މިއަހަރުގެ ރަމަޟާން މަހު ސްކޫލްތަކުގައި ކިޔަވައިދޭން ފަށާނީ ހެނދުނު 9 ޖަހާއިރު: މިނިސްޓްރީ

މިއަހަރުގެ ރަމަޟާން މަހު ސްކޫލްތަކުގައި ކިޔަވައިދޭން ފަށާނީ ހެނދުނު 9 ޖަހާއިރުކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ ކިޔެވުން ނިމޭނީ ހަވީރު 15:00 ގައި ކަމަށެވެ.

އެ މިނިސްޓްރީން ނެރުނު ސަރކިއުލަރއެއްގައި ބުނެފައިވަނީ ސްކޫލްތަކުގެ ހެނދުނުގެ ދަންފަޅި ރޯދަ މަހު ފަށާނީ ހެނދުނު 8:40 އާއި 9:00 އާ ދެމެދުގައި ކަމަށާއި މެންދުރުގެ ދަންފަޅީގައި ކިޔަވައިދޭނީ ހެނދުނު 11:30 އިން މެންދުރު 13:00 އަށް ކަމަށެވެ.

މީގެ އިތުރުން ކިޔަވައި ދިނުމުގެ ވަގުތު ހަމަޖައްސަންވާނީ ކޮންމެ ދުވަހެއްގެވެސް މެންދުރު ފަހު 15:00އަށް  އެ ދުވަހެއްގެ ސެޝަން ނިންމާ ގޮތަށް ކަމަށްވެސް އެ ސަރކިއުލަރގައި ވަނީ ބުނެފައެވެ.

ރޯދަމަހު ގްރޭޑް އެކަކުން ހަތެއްގެ ދަރިވަރުންނަށް ކިޔަވައިދިނުމަށް ހަމަޖައްސާފައިވަނީ ދެ ގަޑީއިރާއި 30 މިނެޓަށް ކަމަށާއި އަށަކުން 10 އަކާ ދެމެދު ކިޔަވާ ދަރިވަރުންނަށް 3 ގަޑިއިރު، އަދި ގްރޭޑް 11 އާއި 12 ގެ ދަރިވަރުންނަށް 4 ގަޑިއިރު ކަމަށް މިނިސްޓްރީގެ ސަރކިއުލަރގައި ވަނީ ބުނެފައެވެ.

އެ ސަރކިއުލަރގައި އިތުރަށް ބުނެފައިވަނީ މަތީ ތަޢުލީމަށް ކިޔަވައިދޭ ސްކޫލްތަކުގެ އިތުރުން ޕްރީ ސްކޫލްތަކުގެ ކިޔެވުންވެސް އެއް ގަޑީއިރާއި 30 މިނެޓަށް ވުރެ ދިގުނުވާ ގޮތަށް ހަމަޖެއްސުމަށެވެ.

މިނިސްޓްރީން ބުނީ މަޣްރިބް ނަމާދާއި އިޝާ ނަމާދުގެ ވަގުތުގައި އެއްވެސް ސްކޫލް ހަރަކާތެއް ނުހިންގުމަށާއި ސްކޫލްގައި ހިންގާ ހަރަކާތްތައް ތަރާވީހް ނަމާދަށް ފުށުނާރާ ގޮތަށް ރާވާ ހިންގުމަށް އެދޭ ކަމަށެވެ. އަދި ރޯދަ މަހު ސުކޫލް ތަކުގައި ކިޔަވާދޭނެ ޓައިމްޓޭބަލް ރޯދަ މަސް ފެށުމުގެ 10 ދުވަސް ކުރިން މިނިސްޓްރީއަށް ފޮނުވުމަށްވެސް ވަނީ އެދިފައެވެ.

 

-ޚިޔާލު ފާޅުކުރައްވާ!- "މިއަހަރުގެ ރަމަޟާން މަހު ސްކޫލްތަކުގައި ކިޔަވައިދޭން ފަށާނީ ހެނދުނު 9 ޖަހާއިރު: މިނިސްޓްރީ"

ޚިޔާލު ފާޅުކުރައްވާ

އީމެއިލް އެޑްރެސް ހާމަ ނުކުރާނެ.


*