ސޫރަތުލް ގަދްރި (2)

ޑރ. މުޙައްމަދި ޢިޔާޟު ޢަބްދުއްލަޠީފު، 20 ނޮވެންބަރު 2017 އާ ގުޅޭ

(فِي لَيْلَةِ الْقَدْرِ) “ގަދްރި” ގެ މާނަ ދެގޮތަކަށް ޢިލްމުވެރިން ކުރައްވާފައިވެއެވެ. އެއީ:

  1. “ގަދްރި”ގެ މާނަ އަކީ “ޝަރަފްވެރި”. މިރެއަށް “ލައިލަތުލް ގަދްރި” ގެ ނަން ދެވުނު ސަބަބަކީ އެރެއަކީ ގުރްއާން ބާވާލައްވަން ފެއްޓެވި ރޭކަމަށް ވުމާއި ގުޅިގެން އެރެއަށް ދެވިފައިވާ ޝަރަފްވެރި ކަމަށް ޓަކައެވެ.
  2. “ގަދްރި” ގެ މާނައަކީ “ތަގްދީރު ކުރެއްވުން”. ސަބަބަކީ މުޅި އަހަރު ތެރޭގައިވާނޭ ހުރިހާ ކަމެއް އެރޭ ﷲ ތަޢާލާ ތަގްދީރު ކުރައްވާތީވެއެވެ. ސޫރަތުއް ދުޚާންގެ 3 އަދި 4 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (إِنَّا أَنزَلْنَاهُ فِي لَيْلَةٍ مُّبَارَكَةٍۚ إِنَّا كُنَّا مُنذِرِينَ ﴿٣﴾ فِيهَا يُفْرَقُ كُلُّ أَمْرٍ حَكِيمٍ ﴿٤﴾) މާނައަކީ: ” ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެފޮތް (އެބަހީ: قرآن) ބާވައިލެއްވީ ބަރަކާތްތެރިވެގެންވާ ރެޔެއްގައެވެ. ހަމަކަށަވަރުން، إنذار ކުރައްވާ ކަލަކު ކަމުގައި ތިމަންރަސްކަލާނގެ ވޮޑިގެންވަމެވެ. އެ ރޭ، ކަނޑައެޅިގެންވާ ކޮންމެކަމެއް ބަޔާންކުރައްވަތެވެ.” (އެރޭ ފައިޞަލާ ކުރައްވާ ކަނޑަ އަޅުއްވައެވެ.)

މި ދެމާނާގައިވެސް މިކަލިމަ މާނަ ކުރެވިދާނެއެވެ. ސަބަބަކީ “ލައިލަތުލް ގަދްރި” ވިލޭރެ އަކީ ޝަރަފްވެރި ރެއެކެވެ. އަދި އެއަހަރު ތެރޭގައި މަރުވާނޭ މީހުންނާއި އުފަންވާނޭ ކުދިން އަދި މީސްތަކުންގެ ރިޒްގު ކަނޑައަޅުއްވާ އަދި އެނޫންވެސް ކަންތައްތައް ފައިޞަލާ ކުރައްވާ ނިންމަވާ  ރެއަކީ އެރެއެވެ.

އިޝްތިހާރު Below Header ad

(وَمَا أَدْرَاكَ مَا لَيْلَةُ الْقَدْرِ ﴿٢﴾) މާނައަކީ: “އަދި ليلةالقدر ވިލޭރެޔަކީ، ކޮންރެޔެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟” މިގޮތަށް ސުވާލު ކުރައްވާފައި ވުމުގެ ބޭނުމަކީ އެރޭގެ މަތިވެރި ކަމާއި ޝަރަފްވެރިކަން ބަޔާން ކުރެއްވުމެވެ.

(لَيْلَةُ الْقَدْرِ خَيْرٌ مِّنْ أَلْفِ شَهْرٍ ﴿٣﴾) ” ليلةالقدر ވިލޭރޭ، އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑެވެ.” މިއީ މީގެ ކުރީ އާޔަތުގައި އޮތް ސުވާލުގެ ޖަވާބެވެ.

(خَيْرٌ مِّنْ أَلْفِ شَهْرٍ) “އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑެވެ”، މިތަނުގައި “ހެޔޮކަން ބޮޑެވެ” އޮތް ބަސްފުޅުގެ މުރާދަކީ އެރޭ ކުރެވޭ ހެޔޮ ޢަމަލުތަކުގެ ޘަވާބު އިތުރުވެގެންދާނެ ވާހަކަ އެވެ. އަދި އެރޭ މިއުއްމަތުގެ މީހުންގެ މައްޗަށް ބާވާލައްވާ ހެވާއި ބަރަކާތުގެ މަތިވެރި ކަމުގެ ވާހަކަ އެވެ. އެހެންކަމުން، އެރޭ ދަރުމަ އާއި ޘަވާބަށް އެދިގެން ރޭއަޅުކަން ކޮށްފި މީހެއްގެ އިސްވެދިޔަ ހުރިހާ ފާފަ އެއް ފުއްސަވާނެ ކަމަށް ޙަދިޘް ގައި ވާރިދުވެފައިވެއެވެ.

އަދިވެސް އެރޭގެ މާތް ކަމާއި ބެހޭ ގޮތުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (مَنْ قَامَهَا إِبْتِغَاءَهَا، ثُمَّ وَقَعَتْ لَهُ، غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ وَمَا تَأَخَّرَ)  މާނައަކީ: “އެރޭގެ ހެޔޮކަން އެދި ރޭއަޅުކަންކޮށް، އެރެޔާއި ދިމާވެއްޖެމީހާ ގެ އިސްވެދިޔަފާފަތަކާއި ފަހުން ކުރެވޭނެ ހުރިހާ ފާފައެއް ފުއްސަވައިފިއެވެ”. އެހެންކަމުން، މިރޭގެ މަތިވެރި ކަމާއި ދަރުމަ އާއި ޘަވާބު ހޯދުމަށް ގަދަ އަޅާ މަސައްކަތް ކުރަން ޖެހެއެވެ. އެރޭގެ ހެޔޮކަމުން މަޙްރޫމްވެއްޖެ މީހާ އަކީ ގިނަހެޔޮކަންތަކަކުން މަޙްރޫމް ވެގެންވާ މިހެއްކަން ބަޔާން ކުރައްވާ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ.

(فِيْهِ لِيْلَةٌ خَيْرٌ مِنْ أَلْفِ شَهْرٍ، مَنْ حَرُمَ خَيْرَهَا فَقَدْ حُرِمَ) މާނައަކީ: “އެ މައްސަރުގައި އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑު ރެއެއްވެއެވެ. އެރޭގެ ހެޔޮކަމުން މަޙްރޫމް ވެއްޖެ މީހާއަކީ މަޙްރޫމްވެގެންވާ މީހެކެވެ”.

އެރޭ ކަންތައް ހިނގައިދާނެ ގޮތުގެ ވާހަކަ ބަޔާން ކުރައްވާ ވަޙީ ކުރައްވައެވެ. (تَنَزَّلُ الْمَلَائِكَةُ وَالرُّوحُ فِيهَا بِإِذْنِ رَبِّهِم مِّن كُلِّ أَمْرٍ ﴿٤﴾) “ملائكة ންނާއި، جبريل ގެފާނު އެބޭކަލުންގެ ވެރިރަސްކަލާނގެ إذن ފުޅާއެކު، ހުރިހާ أمر ފުޅަކާއިގެން އެރޭ ފައިބައިވަޑައިގަންނަވާނެތެވެ.” މަލާއިކަތް ބޭކަލުންނަކީ އުޑުގައި ދިރިއުޅުއްވާ ބޭކަލުންތަކެކެވެ. އެބޭކަލުން ﷲ ގެ އިޛްނަ ފުޅަށް ލައިލަތުލް ގަދްރިވިލޭރޭގައި ބިންމައްޗަށް ފައިބާވަޑައިގެން ބިންމަތި ފުރުއްވާލައްވާނެއެވެ. މަލާއިކަތް ބޭކަލުން ފައިބާ ވަޑައިގަތުމުގެ މާނައަކީ ބަރަކާތާއި ރަޙްމަތް ބާވާލެއްވުމެވެ. އެގެއެއްގައި ޞޫރަ ހުންނަ ގެއަކަށް މަލާއިކަތް ބޭކަލުން ފައިބާ ވަޑައި ނުގަންނަވާ ސަބަބަކީވެސް އެއީ އެވެ.

(وَالرُّوحُ) އެއީ ޖިބްރީލް ޢަލައިހިއްސަލާމް އެވެ.

ޖިބްރީލް ޢަލައިހިއްސަލާމް އަކީ މަލާއިކަތް ބޭކަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭކަލެއް ކަމުގައިވީނަމަވެސް، ވަކިން އެކަލޭގެފާނުގެ ނަންފުޅު ޚާއްޞަ ކުރައްވާފައި ވުމުގެ ޙިކްމަތަކީ އެކަލޭގެފާނުގެ މާތް ކަމާއި ޝަރަފުވެރިކަން ބަޔާން ކުރެއްވުމެވެ.

(بِإِذْنِ رَبِّهِم) މާނައަކީ: “ﷲގެ އަމުރުފުޅަށް”.

މިތަނުގައި “އިޛްނު” ގެ މުރާދަކީ ކައުނީ އިޛްނަ އެވެ. ސަބަބަކީ ﷲ ގެ އިޛްނަ ދެބަޔަކަށް ބެހިގެން ވެއެވެ. އެއީ: އިޛްނު ކައުނީ އާއި އިޛްނު ޝަރްޢީ އެވެ.

އިޛްނު ޝަރްޢީގެ މިޘާލަކީ ސޫރަތުއް ޝޫރާގެ 21 ވަނަ އާޔަތެވެ. (أَمْ لَهُمْ شُرَكَاءُ شَرَعُوا لَهُم مِّنَ الدِّينِ مَا لَمْ يَأْذَن بِهِ اللَّـهُ ۚ  ) މާނައަކީ: “ނުވަތަ اللَّه، إذن ދެއްވާފައިނުވާ دين އެއް، އެއުރެންނަށް، شرع ކޮށް ކަނޑައަޅައިދިން شريك ންތަކެއް އެއުރެންނަށް ވޭހެއްޔެވެ؟”  މިތަނުގައި މިވަނީ ﷲ އިޛްނަ ދެއްވާފައިވާ ޝަރްޢު ފިޔަވާ އެހެން ޝަރީޢަތެއް ޝަރްޢު ކުރުމުގެ ވާހަކައެވެ.

އިޛްނު ކައުނީގެ މިޘާލަކީ ސޫރަތުލް ގަދްރިގެ 4 ވަނަ އާޔަތެވެ. (تَنَزَّلُ الْمَلَائِكَةُ وَالرُّوحُ فِيهَا بِإِذْنِ رَبِّهِم مِّن كُلِّ أَمْرٍ ﴿٤﴾) “ملائكة ންނާއި، جبريل ގެފާނު އެބޭކަލުންގެ ވެރިރަސްކަލާނގެ إذن ފުޅާއެކު، ހުރިހާ أمر ފުޅަކާއިގެން އެރޭ ފައިބައިވަޑައިގަންނަވާނެތެވެ.”

(مِّن كُلِّ أَمْرٍ) ﷲ އެބޭކަލުންނަށް ކުރެއްވި އެންމެހައި އަމުރު ތަކާއިގެންނެވެ.

(سَلَامٌ هِيَ حَتَّىٰ مَطْلَعِ الْفَجْرِ ﴿٥﴾) މިއީ މުބްތަދާ އަކާއި ޚަބަރަކުން އެކުލެވިފައިވާ ޖުމްލަ އެކެވެ. މިތަނުގައި ޚަބަރު މިވަނީ ކުރިޔަށް ޖެހިފައެވެ. ތަގްދީރަކީ ( هي سلام ) ނުވަތަ “އެރެއަކީ ސަލާމަތްކަން ލިބިގެންވާ ރެއެކެވެ.”

މިރެއަށް “ސަލާމް” ގެ ނަން ދެއްވާފައިވާ ސަބަބަކީ އެރޭ ފާފަތަކުން ޠާހިރުވާ މީހުން ގިނަކަމުންނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (مَنْ قَامَ لَيْلَةُ الْقَدْرِ إِيْمَاناً وَاحْتِسَاباً غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ) މާނައަކީ: “އީމާންކަމާއި ދަރުމައާއި ޘަވާބަށް އެދި ލައިލަތުލް ގަދްރިވިލޭރޭ އަޅުކަންކޮށްފިމީހެއްގެ އިސްވެދިޔަ ހުރިހާ ފާފައެއް ފޮހެވިއްޖެއެވެ”.

( حَتَّىٰ مَطْلَعِ الْفَجْرِ ) މިރޭގެ މާތްކަން ފަޖުރު ލުމާއި ހަމައަށް ދެމިގެން ވެއެވެ. ފަޖުރު ލުމާއި އެކު ލައިލަތުލް ގަދްރި ނިމިގެން ދެއެވެ.

މި ސޫރަތުގައި ލައިލަތުލް ގަދްރި ވިލޭރޭގެ މާތްކަން އެތައް ގޮތަކުން ބަޔާން ކުރައްވާފައިވެއެވެ. އެގޮތުން:

  1. މީސްތަކުންނަށް ދެދުނިޔޭގެ ބާއްޖެވެރިކަން ހޯއްދަވައި ދެއްވުމަށް ޓަކައި އެރޭ ގުރްއާން ބާވާލެއްވިކަން.
  2. އެރޭގެ މަތިވެރިކަން ބަޔާން ކުރެއްވުމުގެ ގޮތުން އެރެއަކީ ކޮން ރެއެއްކަން ކަލޭގެފާނަށް އެނގިވަޑައިގަންނަވާތޯ ސުވާލު ކުރައްވާފައިވާ ކަން. (وَمَا أَدْرَاكَ مَا لَيْلَةُ الْقَدْرِ )
  3. އެއްހާސް އަހަރަށް ވުރެ އެރޭގެ ހެޔޮކަން ބޮޑުކަން.
  4. އެރޭ ބަރަކާތާއި ހެވާއިގެން މަލާއިކަތް ބޭކަލުން ފައިބާ ވަޑައިގަންނަވާކަން.
  5. އެރޭ ތައުބާވެ ފާފަތަކުން ދުރުހެލިވާ މީހުން ގިނަކަމުގެ ސަބަބުން އެރެއަށް “ސަލާމް” ގެ ނަން ދެއްވާފައިވާ ކަން.
  6. ގިޔާމަތާއި ހަމައަށްވެސް ކިޔެވޭނެ ސޫރަތެއް މި ރޭގެ މާތްކަން ބަޔާން ކުރައްވާ ބާވާލައްވާފައިވާކަން.

ނިމުނީ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.