަމެވެ. މިފަދަ ކަންކަމަށް އަރައިގަތުމުގެ ސަބަބުން އެބައެއްގެ އަބުރާއި އިއްޒަތް ވެއްޔާ މޮޑޭވިފައިވާ ފަރާތްތައްވެސް މަދެއް ނޫނެވެ. މީގެ އިތުރުން ލަވައާއި މިއުޒިކް ފަދަ ތަކެތި ފެތުރުމާއި އެފަދަ ވީޑިއޯތައް އެހެނިހެން އަޚުންނާއި އުޚުތުންނަށް ފޮނުވުމަކީވެސް އިސްލާމް ދީނުގެ ތަރަހައިން ބޭރުގައި ހިމެނޭ ކަންކަމެވެ.
މީސް މީޑިއާ ބޭނުން ކުރުމުގައި މުސްލިމުން ވިސްނަންވީ އަނެއް ކަމަކީ މިފަދަ ޕްލެޓްފޯމުތަކުގެ އެހީގައި ޢިލްމު އުނގެނުމާއި އެ ޢިލްމު އެހެނިހެން ފަރާތްތަކަށް ފޯރު ކޮށްދިނުމެވެ. ޢިލްމު އުނގެނުމަކީ ދީން އެހާމެ ބާރުއަޅާކަމެއްކަމުގައި ވުމާއިއެކު، އެ ޢިލްމު އުނގެނެން އޮތް ކޮންމެ ވަސީލަތެއް ބޭނުން ކުރުމަކީ މުހިންމު ކަމެކެވެ. އެހެން ކަމުން މި ޢިލްމުގެ އެހީގައި ޙައްޤު ތެދު މަގަށް އެހެން ފަރާތްތަކަށް ދަޢުވަތު ދިނުމަކީވެސް ކުރެވިދާނެ ކަމެކެވެ. އިސްލާމް ދީނުގެ ރިވެތި އުސޫލުތަކާއި ހަމަތައް އެހެން އަޚުންނާއި އުޚުތުންނަށް ފޯރުކޮށްދިނުމުގެ ގޮތުން މީސް މީޑިއާ ބޭނުން ކުރެވޭނަމަ އެފަދަ ކޮންމެ ޢަމަލަކީ ތިމާގެ ހެޔޮ ޢަމަލުތައް ލިޔުއްވާ މަލާއިކަތާ ލިޔުއްވާނޭ ޢަމަލަކަށް ވެގެންދާނެއެވެ.
މީސް މީޑިއާ ބޭނުން ކުރުމުގައި ވިސްނަންޖެހޭ އަނެއް ކަމަކީ ކޮންމެ މީހަކަށްވެސް ލިބޭ ޚަބަރެއްގެ ތެދު ދޮގު ބަލާ ހޯދުމެވެ. ސަބަބަކީ ފާސިޤަކު ޚަބަރަކާއިގެން އައިސްފިނަމަ އެ ޚަބަރެއްގެ ތެދު ދޮގޮ ބަލާ ހޯދުމަށް މާތް ﷲ ވަނީ ޢަމުރު ކުރައްވާފައެވެ (ޤުރުއާން، 49:6). 2017 ވަނަ އަހަރު އޯޑްވޭ ނަމަކަށް ކިޔާ ބޭފުޅަކު ހާމަ ކުރައްވާ ގޮތުގައި ސީ.އެން.އެން ގެ ސޯޝަލް ރިޕޯޓެއްގައި ބަޔާން ކޮށްފައިވާ ގޮތުގައި އެންމެ ގިނައިން ހަޤީޤަތެއްނެތި މަޢުލޫމާތު ނުވަތަ ޚަބަރު ފެތުރެނީ މީސް މީޑިއާ ސައިޓްތަކުގައެވެ. އެހެން ކަމުން މީސް މީޑިއާއިން ފެންނަ ކޮންމެ ޚަބަރަކީ ތެދު ޚަބަރަކަށް ނުވެދާނެއެވެ. އަދި އެއްވެސް ޚަބަރެއް ނުވަތަ މަޢުލޫމާތެއް ފެތުރުމުގެ ކުރިން އެ ޚަބަރެއްގެ ތެދު ދޮގު ބެލުމަކީ ލާޒިމް ކަމެކެވެ. ނޫންނަމަ އެންމެ އެދެވޭ ގޮތަކީ އެފަދަ ޚަބަރެއް ނުވަތަ މަޢުލޫމާތެއް ފެތުރުމުން ރައްކާތެރިވުމެވެ. އަދި އެފަދަ ޕޯސްޓެއް ނުވަތަ ޓްވީޓެއް ފެނިއްޖެ ނަމަ ލައިކް ކުރުމާއި، ޝެއާރ ކުރުން ފަދަ ކަންކަމުން ދުރުހެލިވުމެވެ.
އިސްލާމް ދީނުގެ އެކިއެކި ހުކުމްތަކާއި އުސޫލުތައް ކަނޑައެޅިފައިވާ އެންމެ މުހިންމު އެއް ސަބަބަކީ އިންސާނުންގެ އަބުރު ރައްކާތެރި ކުރުމެވެ. އެހެން ކަމުން މީސް މީޑިއާ ބޭނުން ކުރުމުގައި މީސްތަކުންގެ އަބުރު ރައްކާކުރުމަކީ ވަރަށްވެސް މުހިންމު ކަމެކެވެ. ކުރެވޭ ޓްވީޓެއްގެ ސަބަބުން ނުވަތަ ޝެއާރ ކޮށްލެވޭ ޕޯސްޓެއްގެ ސަބަބުން އެހެން ފަރާތެއްގެ އަބުރަށް އަރާގަނެވޭނަމަ އެފަދަ ޕޯސްޓެއް ނުވަތަ ޓްވީޓެއް ކުރުމުން ދުރުހެލިވާން ޖެހޭނެއެވެ. އަދި މިފަދަ ޕޯސްޓު ތަކަށް ކޮމެންޓު ކުރުމާއި އެހެން ފަރާތްތައް ޓެގް ކުރުން ފަދަ ކަންކަމަކީ އެފަދަ ޢަމަލުތަކަށް ވާގިދެވޭ ކަންކަމަށް ވީ ހިނދު، އެފަދަ ކަންކަމުން ދުރުހެލިވާން ޖެހޭނެއެވެ. ނަމަވެސް ޕޯސްޓެއް ނުވަތަ ޓްވީޓެއް ކުރަނީ އެފަދަ ކަންކަން ފެތުރުން ހުއްޓުވުމުގެ ގޮތުން ނަމަ، ނުވަތަ އެފަދަ ކަންކަން ނުކުރުމަށް ނަސޭހަތްތެރި ވުމުގެ ގޮތުންނަމަ އެފަދަ ޕޯސްޓެއް ނުވަތަ ޓްވީޓެއް ކުރުމަކީ ވަރަށްވެސް މުހިންމު ކަމެކެވެ. ސަބަބަކީ މުންކަރާތެއް ފެނިއްޖެނަމަ ތިމާގެ އަތުން ނުހުއްޓުވޭ ނަމަ ދުލުން ހުއްޓުވުމަކީ މުސްލިމުންގެ މައްޗަށް ވާޖިބު ވެގެންވާ ކަމެކެވެ (މުސްލިމް).
މީސް މީޑިއާ ބޭނުން ކުރުމުގައި ބައެއް ފަހަރު ބޭކާރު ގޮތުގައި ވަތުގުތައް އިސްރާފު ވެގެން ދެއެވެ. ހުސް ވަގުތާއި ފުރިހަމަ ސިއްޙަތަކީ މީސްތަކުން ޣާފިލުވެފައިވާ ދެ ނިޢުމަތެވެ (ބުޚާރީ). އެގޮތުން މީސް މީޑިއާގައި އެއްވެސް މަންފާއެއް ނުކުރާފަދަ ގޮތަކަށް ފޮޓޯ އަދި ވީޑިއޯ ބެލުމާއި، ޓިކް ޓޮކް ފަދަ ވަސީލަތްތައް ބޭނުން ކޮށްގެން ބޭކާރު ގޮތުގައި ވަގުތު ހޭދަކުރުމާއި، ޔޫޓިއުބް މެދުވެރިކޮށް އެއްވެސް މަންފާއެއް ނެތް ވީޑިއޯ ބެލުމާއި އިންސްޓަގްރާމް މެދުވެރިކޮށް އެކި އެކި ފަރާތްތަކުގެ ޕްރޮފައިލްތައް ބެލުމުގައި ވަގުތުތައް ހޭދަކުރުންފަދި ކަންކަމަކީ ތިމާ އަށް އުޚްރަވީ މާބޮޑު މަންފާތަކެއް ނެތް ކަންކަމެވެ. އެހެން ކަމުން މިފަދަ ކަންކަމުން ދުރުހެލިވެ އެ ވަގުތުތައް ހެޔޮ ގޮތުގައި އަދި ކޮންމެވެސް ޢިލްމެއް އުނގެނުމަށް ނުވަތަ އާއިލާއާއެކު ހޭދަ ކުރުމަށް ނުވަތަ އެނޫންވެސް ކޮންމެވެސް މަންފާއެއް ހުރި ކަމަކު ހޭދަ ކުރެވިދާނެއެވެ.
ކަން މިހެން ހުރުމާއެކު، މީސް މީޑިއާ ބޭނުން ކުރުމުގައި ކޮންމެ ފަރާތެއްވެސް ވިސްނާ އިސްލާމީ ގިއުގަނޑު ތެރޭގައި ޢަމަލު ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި ކޮންމެ އިންސާނަކުވެސް މިފަދަ ވަސީލަތްތައް ބޭނުން ކުރުމުގައި އިސްލާމް ދީނުގެ ހަމަތަކާއި އުސޫލުތަކަށް ތަބާ ވުމަކީ ދަތި ކަމަކަށް ވަނީ ނަމަ ނުވަތަ އެ ވަސީލަތެއްގެ ސަބަބުން އެ އިންސާނަކަށް ކުރާ ފައިދާ އަށްވުރެ ގެއްލުން ބޮޑު ކަމުގައިވާ ނަމަ އެފަދަ ވަސީލަތެއް ބޭނުން ކުރުމުން ދުރުހެލި ވުމަކީ އެ އިންސާނަކަށް ވާޖިބު ކަމެކެވެ. މުސްލިމުންގެ އުސޫލަކީ ‘އަޑު އަހާ ކިޔަމަންގަތުން’ ކަމުގައި ވީހިންދު ހެޔޮ ބަހެއް ނުވަތަ ޢަމުރެއް ހާމަވެއްޖެ ހިނދު ވާޖިބު ވެގެންވަނީ އެ ޢަމުރަކަށް ކިޔަމަން ގަތުމެވެ. އަދި ޙަޤީޤީ މުސްލިމަކީ ތިމާގެ ދުލާއި އަތުގެ ސަބަބުން އެހެން މުސްލިމުން ސަލާތްވެގެންވާ މީހާއެވެ (ބުޚާރީ). އެހެން ކަމުން، މީސް މީޑިއާ ބޭނުން ކުރުމުގައި މިފަދަ އުސޫލުތަކުގައި ހިފާ އަދި ހެޔޮ ގޮތުގައި ބޭނުން ކުރުމަށް ނަސޭހަތްތެރިވަމެވެ.

ރިފަރެންސް
ސޫރަތުލް ބަޤަރާ، 230 ވަނަ އާޔަތް
ސޫރަތުލް ޔާސީން، 65 ވަނަ އާޔަތް
ސޫރަތުލް ޙުޖުރާތު، 13 ވަނަ އާޔަތް
ސޫރަތުލް މާއިދާ، 2 ވަނަ އާޔަތް
ސޫރަތުލް ޙުޖުރާތު، 6 ވަނަ އާޔަތް
ބޮއިޑް ޑީ.އެމް، އެލިސަން އެން.ބީ. (2008). ސޯޝަލް ނެޓްވޯކް ސައިޓްސް: ޑެފެނިޝަން، ހިސްޓްރީ، އެންޑް ސްކޮލާޝިޕް. ޖާނަލް އޮފް ކޮމްޕިއުޓަރ-މީޑިއޭޓެޑް ކޮމިއުނިކޭޝަން. 12. ޞ 230-210
އޯޑްވޭ ޑީ.އެމް. (2017). ފޭކް ނިއުސް އެންޑް ދަ ސްޕްރެޑް އޮފް މިސްއިންފޯމޭޝަން. ޖާނަލިސްޓްސް ރިސޯސަސް. ނެގީ 12 ޖޫން 2020 ގައި https://journalistsresource.org/studies/ society/internet/fake-news-conspiracy-theories-journalism-research/ން
ބުޚާރީ، ވޮލިއުމް: 8، ފޮތް: 76، ހަދީޘް: 421
ބުޚާރީ، ވޮލިއުމް: 1، ފޮތް: 2، ހަދީޘް: 10

އިޝްތިހާރު Below Header ad

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.